އަސްލަމް ނުރުހި ސުވާލެއް؛ މަޖިލީހުން ސަރުކާރަށް ކޮށްނުދެނީ ކޮން ކަމެއް؟

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެކޭ މުޅި މަޖިލީހުގެ ތާރީހުގަ ގާނޫނުތައް ވެސް ހެދިފަ ހުރީ، ގާނޫނުތަކަށް އިސްލާހު ގެނެވިފަވެސް ހުރީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ކޮންމެ ކަމެއް އެދިވަޑައިގެންނެވި ގޮތަށް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން މިހާތަނަށް ކޮށްދީފައިވާނެ ކަމަށާއި އެމަނިކުފާނު އެ ދައްކަވަނީ އެދިވަޑައިގެންނެވި ކޮން ކަމެއް މަޖިލީހުން ނުކޮށްދޭ ވާހަކަތޯ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސުވާލު އުފައްދައްފި އެވެ.

މިމަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލީސް އިންތިހާބުގައި އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން އަސްލަމް ތަކުރާރުކޮށް ކުރެއްވީ އެ ސުވާލެވެ.

"އަޅުގަނޑު ރައީސް މުއިއްޒުގެ އަރިހުން އަހާލަން ބޭނުންވަނީ ކޮން ކަމެއްގައިތޯއޭ ސަރުކާރުން އެދިގެން އަޅުގަނޑުމެން އެއްބާރުލުން ނުދިނީ؟ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީއެއް އޮވެގެން ސަރުކާރުން މަޖިލީހުގެ ތެރެއިން ކުރަން ބޭނުންވި ކޮން ކަމެއްގަތޯއޭ ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް، ރައީސް މުއިއްޒަށް އެއްބާރުލުން ދިނިން،" އަސްލަމް އެއްސެވި އެވެ.

އަސްލަމް ވިދާޅުވީ ރައީސް މިދިޔަ އަހަރުގެ މަޖިލީސް ދައުރު ނިންމާލީ މަޖިލީސް ބަންދު ކުރަން އޮއްވާ ދިގު ދަންމާލައިގެން ބަޖެޓް ވެސް ފާސްކޮށްދިނުމަށްފަހުގައި ކަމަށެވެ. އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ވެސް އެދިވަޑައިގެންނެވި ގޮތަށް ކޮށްދީ މަޖިލީހުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށެވެ.

އަދި، ރިޔާސީ ބަޔާން އިއްވި ދުވަހު ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސަވައިދެއްވި ކަމަށް ވިދާޅުވި އެވެ. އަދި ތިން ވަޒީރުން ނޫން ހުރިހާ ވަޒީރުންނަށް ރުހުން ވެސް ދީފައިވާކަން ފާހަގަކުރެއްވި އެވެ. އަދި، މިނިވަން މުއައްސަސާތަކަށް އައްޔަނު ކުރަން ރައީސް މުއިއްޒު ފޮނުއްވާ ނަންތައް ވެސް ފާސްކޮށްދެއްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވަރަށް ހިތްހަމަ ނުޖެހުން އޮތް، އެމްޑީޕީގެ ވެސް ވަރަށް ގިނަ ހިތްހަމަނުޖެހުން އޮތް. އެއީ ކޮންމެ ޖަލްސާއެއްގަ، އަދި އެމްޑީޕީ މެމްބަރުން ވަޑައިގަންނަވާ ޖަލްސާތަކުގަ ކަނޑައެޅިގެން ދޮގު އަޅުގަނޑުމެން ކުރިމަތީގަ ހަދަމުންދާއިރުވެސް ރައްޔިތުންގެ މަޖިލީހުން އަދި އަޅުގަނޑުމެން އެމްޑީޕީން މަޖިލީސް ބޮއިކޮޓް ކުރަން ނިންމާފަ އޮތް ހާލަތުގަ ވެސް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑުވާނީ މަޖިލީހުން ކުރަން ޖެހޭ އެންމެހާ ކަންކަން ފުރިހަމައަށް ކޮށްދީފަ،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު --

އަސްލަމް ވިދާޅުވީ 19 ވަނަ މަޖިލީހަކީ އެންމެ ގިނަ ގާނޫނުތައް ފާސްކޮށް އިސްލާހު ގެނެވުނު މަޖިލީސް ކަމަށެވެ. މިވަގުތު 466 ގާނޫނަކަށް ރާއްޖޭގައި އަމަލުކުރަމުންދާއިރު، އޭގެ ތެރެއިން 130 ގާނޫނަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އިސްލާހު ގެނައި އަދި ވުޖޫދަށް ގެނުވި ގާނޫނުތައް ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ހަތް ބިލެއް މި ސަރުކާރުން މިހާރު ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަނބުރާ ނުގެންދެވި ހުރީ ކޮމެޓީތަކުގައި ހުރި ބިލުތައްކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީގެ މެޖޯރިޓީގައޭ މަޖިލީސް ހިނގަނީ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެކޭ މުޅި މަޖިލީހުގެ ތާރީހުގަ ގާނޫނުތައް ވެސް ހެދިފަ ހުރީ، ގާނޫނުތަކަށް އިސްލާހު ގެނެވިފަވެސް ހުރީ، އަދި ގެނެވިފަވާ އިސްލާހުތަކަކީ އެއީ ރައްޔިތުންނަށް މަންފާހުރި، ރައްޔިތުންނަށް ފައިދާ ހުރި، ރައްޔިތުންނަށް ބޭނުންހުރި ގާނޫނުތަކެކޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އިންކަމް ޓެކްސް ނެގުމާ މިނިވަން ވޭޖް ކަނޑައެޅުން ފަދަ ކަންކަމަކީ ކުރީ ސަރުކާރުތަކުން ނުކުރި ކަންކަން ކަމަށާއި އެކަންކަން ކުރަން ކެރިވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. މިފަދަ މުހިންމު މަސައްކަތްތައް ކޮށްފައި ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ކަން ވެސް ވިދާޅުވި އެވެ.

އަސްލަމް މިހެން ވިދާޅުވިއިރު، ތަރައްގީ މަޝްރޫއުތައް ހިންގަން ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު ކަމަށް ރައީސް މުއިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި ސަރުކާރުގެ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއަށް ކަނޑައެޅި ބަޖެޓު އަތުލައި ބަހާލާފަ އެވެ. އެކަމަށް ސަރުކާރުން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ވަނީ ރައީސް ސޯލިހުގެ ސަރުކާރުން ކެމްޕޭނާ ދިމާކޮށް ދޫކުރި ގޯތިތައް ދިނުމަށް ކަނޑައަޅާފަ އެވެ. އަދި ސަރުކާރު ހަމައަކަށް ނޭޅިގެން އުޅެނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން މަޖިލީހުން ބަދަލު ކުރަން ނޯކޮންފިޑެންސް ނަގަންވެސް މަސައްކަތް ކުރި އެވެ. މީގެ އިތުރުންވެސް މަޖިލީހުގެ ކޮމެޓީތައް މެދުވެރިކޮށް ގިނަ ކަންތައްތަކަކަށް ވަނީ ފިއްތާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.