މަޖިލީހާ ނުލައި ތަރައްގީ ގެންނަން ދަތިވާނެ: ރައީސް

ތަރައްގީ ގެންނަން ބޭނުން ވަނީ ބާރު ސްޕީޑުގަ އެވެ. ލަސް ލަހުން ތަރައްގީ ގެނައުން އެއީ ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ނޫނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަނީ

ރައްޔިތުންގެ މަޖިލީހާއި ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފ. އަތޮޅު ނިލަންދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދައުލަތުގެ ބަޖެޓް ފާސް ކުރަނީ މަޖިލީހުން ކަމަށާއި މަޖިލީހާއި ނުލައި ތަރައްގީ ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެކަން ކުރަން ދަތިވާނެ ކަމަށެވެ. އަދި މިހާރު ސަރުކާރުން ބޭނުން ކުރާ ބަޖެޓު ވެސް އޮތީ ވަރަށް ހާލުގައި ކަމަށާއި މިހާރު އޮތް މަޖިލީހުން ބަޖެޓް ފާސްކޮށް ދިނީ ނަމެއްގައި މަޝްރޫއުތައް ހިމެނުމަށް ފަހު ކަމަށެވެ.

"އަލަށް ފަށަން ވައުދުވެފައި އޮތް މިސާލަކަށް ބަނދަރެއް ހަދަން ޖަހާފައި އޮވެދާނެ ދެ ލައްކަ ރުފިޔާ. އެހެން އެބަހުރި އެތައް މަޝްރޫއެއް ހިމަނާފައި،" މަޖިލީހުން ފާސްކޮށްދިން ބަޖެޓާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އޮވެއްޖެ ނަމަ މަޝްރޫއުތަކަށް ހިމަނާނީ ދެ ލައްކަ ރުފިޔާ ނޫން ކަމަށާއި އޭރުން ސަރުކާރުން އެދޭ ގޮތަށް ފައިސާ ހިމަނައި ފާސްކޮށްދޭނެ ކަމަށެވެ. މި ވިސްނުމުގައި މުޅި ރާއްޖޭގެ ރައްޔިތުން ކުރިއަށްދާ ނަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްގީ ވަރަށް ބާރު ސްޕީޑުގައި ހާސިލުވާތަން ފެންނާނެ ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ތަރައްގީ ގެންނަން ބޭނުން ވަނީ ބާރު ސްޕީޑުގައި ކަމަށާއި ލަސް ލަހުން ތަރައްގީ ގެނައުން އެއީ އެމަނިކުފާނުގެ ވިސްނުމެއް ނޫން ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ވާން ބޭނުން ވަނީ ފަސް އަހަރުތެރޭ ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމަ އަށް އަދާކުރާ މީހަކަށް ކަމަށާއި އެ ޒިންމާ އަދާކުރުމަށް މަގުފަހިކޮށްދެވެން އޮތީ ރައްޔިތުންނަށް ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.