ރައީސަށް ތަހުގީގު ރިޕޯޓް އަރުވައިފި، ދިރާސާކޮށް ފިޔަވަޅުތައް އަޅުއްވަނީ

ރައީސް އޮފީހުން ބުނީ މި ރިޕޯޓް ދިރާސާކުރައްވައި އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

ރޭގައި ޣިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ހަރަކާތްތެރިވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާ ތަހުގީގު ރިޕޯޓް އެމަނިކުފާނަށް މިހާރު ވަނީ ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެެފި އެވެ.

ރައީސް އޮފީހުން ބުނީ މި ރިޕޯޓް ދިރާސާކުރައްވައި އަޅުއްވަވަން ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަވަމުން ގެންދަވާނެ ކަމަށެވެ.

ޕީއެންއެފް އުފައްދުމުގެ ޖަލްސާއަށް ރޭ ހުރަސް އަޅައިގެން ހިނގައި ދިޔަ ހަމަނުޖެހުންތަކާއި އަރައިރުމާއި ދެ ފަރާތަށް ލިބުނު އަނިޔާ ތަކަކީ ފުލުހުންގެ މައްޗަށް އެ މަނިކުފާނުގެ ވަރަށް ސާފު އިރުޝާދެއް އޮއްވާ އެއާ ހިލާފުވެ، ނުކުރަން އަންގާފައި އޮތް ކަމެއް ކުރުމުން ދިމާވި ކަންކަމަކީ ކަންބޮޑުވުން ވަރަށް ބޮޑު، ހިތާމައެއް ކަމަށާއި އެ ކަމުގެ އިންވެސްޓިގޭޝަން ރިޕޯޓް މިއަދު ލިބުމާއެކު އޭގެ ފުނަށް ފީނައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.

މުލިއާގޭގައި މިއަދު ރައީސްގެ ދެ ކަނބަލުންގެ އީދު ސަލާމް ކުރެއްވުން ނިންމަވާލެއްވުމަށް ފަހު އެ މަނިކުފާނު ވަނީ ބައެއް ނޫސްތަކަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑު ވެރިކަމާ ކުރިމަތިލީވެސް އަދި ރައްޔިތުންނަށް އަޅުގަނޑުވީ ވައުދަކީ ވެސް ގައުމުގެ ހަމަޖެހުން ގާއިމު ކުރުން" ކަމަށެވެ. މިއަދާ ހަމައަށް ވެސް އެ މަނިކުފާނު ދައްކައްވަނީ އެ ވާހަކަ ކަމަށާއި ރޭގަ ވެސް ކެމްޕޭން ޖަލްސާއެއްގައި ހަމަ އެ މައުލޫގައި ވާހަކަފުޅު ދެއްކެވި ކަމަށެވެ.

ރައީސް ވިދާޅުވީ ކުރީގައި ރާއްޖޭން ފެނުނު ގޮތަށް ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީ ހިޔާލު ފާޅު ކޮށްގެން މީހަކަށް ދޭނެ އަދަބެއް ނޯންނާނެ ކަމަށާއި ފުލުހަށް ނުގެންދާނެ ކަމަށާއި އެކަންކަން މި ގައުމަކު ނުހިނގާނެ ކަމަށް އެ މަނިކުފާނު ގެންދެވީ ކަށަވަރުކޮށް ދެއްވަމުން ކަމަށެވެ.

