ލާމު ގާދޫ މެރިޓައިމް ހަބް | ރަށުގެ ރީތިކަން ނުގެއްލި، ބިލިއަން ޑޮލަރުގެ މަޝްރޫއެއް

އެމްޕީއެލް އިން ގާދޫ މެރިޓައިމް ހަބް ހަދަނީ އިކޯ ޓޫރިޒަމްގެ ބައެއްވެސް ހިމަނައިގެންނެވެ. އެކަން ކުރުމުގެ ބޭނުމަކީ ގާދޫގެ ފެހިކަން ނުގެއްލި އެތަނުން ނަފާ ނެގޭ މޮޑެލްއެއް ހޯދުމެވެ.

ލ. ގާދޫ : މަޝްރޫއު ހިންގަނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް

ގައުމީ އެއާލައިންގެ ބޯޓުގެ އެންމެ ކުރީ ގޮނޑިބަރީގައި އިނދެ ލާމަށް ކުރި ދަތުރުގެ ތެރެއިން މީހަކު ފަހަތުން އައިސް ފައިލެއް ދިއްކޮށްލި އެވެ. ފަހަތް ބަލާލައި ކާކު ތޯ ބަލައިލިއިރު އެއީ ކާކު ކަމެއް އެނގޭ ގޮތެއް ނުވި އެވެ. ފައިލް ދިން މީހާ އަހަރެންގެ އަތަށް އެ ދިނީ އަހަރެންނަކީ ވިޔަފާރި އާއި އިގްތިސޯދު ލިޔާ ނޫސްވެރިއަކަށްވާތީ ބޭނުންވެދާނެ މައުލޫމާތުތަކެއް އޭގައި ހުރުމުން ކަމަށް ވެދާނެ އެވެ. ފަައިލްގެ ފުރަތަމަ ގަނޑު އެއްލިތަނުން ވެސް ޔަގީންވީ މިއީ އާދައިގެ މަސައްކަތަށް ހަދާފައި އޮތް ދިރާސާއެއް ނޫން ކަމެވެ. މިއީ ހައްދުމަތި ލާމާއެކު މުޅިރާއްޖޭގެ އިގްތިސޯދު ބަދަލު ކޮށްލާނެ ބިޔަ ބޮޑު މަޝްރޫއެއްގެ ފީޒިބަލް ސްޑަޑީސްއެއްގެ ޕޭޕަރެކެވެ. ލ. ގާދޫގައި ސަރުކާރުން ފަށަން ނިންމާފައިވާ ލާމު މެރިޓައިމް ހަބްގެ ވަރަށް ގިނަ އެހާމެ ތަފްސީލީ މައުލޫމާތު މި ކަރުދާސްތަކުގައި އެބަހުއްޓެވެ. މަސައްކަތަށް ހުރި ގޮންޖެހުންތަކާއި އެންމެ ފުރަތަމަ ފަށާނެ މަސައްކަތްތަކާއި މި މަސައްކަތުގައި ރާއްޖެއާ ވާދަވެރިންގެ ވާހަކަތައް ވެއެވެ. 

ލާމު ގާދޫ ދުނިޔޭގެ ޗާޓުން ދެތުވަނީ މުދާ އުފުލާ އެންމެ ގިނަ ބޯޓުތައް ދަތުރު ކުރާ މަޝްހޫރު 1.5 ޑިގްރީ ޗެނަލް ނުވަތަ "ވަން އެންޑް ހާފު ޑިގްރީ ޗެނަލް" އަށެވެ. މި މަގު އޮންނަނީ ހުވަދު އަތޮޅާއި ލާމު އަތޮޅާ ދެމެދުގަ އެވެ. މިއީ މި ސަރަހައްދުގެ ދެވަނަ އަށް އެންމެ ބިޒީ ޝިޕިން ރޫޓެވެ. އަނެއް މަގަކީ އިހަވަންދިއްޕޮޅުގައި އޮންނަ މަގެވެ. ގާދޫއަށް ދެތުވާ ވަން އެންޑް ހާފު ޑިގްރީ ޗެނަލްއަކީ ވެސް ދިވެހިން އެކި ޒަމާންތަކުގައި ޑޮކިން އާއި ބަންކަރިން ފެސިލިޓީ ގާއިމް ކުރަން ހުސް ވާހަކަ ދައްކާލަ ދައްކާލަ ތިބި ތަނެކެވެ. އެކަމަކު މިހާތަނަށް އަމަލީ އެއްވެސް މަސައްކަތެއް މިކަމުގައި ފޮނު ބައިސާ ކެނޑުން ނޫން ކޮށްފައެއް ނެތެވެ. މިތަނުގައި ކަމެއް ކުރަން ސަރުކާރަކުން ހިތުލާ ކޮންމެ ފަހަރަކު ވާދަވެރިހަސަދަވެރިން އެކަންކުރަން ދިމާކުރާ ހުރިހާ އަތެއްގެ މަތީގައި އަތް އަޅައި އޮބާލަނީ އެވެ. އެތަން ބަޔަކަށް ވިއްކާލަނީ އޭ ކިޔައި ވާހަކަ ފަތުރަނީ އެވެ. އެހެން ކަމުން އިގްތިސާދަށް އާ ދިރުމެއް ގެނެސްދޭނެ މިފަދަ މަޝްރޫއުއެއްގެ މަސައްކަތެއް ފަށަން އާރުލާ ފިޔަވަޅެއް މިހާތަނަށް އެޅިފައެއް ނެތެވެ. 

