އެއްބާރުލުންދީ، ސިކުންތެއް ވެސް ބޭކާރު ނުކޮށް ރަނުން ރަނަށް ހުރިހާ ވައުދެއް ފުއްދާނަން: ރައީސް

"ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަ ދޭނަން އިރާދަކުރެއްވިއްޔާ. އެންމެ ވައުދެއް ވެސް ދޫކޮށް ނުލާނަން. އެކަމަކު އެއްބާރުލުން ލިބިގެން ވާނީ. ހަގީގަތު ގައި ވެސް ލިބިގެން ވާނީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އެންމެ ވައުދެއް ވެސް ދޫކޮށް ނުލައްވާނެ ކަމަށާ ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކަށް ސަރުކާރު ހިންގާ ޕީއެންސީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއް ގައި ހިތަދޫ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ބަދަލަށް ވޯޓް ދޭން ޖެހޭ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީގެ ތަރައްގީއަށް ވޯޓް ދޭންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީއަށް އެމަނިކުފާނުގެ މެނިފެސްޓޯ ގައި ވަރަށް ބޮޑެތި އެހާމެ މުހިންމު ތަަރައްގީގެ މަޝްރޫއުތައް އެބަހުރި ކަމަށާ އެ ހުރިހާ މަޝްރޫއުތަކަކީ ހަގީގަތަކަށް ވާނެ މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ. އެކަމަށް ބޭނުން ވަނީ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދަ ދޭނަން އިރާދަކުރެއްވިއްޔާ. އެންމެ ވައުދެއް ވެސް ދޫކޮށް ނުލާނަން. އެކަމަކު އެއްބާރުލުން ލިބިގެން ވާނީ. ހަގީގަތު ގައި ވެސް ލިބިގެން ވާނީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ ރައްޔިތުން ކިބައިން އެދިވަޑައިގަންނަވާ އެއްބާރުލުމަކީ މި މަހުގެ 21 ވަނަ ދުވަހު އޮންނަ އިންތިހާބު ގައި ރަނގަޅު ނިންމުން ނިންމާ ސަރުކާރަށް އެއްބާރުލުން ދީ ތަރައްގީއަށް ފުރުސަތު ދޭނެ ކެންޑިޑޭޓުން އިންތިހާބު ކުރުން ކަމަށެވެ.

"އަޅުގަނޑާ ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން ކިހިނެތްތޯ މިކަން ކުރެވޭނީ. ނުކުރެވޭނެ،"

ރައީސް އެދިވަޑައިގަތީ މާޒީއަށް ނުބަލާ މި ފަހަރު ރަނގަޅު ނިންމުން ނިންމުމަށެވެ. އަދި މަޖިލީސް ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހެދުމަށެވެ. އެމަނިކުފާނު އެދިވަޑައިގަތީ އައްޑޫގެ ހުރިހާ ރައްޔިތުން ވެސް އެ ސިޓީގެ މަސްލަހަތު މި ފަހަރު އިސްކޮށް ވޯޓް ދެއްވުމަށެވެ.

"އައްޑޫ ބަދަލަކަށް" މި ނަމުގައި އޮތް ޖަލްސާ އެ ސިޓީގެ ރައްޔިތުން ބައިވެރިވަނީ

"ހަގީގަތު ގައި ވެސް މި ފަހަރު ބަދަލަކަށް ވޯޓް ދެއްވަން ޖެހޭ. ހަގީގަތުގައި ވެސް ޕީޕީއެމް / ޕީއެންސީގެ މެންބަރުންނަށް މި ވޯޓް ދޭން ޖެހެނީ މި ސިޓީގެ ތަަރައްގީ ހަގީގަތަކަށް ހަދަން،"

ރައީސް ދެއްވި ޔަގީން ކަމަކީ ސިޓީގެ މަސްލަހަތު އިސްކޮށްފިނަމަ އެމަނިކުފާނު ވެވަޑައިގެންފައިވާ ކޮންމެ ވައުދެއް އަމަލީ ގޮތުން ނިންމާ ދެއްވާނެ ކަމުގެ ޔަގީން ކަމެކެވެ. އެކަމަށް އެންމެ ސިކުންތެއް ވެސް ބޭކާރު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ވަގުތެއް ނެތް ބޭކާރު ކުރާކަށް. ރައްޔިތުންނަށް ތަރައްގީ ގެނައުމުގައި ބޭކާރު ކުރާނެ އެންމެ މިނެޓެއް ވެސް އަޅުގަނޑަކަށް ނެތް. ރައްޔިތުން އެއްބާރުލުން ދެއްވާ، އެންމެ މިނެޓެއް ކީއްކުރަންތޯ އެންމެ ސިކުންތެއް ވެސް ބޭކާރުކޮށް ނުލާނަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.