"ރޭގައި ހިނގި ކަންތަކުގައި އަޅުގަނޑު ވަރަށް ހިތާމަ ކުރަން ވަރަށް ފަހުން އަޅުގަނޑު ފުލުހާ ބައްދަލު ކުރި އިރު، އެރޭ ހުރިހާ ފުލުހުންނަށް ވެސް ދެންނެވިން އޭގެ ކުރިން ވެސް ސީޕީއަށް ވެސް އަދި އިސްވެރިންނާ ހޯމް މިނިސްޓަަރަށް ވެސް އަޅުގަނޑު ދީފައި އޮންނާނެ އިރުޝާދަކީ ސިޔާއީ ގޮތުން ވަކި މީހަކަށް ގޯނާއެއް އުނދަގުލެއް ކުރާކަށް އަޅުގަނޑުގެ ފަރާތަލުން ނާންނާނޭ އެއްވެސް އިރުޝާދެއް އަދި ސަރުކާރުގެ އެއްވެސް ލެވެލަކުން ވެސް ނުދާނޭ ގޮސްފިއްޔާ އަޅުގަނޑު އިސްވެ ފިޔަވަޅު އަޅާނަމޭ... މަސައްކަތް ކުރާށޭ ކުރީގައި ވެދިޔަތަން ދޫކޮށްލާފައި ފްރީކޮށް ޕްރޮފެޝަނަލްކޮށް، އެއީއޭ އަޅުގަނޑުގެންގުޅޭ ސިޔާސަތަކީ" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާފައި އޮންނާނީ އެއް ގޮތަކަށް ވެސް ބޭނުމެއް ނޫނޭ ކުރީގައި ފެނުނު ގޮތަށް އެސްއޯ ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް ހިފާ ހައްޔަރުކޮށް ހަދާކަށް. އެއްވެސް ސަބަބެއް ނެތި ކުރީގައި ފެނިފައި އެބަހުރި ހަމަ ހިޔާލު ފާޅުކޮށްލާއިރަށް ޕިކަޕަށް އަޅާލައިގެން ނޫނީއްޔާ ވެހިކަލަށް ލައިގެން ގެންދާތަން. އެކަން އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އަޅުގަނޑު ދަންނަވާ ހަމަޖެހުން ގެނައުމުގެ މާނައަކީ އެކަމަށް ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮންނާނީ"

ރައީސް މުއިއްޒު ވިދާޅުވީ ދާދި ފަހުން ކޫއްޑޫގައި މަސްވެރިންނަށް އެ ފަރާތްތަކުތެ ފައިސާ ނުލިބި، ހިތްހަމަ ނުޖެހިގެން ދެތިން ދުވަހަށް މުޒާހަރާ ކުރި ކަމަށާއި އެ މުޒާހަރާތަކުގައި ތަކެތި ހަލާކު ކޮށްފާނެ ފަދަ ބިރާ ހަމައަށް ދިޔައިރުވެސް އަދި އެތެރެއިން ޕްރެޝަރުތައް އާއިރު ވެސް އެ މަނިކުފާނު ހިފެހެއްޓެވީ އެސްސޯ ފުލުހުން ނުފޮނުވާ ކަމަށާއި އެއީ އެ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެހާ ސާފުކޮށް ކަންކަން އޮއްވާ ރޭ ޕީއެންއެފްގެ ޖަލްސާއާ ދިމާކޮށް ކަންކަން ފެނިގެން ދިޔައީ ވަރަށް ގޯސް ކަމަށާއި އެކަން ހިނގާފައި އެ ވަނީ އެ މަނިކުފާނުގެ ވަރަށް ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ ކަމަށެވެ. އަދި އެގޮތަށް އެސްއޯ ފުލުހުން ފުލުހުން ފޮނުވައިގެން ނުވާނެ ކަމަށް ކުރިން ސުރެއް އިރުޝާދު ދެއްވަމުން ގެންދެވި އިރު ތަނަކަށް އެސްއޯ ފުލުހުން ފޮނުވަން ޖެހިއްޔާ އެކަން އެ މަނިކުފާނަކަށް އެނގި ވަޑައިގަންނަވާނެ ކަމަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ.

