ފުލުހުން ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް!

މިއީ ސަރުކާރަށް ވަރަށް ބޮޑު ބަދުނާމެކެވެ. ސަރުކާރަށް އޮތް އިތުބާރަށް ލިބުނު ބޮޑު އުނިކަމެކެވެ. ޑިމޮކްރަސީ ގައި ހުތުރު އަމަލެކެވެ. ތަކުރާރުކޮށް ރައީސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ދިމާ އިދިކޮޅު އަމަލެކެެވެ. އެހެން ގޮތަކަށް ބުނާނަމަ ރޭ އެ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެކެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: ރޭ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް -- ދަ މިރާގެ ފޮޓޯއެއް

އާ ޕާޓީއެއް އުފައްދަވަން ކުރީގެ ރަައީސް އަބްދުﷲ ޔާމީން ނިންމެވުމަކީ ސިޔާސީ މައިދާނުގެ އާ ފުރޮޅުމެކެވެ. ޔާމީންގެ މި ނިންމުން އައީ ވަރަށް ކުއްލި ގޮތަކަށެވެ. އެމަނިކުފާނު ރައީސްކަން ކުރައްވަމުން ގެންދެވި ޕީޕީއެމްގެ ދޫކޮށް އާ ޕާޓީއެއް އުފައްދަން ނިންމެވިއިރު އަރިހުގައި ކުރީން ތިއްބެވި ހުރިހާ ބޭފުޅުން ވަނީ އެމަނިކުފާނާ ފެއަށް ޖެހިވަޑައިގެންފައެވެ. ރައީސް މުއިއްޒުގެ ސަރުކާރު ދިފާއުކޮށް އެ ބޭފުޅުން އިހްތިޔާރު ކުރެއްވީ ރައީސާ އެކު ތިއްބެވުމަށެވެ. އެހެން ކަމުން ޕީޕަލްސް ނެޝަނަލް ފްރަންޓްގެ ނަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ފަދަ މަދު ބޭފުޅުންކޮޅަކާ އެކު އެވެ.

ޕާޓީ އުފެއްދުމުގެ މަަސައްކަތް ފެށުމަށް ހުއްދަ ހޯދުމަށް ފަހު މެންބަރުން ހަމަކުރުމާއި ރަޖިސްޓްރޭޝަން މަރުހަލާގެ ކަންކަން ވެސް ދިޔައީ ހީކުރި ވަރަށް ވުރެ މާ ލަސް ދުވެއްޔެއްގަ އެވެ. އެކަން އެހެން ވެގެން ދިޔައީ ޔާމީން އުންމީދު ކުރި ފަދަ ތާއީދެއް ލިބިވަޑައިނުގަތުމުންނެވެ. ޕާޓީ ރަޖިސްޓްރީ ކުރަން 3،000 ފޯމް ހަމަ ކުރަން ވެސް ލައްކަ މަސައްކަތް ކުރަން ޖެހުނެވެ.

މެންބަރުންގެ އަދަދު ހަމަ ކުރުމުން ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ކޮމިޝަނުން ދިނީ މީގެ ދެތީން ދުވަސް ކުރީންނެވެ. ޔާމީންގެ އިރުޝާދާ އެކު އެ ޖަލްސާ ބޭއްވުމަށް ފުރަތަމަ ނިންމީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެކަމަކު ކަރަންޓް ކުންފުނިން ކަރަންޓް ދޭން ދެކޮޅު ހެދިކަމަށް ބުނެ އެ ޖަަލްސާ ރެެއަށް ފަސްކުރީ އެވެ.

ރޭގެ ޖަލްސާގެ ކުރިއަށް ވެސް ޕީއެންއެފްގެ ވެރީން ގެންދިޔައީ ސަރުކާރާއި އިދާރާތަކާއި ވެރީންނަށް އެކި ތުހުމަތުތައް ކުރަމުންނެވެ. ގިޔާސުއްދީން ހޯލަށް ކަރަންޓް ދޭން ސްޓެލްކޯ އިން ދެކޮޅު ހެދި ކަމަށް ބުންޏެވެ. މެންބަރުންނަށް އެކި ގޮތުން ގޮތުން ނުފޫޒު ފޯރުވާ ކަމަށް ބުންޏެވެ. އެޑިއުކޭޝަން މެދުވެރިކޮށް ހޯލް އަތުލަން މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ. 

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: ރޭ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް -- ދަ މިރާގެ ފޮޓޯއެއް

ޕީއެންއެފްގެ ޖަލްސާއަށް އެ ޕާޓީގެ މެންބަރުން ހާޒިރުވީއިރު ގިޔާސުއްދީން ސުކޫލުގެ މައި ގޭޓް ބަންދުކޮށް އެސްއޯ ފުލުހުންގެ ބޮޑު ފައުޖެއް އެ ސަރަހައްދުގައި އޮތެވެ. ޖަލްސާ ކުރިއަށް ގެންދަން ސުކޫލު ހޯލަށް ވަންނަން ފުރުސަތު ދޭން ފުލުހުން ދެކޮޅު ހެދި އެވެ. 

