"ރުހުން ނުދީގެން ސަފީރުން ވެސް ތިބީ ގައުމުތަކަށް ނުފޮނުވިފަ"

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު މެޖޯރިޓީ އޮންނަ މަޖިލީހެއް އޮންނަނަމަ ހިނގާނެ ކަމަކީ ކޮންމެ ދުވަހަކު ވަޒީރަކު ހާޒިރުކޮށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ފަދަ ކަންކަން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ސަފީރުންނަށް ވެސް މަޖިލީހުން ރުހުން ނުދީ ހިފަހައްޓަމުންދާ ކަމަށް ވަނީ ވިދާޅުވެފައި --

އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްގޮތަކަށް ވެސް އެއްބާރުލުން ދެމުން ނުދާ ކަމަށާއި، ސަފީރުންނަށް ރުހުން ނުދީ ހިފަހައްޓަމުންދާތީ އެ ބޭފުޅުން ވެސް ގައުމުތަކަށް ނުފޮނުވި ލަސްވަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރު ހިންގުމަށް އެންމެ މުހިންމު އެއް ކަމަކީ މަޖިލީހުގެ އެއްބާރުލުން ލިބުން ކަމަށެވެ. ނަމަވެސް މިވޭތުވެދިޔަ ހަތަރު މަސް ދުވަހު އެއްވެސް ވަރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބުނުމުގެ ސަބަބުން ކަންކަން ކުރަން މިހާރު ވެސް ދަތިވެފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދާފައި އޮތް ގޮތުން، މަޖިލީހުން ކަމެއް ފާސް ނުކޮށްދީފިނަމަ ސަރުކާރުން ކިތަންމެ ކުރަން ބޭނުންވިޔަސް އެކަމެއް ނުކުރެވޭފަދަ ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން، ބޭނުންވާ ބަޖެޓް ފާސްނުކޮށްދޭނަމަ މަޝްރޫއުތައް ނުހިންގޭނެކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު މެޖޯރިޓީ އޮންނަ މަޖިލީހެއް އޮންނަނަމަ ހިނގާނެ ކަމަކީ ކޮންމެ ދުވަހަކު ވަޒީރަކު ހާޒިރުކޮށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުން ފަދަ ކަންކަން ކަމަށެވެ. އޭރުން ސަރުކާރުގައި އޮންނާނީ ބުރަކި ޖެހިފައިކަމަށް ވެސް ވިދާޅުވި އެވެ.

"ކުޑަ މިސާލެއް ދަންނަވަން، މިހާރު މަޖިލީހުގެ ކޮމެޓީއެއްގަ މިއޮތީ އަޅުގަނޑުމެން ބޭރަށް ފޮނުވާ ސަފީރުންނަށް ދޭން ޖެހޭ ރުހުން ހޯދުމުގެ ކަންތައް. މީ އަސްލުގަ ވަރަށް ކުޑަކަމެއް. އެކަމަކު އެ ކޮމެޓީ ނުބާއްވަ ދެއްވައޭ. ހަމަ ދިގުލައިގެން އެދަނީ، ސަފީރުން އެތިބީ ނުފޮނުވިފަ. މީ އަދި މަޝްރޫއަކާ ގުޅޭ ކަމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް އެ ފާހަގަކުރެއްވީ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީ ނުބާއްވާ ކަމެވެ. ރައީސް މިހާރު ވަނީ ހައެއްގަ ގައުމަށް ސަފީރުން އައްޔަނުކުރަން މަޖިލީހަށް ފޮނުއްވާފަ އެވެ. އެ ނަންތައް ދިރާސާ ކުރަން ކޮމެޓީއަށް ފޮނުވާފައިވީ ނަމަވެސް މަޖިލީސް ކުރިއަކަށް ނުގެންދެ އެވެ. 

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޝްރޫއުތައް ބާރު ސްޕީޑްގައި ހިންގޭނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށެވެ.

މިހާރު މަޖިލީހުން ފިއްތުންތައް ފިއްތިޔަސް ރާއްޖޭގެ އިގްތިސޯދު ރަގަޅު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ސަރުކާރު އައިއިރު ހުއްޓިފައިވާ މަޝްރޫއުތަކުގެ ތެރެއިން ކުދިކުދި މަޝްރޫއުތައް މިހާރު ފަށާފައިވާ ކަމަށާއި 50 މިލިއަނުން މަތީގެ މަޝްރޫއުތައް މިހާރު ފަށައިގަންނަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަށްރަށުގެ ބިން ހިއްކުމާއި މަގުތައް ހެދުންފަދަ މަޝްރޫއުތައް ހިމެނެ އެވެ.

ރައީސް ވިދާޅުވީ މާވަށުގައި ވެސް 30 ހެކްޓަރުގެ ބިން ހިއްކައިދީ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައިދެއްވާނެ ކަމަށެވެ. އެކަމަށް އެއްބާރުލުން ދެއްވުމަށް ވެސް އެދިވަޑައިގަތެވެ. އެއްބާރުލުން ލިބޭނީ މަޖިލީސް އިންތިހާބު ސަރުކާރަށް ހޯދައިދީގެންކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.