އެސްއެމްއީ ލޯނާއި ކިޔަވާ ލޯނު ލިބުން މިހާރު ދަތި: ރައީސް ސޯލިހު

އެހެންނަމަވެސް މިއަދު އަޅުގަނޑު ކަންބޮޑުވާ ކަމަކީ ހިލޭ ޑިގްރީއަށާ މި ސްޓޫޑެންޓް ލޯނު، މަސައްކަތްކޮށް ދަތިވެގެން އެ ލޯނު ނުލިބިގެން އެތައް ކުދިންނެއް އެކަމުގެ ޝަކުވާ އަޅުގަނޑުމެންނާ ހިސާބަށް އެބަ ގެނޭ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވާހަކަދައްކަވަނީ --

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދޭން ކުރީ ސަރުކާރުން އުފެއްދި، އެސްއެމްއީ ބޭންކުން ދޫކުރާ ލޯނާއި ސްޓޫޑެންޓް ލޯނު ލިބުން ދަތިވެފައިވާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހު އިންތިހާބުގެ ކެމްޕޭނަށް ރޭ އައްޑޫ ސިޓީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީކުރަން ނިމިދިޔަ ފަސް އަހަރު ކުރެވުނު އެންމެ މުހިންމު އެއް ކަމަކީ މަތީ ތައުލީމު ހާސިލް ކުރަން ފަހިކޮށްދެވުނު ކަންކަން ކަމަށެވެ.

ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު 18،000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހާސިލްކުރަމުން ދިޔަ ކަމަށާއި އޭގެ ތެރެއިން 9000 ދަރިވަރުން މިހާރު ކިޔަވާވެސް ނިމިއްޖެ ކަމަށެވެ. އަދި އެ މަނިކުފާނަށް މި ފަސް އަހަރު ލިބުނުނަމަ ދުނިޔޭގެ ކޮންމެ ގައުމަކުން ކިޔަވަން ސްޓޫޑެންޓް ލޯނު ދޫކުރާ ސިޔާސަތެއް ކަނޑައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރު ގާތްގަނޑައަކަށް 3700 ދަރިވަރުންނަށް ރާއްޖޭން ބޭރުގައި ކިޔަވަން ސްޓޫޑެންޓް ލޯނު ދޫކޮށްފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެހެންނަމަވެސް މިއަދު އަޅުގަނޑު ކަންބޮޑުވާ ކަމަކީ ހިލޭ ޑިގްރީއަށާ މި ސްޓޫޑެންޓް ލޯނު، މަސައްކަތްކޮށް ދަތިވެގެން އެ ލޯނު ނުލިބިގެން އެތައް ކުދިންނެއް އެކަމުގެ ޝަކުވާ އަޅުގަނޑުމެންނާ ހިސާބަށް އެބަ ގެނޭ. ބިރުވެރިކަމުގެ ތެރެއަށް މިކަން ވެއްޓިގެން އެ ދަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ އިތުރުން އެސްއެމްއީ ބޭންކުން ދޫކުރަމުން އައި ލޯނު ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ. އެ ބޭންކުގައި ހުރި ފައިސާކޮޅު މި ސަރުކާރުން ނަގައި މުހިން އެހެން ކަމަކަށް ހަރަދުކޮށްފައި ހުރި ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިހާރު އެ ލޯނަށް ހުޅުވާލާފައި އެ އޮތީ ނަމަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސުވާލުކޮށްލަންވީ އޭގެއިން ކުރީ ކޮންކަމެއް ތޯ ؟ އަނެއްކާ ވެސް އެ އުފެއްދި މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް މުސާރަ ދޭންތޯ އެ ބޭނުންކުރީ؟ ހަމަގައިމު ވެސް ދައުލަތުގެ ބަޖެޓުން އެބަ ފެނޭ އިންތިހާއަށް އެކަމަށް ހަރަދު ކުރާތަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ހިލޭ ޑިގްރީ އަށް ކިޔަވަން ފުރުސަތު ދިނުމަށާއި ސްޓޫޑެންޓް ލޯނު ދިނުން ހުއްޓާ ނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. އެކަން ނުހުއްޓުވުމަށް ވެސް އެދިވަޑައިގަތެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.