ބޭނުން ވަނީ މާލެއަށް ވުރެ އައްޑޫ ތަރައްގީ ކުރަން: ރައީސް

"އަޅުގަނޑު ބޭނުންވަނީ މާލޭގެ ތަރައްގީ، މާލޭގައި ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް މާލެއާ އެ ފެންވަރުގައި ހުރިހާ ކަމެއް ވެސް -- ސިއްހީ ނިޒާމު ވެސް ތައުލީމީ ނިޒާމު ވެސް ގެދޮރުވެރިކަން ވެސް މާލެއާ އެއްފެންވަރަކަށް އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް މި ސިޓީ ހަދައިދިނުން،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

މާލެ ސިޓީއަށް ވުރެ އައްޑޫ ސިޓީއަކީ ތަރައްގީވެފައި އޮންނަ ތަނަކަށް ހައްދަވަން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީއަށް ވަޑައިގެން ހިތަދޫ ގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލު ކުރެވޭނީ ދެކުނާއި އުތުރުގެ ހަތަރު އަތޮޅު އަދި މެދުއަތޮޅުތަކުގެ ހަތް އަތޮޅު ޒޯނެއް ގޮތަށް ތަރައްގީ ކުރެވިގެން ކަމަށެވެ.

ރައީސް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅުގެ މައި ހަބަކީ އައްޑޫ ސިޓީ ކަމަށާ އައްޑޫ ސިޓީގެ ތަރައްގީއަށް އެމަނިކުފާނުގެ މެނިފެސްޓޯ ގައި މުހިންމު ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ. އެއީ ޕްލޭން ކޮށް ލިޔެފައިވާ މަޝްރޫއެއް ކަމަށާ އެއީ ހަގީގަތަކަށް ހެދޭނެ މަޝްރޫއުތަކެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އައްޑޫ ރައްޔިތުންނަކީ ތަރައްގީގެ އުންމީދުގައި "ދެބަދޭތެރޭ" ގައި ތިބޭ ބަޔަކަށް ވުމަށް އެމަނިކުފާނު އެދިވަޑައިނުގަންނަވާ ކަމަށާ ހަގީގީ މާނާގައި ތަރައްގީ ގެނެސް ދެއްވުމަކީ އެމަނިކުފާނުގެ އުންމީދު ކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މާލޭގެ ތަރައްގީ، މާލޭގައި ކުރިއަށް ގެންދާ ހުރިހާ މަޝްރޫއުތަކެއް މާލެއާ އެ ފެންވަރުގައި ހުރިހާ ކަމެއް ވެސް -- ސިއްހީ ނިޒާމު ވެސް ތައުލީމީ ނިޒާމު ވެސް ގެދޮރުވެރިކަން ވެސް މާލެއާ އެއްފެންވަރަކަށް އަދި އެއަށްވުރެ ވެސް ރަނގަޅަށް ތަރައްގީވެފައި އޮންނަ ތަނަކަށް މި ސިޓީ ހަދައިދިނުން،"

"އައްޑޫ ބަދަލަކަށް" މި ނަމުގައި އޮތް ޖަލްސާ އެ ސިޓީގެ ރައްޔިތުން ބައިވެރިވަނީ

"އައްޑޫ ބަދަލަކަށް" މި ނަމުގައި އޮތް ޖަލްސާ ގައި ރައީސް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ދައުރުގެ ކުރީކޮޅުގައި ފަށާފައި ނެތް ކަމަށެވެ. އެކަން ބަދަލު ކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާ ކަމަށާ އައްޑޫގެ ބްރިޖްގެ މަސައްކަތް ދައުރުގެ އެންމެ ކުރީކޮޅު ފެއްޓެވީ އެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމަވަން ބޭނުންފުޅުވާތީ ކަމަށެވެ.

ބްރިޖްގެ މަސައްކަތް ފެށުމަށް ކަނޑުއަޑީގެ ސާވޭ ނިމި ޑިޒައިންގެ ތިންބައިކުޅަ އެއްބައިގެ މަަސައްކަތް މިހާރު ނިމިފައިވާ ކަމަށާ މި އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށެވެ.

"މި އަހަރު ނިމުމުގެ ކުރީގައި އެ ބްރިޖް އަމަލީ ގޮތުން ފަށާނަނަ، އިރާދަކުރެއްވިއްޔާ. އެއީ ކީއްވެގެން، އަޅުގަނޑު ބޭނުން މި ދައުރުގެ ތެރޭގައި އެ ބްރިޖު ނިންމަން،"

ރައީސް ވިދާޅުވީ އެ މަސައްކަތް ހުއްޓުވިދާނެ ކަމަށާ އެއީ މަޖިލީހަށް އޮތް ބާރެއް ކަަމަށެވެ. އެފަދަ ފުރުސަތެއް ނު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. ރައީސް ވިދާޅުވީ ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދަވާނެ ކަމަށާ ތަރައްގީ ގެނައުމަށް އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ނުކުރައްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިތަދޫގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވަނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ރާއްވަވާފައިވާ ބައެއް މަޝްރޫއުތަކުގެ ތަފްސީލު ވެސް ދެއްވާފައެވެ. ވިދާޅުވީ އައްޑޫ އެއާޕޯޓްގެ ތަަރައްގީ މިހާރު އޮތް ސްކޭލަށް ވުރެ ފުޅާ ކުރައްވާނެ ކަމަށެވެ. އަދި ހައި ސީޒަން އަންނަވާއިރަށް އައްޑޫއަށް ސީދާ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައްސޭރި ޓޫރިޒަމްގެ މަޝްރޫއު ކުރިއަށްދާ ކަމަށާ އެ މަޝްރޫއުގެ ދަށުން 6000 އެނދު ތަރައްގީ ކުރެެވޭނެ ކަމަށެވެ. އަދި ހަންކެނޑެ މަޝްރޫއު ވެސް އޮތީ އަމަލީ މަސައްކަތް ފެށުމާ ދާދި ކައިރީގައި ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެއީ
2080 އެނދުގެ މަޝްރޫއުއެކެވެ.

"އަޅުގަނޑުމެން އަމަލީ ގޮތުން ކުރާނީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވާހަކައެއްގެ ގޮތުގައި ތަރައްގީއެއް ނުބާއްވާނަން. ފޮތެއްގައި ލިޔެފައެއް ނުބާއްވާނަން. އަމަލީ ގޮތުން ތަރައްގީ ގެނެސް ދޭނީ އަޅުގަނޑުމެން،"

މީގެ އިތުރުން އިންޓަނޭޝަަނަލް ޕޯޓްގެ މަޝްރޫއު ވެސް ކުރިއަށް އެބައޮތް ކަމަށެވެ. ފެނުގެ ނިޒާމު އަޕްގުރޭޑް ކުރުމުގެ މަސައްކަތް މި ހަފްތާގައި ހަވާލު ކުރާނެ ކަމަށާ ސިމެންތި ލޭޔަރު އަޅައިގެން ހަދަމުންދާ މަގުތަކުގައި ތާރު އަޅައި ދޭނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.