ގޭތެރޭގައި ނަމާދުކުރާ މަންޒަރު ފެނުމަކީ ނަމާދު ކުރަން އާދަވާނެ ކަމެއް: ހުތުބާ

"މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ގަބޫލުކޮށް ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ"

ބަޔަކު އީދު ނަމާދަށް ދަނީ

އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާ އަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެ ކަމެއް ކަމުން އެފަދަ މަންޒަރުތައް ފެންނަ މާހައުލެއް ގައި ކުދީން ބޮޑުވުމުގެ ފުރުސަތު ތަނަވަސް ކޮށް ދިނުމަށް މިއަދުގެ ހުކުރު ހުތާގައި ގޮވާލައިފި އެވެ.

"ދަރީން ނަމާދަށް އަހުލުވެރި ކުރުވުން" މި މައުލޫއަށް މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ މި ގައުމަށް މިއަދު ވަނީ ހެޔޮ ލަފާ މުޖްތަމައެއް ބިނާކުރުމަށާ ތަރައްގީ އާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި ގިނަގުނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. މި މަސައްކަތްތައް ކާމިޔާބު ވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަަމަށް ހުތުބާ ގައި ބުނެފައިވެ އެވެ.

ކޮންމެ މަންމައަކާއި ބައްޕައަކު ވެސް އަމާނާތެއްގެ ގޮތުގައި އެ ދެ މީހުންނާ ހާވާލު ކުރައްވާފައިވާ ދަރީންނާ މެދު ޒިންމާދާރު ބަޔަކަށް ވާން ޖެހޭ ކަމަށާ އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށް ވެސް ހުތުބާގައި ވެ އެވެ.

"އެގޮތުން، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ގަބޫލުކޮށް، ބަހާއި އަމަލުން ކިޔަމަންތެރިކަން އަދާކުރުމެވެ. އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާ ކުރުން ވާޖިބު އަޅުކަމެކެވެ،"

ކާފިރުންނާއި މުސްލިމުންނާ ދެމެދު ތަފާތު ކުރާ އަހުދަކީ ނަމާދު ކަމަަށާ ނަމާދުގެ ވާޖިބު ކަމަށް އިންކާރުކޮށް ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެ ކަމަށް ނަބިއްޔާގެ ހަދީސްފުޅުގައި ވާ ކަން ހުތުބާ ގައި ވަނީ ފާހަގަކޮށްފައެވެ.

އެންމެ ތުއްތުއިރުން ފެށިގެން ދަރިން ނަމާދަށް އަހުލުވެރި ކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށާާ ނަބިއްޔާގެ ހަދީސްތަކުން ލިބޭ އިރުޝާދަށް ބަލާއިރު އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެ ކަމެކެއް ކަމަށް ވެސް ހުތުބާ ގައި ވެއެވެ. އެންމެ ފުރަތަމަ ނަމާދުގެ ހަރަކާތްތައް ކުއްޖާ ދަސް ކުރާނެ ކަމަށާ އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުއާތައް ކިޔަން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ. އަދި ނަމާދު ވަގުތު ޖެހުމުން އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ ނަމާދު ކުރުން ކަމުގައި ހަދަން ޖެހެ އެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި ނަމާދަށް ޝައުގުވެރި ކުރުވުމަކީ އެންމެންގެ ޒިންމާ އެކެވެ. ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުން ވާނެ އެވެ. މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ މިސްކިތުގެ ޖަމާއަތަށް ހާޒިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބި ދޭން ޖެހޭ އިރުޝާދެކެވެ،" ހުތުބާގައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.