ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅަނީ

އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެ ކަމަށާ ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އަސްލަމް:ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ނިންމުމަށްފަހު ހުކުމް ނުކޮށް ލަސްވަމުންދާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރޭ އައްޑޫގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފީ މައްސަލަ ނިމުނުތާ ހަތަރު މަސް ވެފައިވާއިރު އަދިވެސް ހުކުމް ކުރަން ނޫޅޭ ކަމަށެވެ. އެކަން ކުރަނީ ސަރުކާރުގެ ނުފޫޒުން ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަމަ އެ މައްސަލަ ޖޭއެސްސީއިން" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ޝަރީއަތް ލައްވާ ވާހަކަ އަސްލަމް ދެއްކެވީ، އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާފައިވާކަން ފާހަގަކުރައްވާ އެކަން ކުށްވެރިކުރައްވަމުންނެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 25، 2022 ގައެވެ. އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައި ވަނީ ނޮވެމްބަރު 21، 2023 ގައެވެ.

ރައީސް ޔާމީނަށް އިންސާފު ހޯއްދަވައިދެއްވަމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވިދާޅުވެފައި ވަނީ އެކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ޖުޑިޝަރީއަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތް ލަސްކުރަނީ ސަރުކާރުން އަތް ބާނައިގެން ކަމަށް ހުދު އެމަނިކުފާނު ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.