"އެހިސާބަށް ދިޔައިމަ އަޅުގަނޑު ދަންނަވާނަން! ބައެއްގެ މުދަލަށް ދައުލަތުގެ މުދަލަށް ގެއްލުންދީ ރޯކޮށް މީހުނަށް އަނިޔާކޮށް ޖިސްމާނީ ހާނީއްކަކޮށް މުގައްދަސް ތަނަކަށް މިސްކިތްތަކަށް ގެއްލުން ދޭ ހިސާބަށް ދިޔައިމަ އެނގޭނެ، އެހިސާބަކަށް އިރާދަ ކުރެއްވިއްޔާ ނުވެސް ދާނެ. އެހާ ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ މިކަން މި ހިނގީ ދިމާ އިދިކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދުވަސްކޮޅުގެ އާދައިގެ މަތީން ރޭ ވެސް އުޅުއްވީ ކެމްޕޭންގެ ދެ އިވެންޓެއްގައި ކަމަށާއި އޭގެ ތެރެއިން އިވެންޓެއް ނިމިގެން ފޯނު ބައްލަވައިލެއްވި ވަގުތު ނޫސްތަކުން، އެނގުނީ އެސްއޯ ފުލުހުން ގޮސް ބެރިކޭޑް ޖަހައި މި ހިނގައިދިޔަ ކަންތައް ހިނގައި ނިމިއްޖެކަން ކަމަށެވެ.

"ވަރަށް ހިތާމަ ކުރިން، އަޅުގަނޑުގެ ވަރަށް ސާފު އިރުޝާދެއް އޮތް ކަމެއްގައި އެހެން ދިޔާމައި އެ ހިސާބުން އަޅުގަނޑު ވަގުތުން އެކަމަށް އެޓެންޑްވެ ހޯމް މިނިސްޓަރަށް ދެންނެވީން ކީއްވެގެންތޯ އެހެންވީ؟ އަޅުގަނޑު އިންސްޓަރަކްޝަނެއް ދީފައި އޮއްވާ! މިނިސްޓަރު ވިދާވީ އޮންނާނީ ސީޕީއަށް ދަންނަވާފައޭ ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެކޭ... ދެން އަޅުގަނޑު ގުޅީ ސީޕީއަށް ދެންނެވިން ކީއްވެގެންތޯ މިކަން މިހެން މިވީ އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަނެއް ދީފައި އޮއްވާ އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން ކާކު ކޮންގޮތަކަށް ދިން އިރުޝާދެއްތޯ، ކިހިނެއް ހިނގި ކަމެއްތޯ؟" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދުގެ އިރު އޮއްސެންވާއިރަށް އެ މައްސަލައިގެ އިންވެސްޓިގޭޝަން ފުރިހަމައަށް ހަދައި އޭގެ ރިޕޯޓް އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް އަންގާފައިވާނެ ކަމަށާއި އެކަމަކީ އެ މަނިކުފާނު ޓޮލަރޭޓް ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެ މަނިކުފާނުގެ ސިޔާސަތުތަކާއި ވެވަޑައިގެންނެވި ވައުދާ ހިލާފަށް، ކުރީގެ ކަންކަން ތަކުރާރު ވާން ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާ ސްކޫލެއްގައި ބާއްވާން ވެގެން އުޅެ ނުބޭއްވި ކެންސަލްވި ކަމާއި ނޫނީ ތަން ނުލިބުނު ކަމަށް އެނގި ވަޑައިގެން އެކަން ބެއްލެވުމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެގްޒާމްތައް އަންނާނީތީއާ އެފަދަ ކަންކަން ހުރުމުން ކަމަށެވެ. އެހެންވެ ރައީސް ސްޕޯޓްސް މިނިސްޓަރަށް ގުޅުއްވާ ވަގުތުން ވަގުތަށް ޕީއެންއެފްގެ އިސްވެރިންނަށް ސްޕޯޓްސް މިނިސްޓަރު ގުޅުއްވާ ސޯޝަލްސެންޓަރު ހިލޭ ދެއްވާން ދެންނެވި ކަމަށެވެ.

