އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ދެވަނަ ބެޗް މި މަހުގެ ނުވަވަނަ ދުވަހު ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ.
އައްޑޫ ގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ވަނިކޮށް ސިފައިންގެ ދެވަނަ ބެޗު ވެސް މިހާރު ފައިބާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނު ކުރައްވައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އޮތީ އެއްބަސް ވެފައެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިވިލިއަން ކުރޫއެއް ފެބްރުއަރީ މަހު ވަނީ ރާއްޖެ އައިސް ފައެވެ.
އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ދިޔައީ ބުނަމުންނެވެ.
އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ދެވަނަ ބެޗް މި މަހުގެ ނުވަވަނަ ދުވަހު ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ. އަދި ބާކީ ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހު ފައިބާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.
ދިވެހި ސަރުކާރުން އެދިފައި ވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.
އިންޑިއާގެ ހުރިހާ ނޫސްތަކެއް ގައި ހެން މިހާރު ބުނަނީ ރާއްޖޭގައި ތިބީ އެ ގައުމުގެ 80 ސިފައިން ކަމަށެވެ.