ބިލިއަން ޑޮލަރުގެ މުދާ ދަތުރު ކުރާ މަގެއް

މިހާތަނަށް ކަމެއް ނުވިޔަސް - ގާދޫއަކީ ރާއްޖޭގެ އިގްތިސޯދު ބަދަލުކޮށްލާނެ މަޝްރޫއު ހިންގަން ފީޒިބަލް ރަށެއްކަން މި ދިރާސާތަކުން އެނގެ އެވެ. މި މަގުން އެތައް ބިލިއަން ޑޮލައެއްގެ ރަނާއި ޖަވާހިރު، ތެލާއި މައުދަން އުފުލާ އުޅަނދުތައް ހުރަސް ކުރެ އެވެ. މިމަގު ހާއްސަ ވެފައިވަނީ ޖަވާހިރާއި އަގުބޮޑު މައުދަން އުފުލާ މަގެއްގެ ގޮތުގަ އެވެ. މި މަގުން އަހަރެއްގެ މައްޗަށް ޓެންޒޭނިއާއިން އެކި ދުނިޔޭގެ އެކި ބައެއް ބަނދަރުތަކަށް 8.5 ބިލިއަން ޑޮލަރުގެ މުދާ އުފުލަ އެވެ. މި މުދަލުގެ 36 ޕަސެންޓަށްވުރެ ބޮޑު ބަޔަކީ ރަނާއި ޖަވާހިރެވެ. މީގެ އިތުރުން ވެސް އެހެނިހެން އަގު ބޮޑު މުދާވެސް މި އާގު ބޯޓު ފަހަރުގައި ހުރެ އެވެ. 

މިމަގު ރާއްޖެއަށް މުހިންމުވަނީ މިހެވެ އެވެ. މުހިންމު މި މަގުގައި އޮންނަ ގާދޫގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މެރިޓައިމް ހަބެއް ހަދަން ނިންމާފަ އެވެ. ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ މި މަޝްރޫއު ހިންގަން ނިންމާފައި ވަނީ ގާދޫގަ އެވެ. ހިމާޔަތްކޮށްފައިވާ ފެހިކޮށް އޮންނަ ރީތި މި ރަށުގައި ހިންގާ މި މަޝްރޫއު ރާވާފައި އޮތީ ރަށުގެ ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށެވެ. މަޝްރޫއު ބަލަހައްޓާނީ ރާއްޖޭގެ ބަނދަރުތައް ބަލަހައްޓާ މައި ކުންފުނި މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިންނެވެ. އެ ކުންފުނިން ތައްޔާރު ވަނީ މި ރަށުގެ ގޮތުގައި ބާއްވައިގެން މަޝްރޫއު ކާމިޔާބު ކުރުމަށެވެ. މެރިޓައިމް ހިދުމަތްތައް ފެށުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުންފުންޏަށް ހަވާލުކުރުމާއެކު ޓެކްނިކަލް ޓީމަކުން މިހާރު ވަނީ ގާދޫގައި ފީސިބިލިޓީ ދިރާސާތައް ވެސް ކޮށްފަ އެވެ.

އެމްޕީއެލްގެ ޓެކްނިކަލް ޓީމެއް ލ. ގާދޫގައި

ގާދޫ ފެހިކަން ނުގެއްލޭނެ މޮޑެލެއް

އެމްޕީއެލް ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް

ދިރާސާތަކުގެ އަލީގައި އެމްޕީއެލް އިން ހުށަހަޅާފައިވަނީ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ހިމެނޭ "އިންޓަގްރޭޓާޑް ކޮންސެޕްޓް" އަކަށް ގާދޫގައި މެރިޓައިމް ހަބް ތަރައްގީ ކުރުމެވެ. ގާދޫ ސަރަހައްދަކީ ގިނަ އުޅަނދު ފަހަރު ދަތުރުކުރާ މަގަކަށްވިޔަސް، މި ވަގުތު އެ ސަރަހައްދުން ބައިނަލްއަޤްވާމީ އުޅަނދު ފަހަރަށް އެއްވެސް ޚިދުމަތެއް ނުދޭތީ، އެންމެ އަވަހަށް އެ ސަރަހައްދުން ފެށެން އޮތް ހިދުމަތްތަކަށް ކުންފުނިން ވަނީ ބޮޑު އަހަމިއްޔަތުކަމެއް ދޭން ނިންމާފައެވެ.