"ދެން މިނިސްޓަރު އެކަމާ ޕީއެންއެފުން މަލީހަށް ގުޅުއްވާފައި އެ މައުލޫމާތު ދެއްވި... އެކަމަކު އޭރު އަޅުގަނޑަށް މައުލުމާތު ލިބުނު ގޮތުގައި އެ ބޭފުޅުން ރާޅުގަނޑަށް ބަދަލުވެ ޖަލްސާ ފަށަނީ... އެކަމަކު އެ އޮފާ އޮތީ ދެވިފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން އެހެންވުމުން އެ އިންވެސްޓިގޭޓް ކުރަން ބޭނުންފުޅު ވާއިރު، އެއްވެސް ވަރަކަށް އެސްއޯގެ އިތުރުން އާދައިގެ ފުލުހުން ވެސް ޕީއެންއެފަށް ހުރަސް އަޅަން ރާޅުގަނޑު ސަރަހައްދަށް ވެސް އެ އެހިސާބުގަނޑަށް ވެސް ގޮސްގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރަށް ރޭ ދަންނަވާފައި އޮންނާނެ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅު ވަނީ ފުލުހުންގެ މުއައްސަސާއަށް އިތުބާރާ ޔަގީންކަން ލިބެން ކަމާއި ފުލުހުންނާ ބައްދަލުކޮށް ދެއްކެވީ ވެސް އެ ވާހަކަ ކަމަށެވެ. ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކޮށް، ހިޔާލު ފާޅު ކުރުމުން ހުރަސް އަޅާ ބަޔަކަށް ވެގެނެއް ނުވާނެ ކަމަށެވެ. އަދި ތަކުރާރުކޮށް އެ އިންސްޓްރަކްޝަން ވަރަށް ސާފު ކޮށްދެއްވައި އެސްއޯ ފުލުހުން ބޭނުން ކުރަން ބޭނުންފުޅު ނުވާ ކަމަށް ދަންނަވަމުން ގެންދަނިކޮށް އެއާ ހިލާފަށް ރޭގަ އެއޮތީ އެކަން ހިނގާފައި ކަމަށެވެ.

"ވަރަށް ހިތާމަވެރި ކަމެއް މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއަައްސަަސާއަށް އަނބުރާ އިތުބާރު ގެންނަން ބޭނުންވޭ، އަޅުގަނޑުގެ ސަރުކާރަށް އިތުބާރު އޮންނަން ބޭނުންވޭ ... އަޅުގަޑު ވައުދުވި ގޮތަށް... ރޭގަ ވެސް އަޅުގަނޑު ޖަލްސާގައި ދެއްކި ވާކަ މީ... އެކަމަކު ދައްކާފައި ނުކުތް އިރު އެކަން އެހެން ގޮތަކަށް ހިނގާފައި މިއޮތީ މިކަން ބަލާފައި މިކަން ހަމައަކަށް އަޅުވާނަން،"

ރައީސް ވިދާޅުވީ ޕީއެންއެފް ޕާޓީ ވެސް އަދި ހަމަ ކޮންމެ ބަޔަކަށް ވެސް ޕާޓީ އުފެއްދެން ވާނެ ކަމަށެވެ. ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީ އުފައްދަން ބޭނުންފުޅު ބޭފުޅުންނަށް އެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ. ރޭ އެ ޖަލްސާ ބޭއްވިގެން ގާނޫނީކަންކަން ފުރިހަމަ ވެގެން ދިއުމުން އުފާ ކުރައްވާ މަރުހަބާ ވެސް ދަންނަވާ ކަމަށާއި ދިވެހިރާއްޖޭގައި އެ މިނިވަންކަން އޮންނަން ވާނެ ކަމަށެވެ.

