އައްޑޫގައި ސިމެންތި ލޭޔަރު އަޅާފައިވާ 60 ކިލޯ މީޓަރު މަގުތަކުގައި ތާރު އަޅަނީ، 18 މިލިއަން ޑޮލަރު ހަރަދު ކުރާނެ

"މި ދެންނެވި ސީއެސްޕީ -- ސިމެންތި ލޭޔަރު އަޅާފައިވާ 60 ކިލޯ މީޓަރުގައި ތާރު އަޅައިދޭނަން އަޅުގަނޑުމެން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުއަށް ބަދަލު ގެނެސް ސިމެންތި ލޭޔަރު އަޅައިގެން ހަދަމުންދާ މަގުތަކުގައި ވެސް ތާރު އަޅަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން ވަނީ އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބިޔަ މަޝްރޫއުއެއް ފަށާފައެވެ. އެއީ 100 ކިލޯ މީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމެވެ. ނަމަވެސް ތާރު އަޅައިގެން ތަރައްގީ ކުރަނީ 40 ކިލޯ މީޓަރުގެ ސަރަހައްދެކެވެ. ބާކީ އޮތް 60 ކިލޯ މީޓަރު ހަދަނީ ސިމެންތި ލޭޔަރެއް އަޅައިގެންނެވެ.

އެއީ އައްޑޫގެ ގިނަ ބަޔަކު ކަންބޮޑުވުން އޮތް ކަމެކެވެ. އެ މަސައްކަތް އިންޑިއާގެ ކުންފުނިން ކުރާ ގޮތާމެދު ވެސް ސުވާލު އުފައްދަ އެވެ. ފެންވަރާ މެދު ވެސް ބަޔަކު ސުވާލު އުފެއްދި އެވެ.

އައްޑޫ ސިޓީ ހިތަދޫ ގައި މިރޭ އޮތް ކެމްޕެއިން ޖަލްސާއެއް ގައި ރައީސް މުއިއްޒު ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން 100 ކިލޯ މީޓަރުގެ ތެރެއިން 60 މީޓަރުގައި ވަނީ ސިމެންތި ލޭޔަރެއް އަޅާފައި ކަމަށާ އެކަމުގެ ސަަބަބުން ވަރަށް އަވަހަށް މަގުތައް ހަލާކުވެ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވާ ކަމަށެވެ. އެހެން ކަމުން މުޅި މަޝްރޫއު އެކަށް ތާރު އަޅައިގެން ކުރިއަށް ގެންދަން ނިންމާ 18 މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.

"މި ދެންނެވި ސީއެސްޕީ -- ސިމެންތި ލޭޔަރު އަޅާފައިވާ 60 ކިލޯ މީޓަރުގައި ތާރު އަޅައިދޭނަން އަޅުގަނޑުމެން،"

"އައްޑޫ ބަދަލަކަށް" މި ނަމުގައި އޮތް ޖަލްސާ އެ ސިޓީގެ ރައްޔިތުން ބައިވެރިވަނީ

މީގެ އިތުރުން އައްޑޫގެ ސިއްހީ ހިދުމަތް ފުޅާކުރުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއުއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން ކެތް ލެބް ގާއިމުކުރުމާއި ހޮސްޕިޓަލް ގައި ވޯޑް ފެސިލިޓީ އިތުރުކުރާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ދެމުންދާ ޑައިލިލިސް ހިދުމަތް އިތުރަށް ފުޅާކޮށް އެކި ތެރެޕީތައް އިތުރު ކުރުމަށް މަޝްރޫއުއެއް ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އައްޑޫ އެއާޕޯޓްގެ ތަަރައްގީ މިހާރު އޮތް ސްކޭލަށް ވުރެ ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ހައި ސީޒަން އަންނަވާއިރަށް އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްސޭރި ޓޫރިޒަމްގެ މަޝްރޫއު ކުރިއަށްދާ ކަމަށާ އެ މަޝްރޫއުގެ ދަށުން 6000 އެނދު ތަރައްގީ ކުރެެވޭނެ ކަމަށެވެ. އަދި ހަންކެނޑެ މަޝްރޫއު ވެސް އޮތީ އަމަލީ މަސައްކަތް ފެށުމާ ދާދި ކައިރީގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ
2080 އެނދުގެ މަޝްރޫއުއެކެވެ.

"އަޅުގަނޑުމެން އަމަލީ ގޮތުން ކުރާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވާހަކައެއްގެ ގޮތުގައި ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީ ގޮތުން ތަރައްގީ ގެނެސް ދޭނީ އަޅުގަނޑުމެން،"

މީގެ އިތުރުން އިންޓަނޭޝަަނަލް ޕޯޓްގެ މަޝްރޫއު ވެސް ކުރިއަށް އެބައޮތް ކަމަށެވެ. ފެނުގެ ނިޒާމު އަޕްގުރޭޑް ކުރުމުގެ މަސައްކަތް މި ހަފްތާގައި ހަވާލު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.