މި ރަށުގައި ބަންކަރިންގެ ހިދުމަތް ފަށާނެ އެވެ. މި ހިދުމަތް ދޭނީ އެ ސަރަހައްދުން ދަތުރު ކުރާ ކާގޯ ވެސަލްތަކާއި ކްރޫޒް / ޔޮޓްތަކަށް "އޮފް ޝޯ" ބަންކަރިން ހިދުމަތް ދެވޭ ގޮތަށެވެ. މި ރަށުގައި ކްރޫޒް ޓާމިނަލް- ރާއްޖޭގައި އަދި މިހާތަނަށް ކްރޫޒް ލައިނާތަކަށް ހާއްސަ ސަރަހައްދެއް ނެތެވެ. ގާދޫގައި ކްރޫޒް ޓާމިނަލްއެއް ހެދުމުން، އެ ސަރަހައްދަށް ކްރޫޒް ލައިނާތަކަށް ދަތުރުކޮށް، މެރިޓައިމް ހަބްގައި ދެން ހުރި ހިދުމަތްތަކަށް ޑިމާންޑް އުފެއްދޭނެ އެވެ.

މި މަޝްރޫއުގެ ބައެއްގެ ގޮތުގައި ވަރުގަދަ ކޯލްޑް ސްޓޯރޭޖެއްވެސް ހަދާނެ އެވެ. މީގެ ބޭނުމަކީ ލާމު އަތޮޅަކީ ދަނޑުވެރިކަން ކުރާ އަތޮޅަކަށްވާއިރު، ކޯލްޑް ސްޓޯރޭޖްތައް ބޭނުންކޮށްގެން ދަނޑުވެރިން ހައްދާ ތަކެތި ރައްކާކުރެވޭނެ ގޮތެއް ހޯދުމެވެ. މީގެ އިތުރުން، ސަޕްލައިގެ ހިދުމަތްވެސް ފަށާނެ އެވެ: އަދި ޓްރާންޝިޕްމަންޓް ހިދުމަތް ތައާރަފްކުރުމުން ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ގާދޫ ކުރިއެރުވުމަކީ ވެސް މި މަޝްރޫއުގެ ބައެކެވެ. 

އިންޓަގްރޭޓެޑް އިކޯ ޓޫރިޒަމް މަޝްރޫއެއް

ގާދޫއަކީ ފެހިކަން ގަދަ ރީތި ތިމާވެށީގެ ގޮތުން ބޮޑު މުއްސަދި ކަމެއް ލިބިފައި އޮތް ރަށެވެ. އެހެންވެ އެމްޕީއެލް އިން ޕްލޭންކޮށްފައި ވަނީ މި ރަށުގެ ތިމާވެށީގެ ފެހިކަމުގައި އަތް ނުލުމަށެވެ. މި މަޝްރޫއުގެ ބައެއްގެ ގޮތުގައި އިންޓަަގްރޭޓަޑް އީކޯ ޓޫރިޒަމް މަޝްރޫއެއްވެސް ހިމެނެ އެވެ. އެގޮތުން ގާދޫގައި ޓޫރިސްޓް ހޮޓަލާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަގްރޭޓަޑް އީކޯ ޓޫރިޒަމް ކޮންސެޕްޓް ތައާރަފްކުރާނެ އެވެ. މީގެ ސަބަބުން ލާމު އަތޮޅުގެ އިގްތިސާދު އެހެން ހަރުފަތަކަަށް ޓޫރިޒަމްގެ ތެރެއިން ލާފައި އަރައިގެންދާނެ ކަމެކެވެ.

އެމްޕީއެލް ސީއީއޯ / އެމްޑީ މުހައްމަދު ވަޖީހު ވިދާޅުވި ގޮތުގައި މި މަޝްރޫއު ހިންގަން ނިންމާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުންނެވެ. އެކަމަށްޓަކައި ކުންފުންޏަކާއެކު ސޮއި ކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. 

މި މަޝްރޫއާއެކު ލާމުން އެކަނި 2،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ އެވެ. މި ބިޔަ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އެމްޕީއެލް އިން މިހާރު ދަނީ ސޮއި އަޅަން ތައްޔާރު ވަމުންނެވެ. ފުރަތަމަ ފުރިހަމަވާނީ ކަރުދާހުގެ މަސައްކަތެވެ. މިހާރު އެމްޕީއެލްގެ އެމްޑީ ވަޖީހުގެ އަޒުމަކީ ދާދި އަވަހަށް އަމަލީ މަަސައްކަތް ފަށައި މަޝްރޫއު ކާމިޔާބު ކުރުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.