"ރޭ މިކަން ވީ ގޮތުން އަޅުގަނޑު ވަރަށް ކަންބޮޑުވެފައި މިހުރީ، ކަނޑައެޅިގެން އަޅުގަނޑު ދެކޮޅު ކަމެއްގައި އަދި ކަނޑައަޅާފައިވާ ސާފު ސިޔާސަތެއް ހޯމް މިނިސްޓަރަށް ވެސް ސީޕީއަށް ވެސް އެނގި ވަޑައިގަންނަވާނެ ޖުމްލަކޮށް ހުރިހާ ފުލުހުންނަށް ވެސް އެނގޭ ސިޔާސަތެއް، އެސްއޯ ފުލުހުން ބޭނުމެއް ނުކުރާނެކަން. އެއާ ދެކޮޅަށް ދިޔައިމަ އަޅުގަނޑު މިހުރީ ވަރަށް ކަންބޮޑުވެފައި އަޅުގަނޑު ދެކޮޅު ހެދި ކަމެއްގައި ކޮންމެވެސް ސަބަބަކާ ހުރެ ރައްޔިތުންތަކަށް އެ އޮތީ އުނދަގޫތަކެއް ކުރިމަތިވެ އޭގެ ތެރެއިން ގޮސް ފުލުހުންނަށް ވެސް އަނިޔާވެ އެތައް ކަމެއް ހިނގީ. އަނެއްކާ ކަނޑައަޅިގެން ނުކުރަން ބުނެފައި އޮތް ކަމެއް ކުރީ، އެކަމާ ހެދި ރޭގަ ނުވެސް ނިދުނު އެކަމާ ވިސްނުނީ އަދި މިހުރީ ނުނިދާ! މި ކަމުގެ ރިޕޯޓް ލިބި އޭގެ އަޑިއަށް ދެވެންދެން އަޅުގަނޑަށް ހިތްހަމަ ޖެހުމެއް ނުލިބޭނެ،"

ރައީސް ވިދާޅުވީ އެއް ވެސް އެއްވެސް ފަރާތަކުން ގަސްދުގައި އެކަން ކުރީ ކަމަކަށް އެމަނިކުފާނު ތުހުމަރު ނުކުރައްވާ ކަމަށާއި އެ މަނިކުފާނު އައްޔަން ކުރައްވާފައިވާ ބޭފުޅަކު ގަސްދުގައި އެފަދަ ކަމެއް ކުރައްވާނެ ކަމަށް، އެއީ ފުލުހުންގެ މުއައްސަސާ ތެރޭން ކަމަށް ވިޔަސް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ދެން އެކަމަކު އެ ރިޕޯޓް ލިބުމުން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނަން ހިލާފުވި މީހަކަށް. ސިޔާސީ ޕާޓީތަކާއި ސިޔާސީވެ ހިޔާލު ފާޅު ކުރުމަށް ހުރަސް އެޅުން އަޅުގަނޑަކަށް މުހިންމެއް ނޫން ... ސްކޫލް ނުލިބުން އެއީ އެއީ ވަރަށް ކުޑަކުޑަ ކަމެއް... އެކަން ވެސް ބެލެން ޖެހޭނެ. އަޅުގަނޑަށް އެންމެ ބޮޑު ކަމަކަށް މިވީ މި ސާލަކަށް ސްކޫލް ނުލިބުނީޔޯ އެހެންވިޔަސް ގޮތެއް ހޯދައި ދެވެންވާނެ އެެކަން އެހެން ކުރެވެން އޮއްވާ ގޯސްވީ އަޅުގަނޑު ނުކުރަށޭ ބުނެފައި އޮތް ކަމެއް ކަމެއް ކޮށްގެން ދިމާވި އަރައިރުމުން އެތަނަށް ފުލުހުން ގޮސް ކުރިމަތިލައި ދެފަރާތަށް އަނިޔާވީ... އެއްގޮތަކަށް ވެސް ހިނގައި ނުވާނެ ކަންތައްތަކެއް އެއީ އަޅުގަނޑު ބަލައިގަންނާނެ ކަމެއް ނޫން އެއީ. ސްކޫލް ނުލިބުން އެއީ ފެށުން ކަމަށް ވެދާނެ އައަށް ވުރެ ބޮޑަށް ގޮސްވީ އެސްއޯ ފުލުހުން ދިއުން. ނުދިޔަނަމަ އެހެން އޮޕްޝަންތައް ހޯދައި ދެވުނީސް" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.