ޕާޓީގެ ވެރީން ސުވާލު ކުރުމުން އެ ސަބަބުތައް ފުލުހުން ސާފުކޮށް ދިނެވެ. ފުލުހުން ބުނި ގޮތުގައި ފުލުހުން އެ ސަރަހައްދަށް އައީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަށެވެ. އެޑިއުކޭޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދުނީ ގިޔާސުއްދީން ސުކޫލުގެ މެނޭޖްމަންޓުން އެދުމުންނެވެ. އެޑިއުކޭޝަނުން ފުލުހުންގެ ކިބައިން އެދުނީ އެ ސުކޫލު ހިމާޔަތް ކޮށް ދިނުމަށެވެ.

ސަބަބަކީ ޕީއެންއެފްގެ ޖަލްސާ ބާއްވަން ކުރީން ދީފައި އޮތް ހުއްދަ އެ ސުކޫލުން ކުއްލި ގޮތަކަށް ބާތިލުކޮށްފައި ވުމެވެ. ގިޔާސުއްްދީން ސުކޫލުގެ ހޯލް ކުއްޔަށް ނަގާ ފައިސާ ދައްކާ އެއްބަސްވުން ހެދީ އޭގެ ދެ ދުވަސް ކުރީންނެވެ. ޖަލްސާއަށް ތަން ތައްޔާރުކޮށް ނިމޭން ކައިރިވެފައި ވަނިކޮށް އިއްޔެ ހަވީރު ކުއްލި ގޮތަކަށް މެއިލެއް މެދުވެރިކޮށް ހޯލް ދިނުމުގެ އެއްބަސްވުން ބާތިލު ކުރާކަން އެންގި އެވެ.

އޭރު ލެޑްޕެނަލްތައް ގެނެސް ހޯލްގައި އަޅުވައިފި އެވެ. ހޯލް ވަށައިގެން ހުދު ފޮތި ދަމާ ޖަލްސާއަށް 350 ވުރެ ގިނަ ގޮނޑި ވަނީ ޖަހާފައެވެ. އެ ނޫން ވެސް އެތައް އިންތިޒާމެއް އޮތީ ކޮށްފައެވެ. ޕީއެންއެފުން އެންގީ އެއްބަސްވުން އެ ގޮތަށް ބާތިލު ނުކުރެވޭނެތީ މައްސަލަ ކޯޓަށް ގެންދާށެވެ. ކޯޓުން ނުނިންމާނަމަ ޖަލްސާ ބާއްވާނެ ކަމަށެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: ރޭ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް -- ދަ މިރާގެ ފޮޓޯއެއް

ޖަލްސާ ހުއްޓުވައިދޭން ފުލުހުންގެ އެހީތެރި ކަމަށް އެދުނީ އެހިސާބުންނެވެ. ނަމަވެސް މިއީ އާންމުކޮށް އެ ސުކޫލުން އަމަލު ކުރަމުން އައި ގޮތެެއް ނޫނެވެ. އަދި ކުއްލި ގޮތަކަށް ހޯލު ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލު ކުރަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިއެއް ނުވެ އެވެ. ކަން ހިނގާފައިވާ ގޮތުން މިއީ ސަރުކާރުގެ ނުފޫޒު ގައި ހިންގާފައިވާ ކަމެއް ކަމަށް ބެލުމުގެ ހުރިހާ ދޮރެއް ވަނީ ހުޅުވިފައެވެ.

ގިޔާސުއްދީން ސުކޫލުގެ ހޯލަކީ ސިޔާސީ ޖަލްސާތައް އަބަދުވެސް ބާއްވަމުން އަންނަ ހޯލެކެވެ. ސަރުކާރުގެ ސުކޫލެއްގެ ގޮތުގައި ހިންގިއިރު ވެސް އެކަން އޮތީ އެގޮތަށެވެ. އަމިއްލަ ބަޔަކު އެ ސުކޫލު ހިންގަން ފެށުމުން އެކަން އޮތީ ވަރަށް ބޮޑަށް ވިޔަފާރި އުސޫލުން ކުރާ ކަމަކަށް ބަދަލުވެފައެވެ. އެންމެ ފަހުން އުފެއްދި ދަ ޑިމޮކްރެޓްްސްގެ އިފްތިތާހީ ޖަލްސާ ވެސް އޮތީ އެ ހޯލު ގައެވެ.

އެހެންވީމަ ކުއްލި ގޮތަކަށް ހޯލު އެއްބަސްވުން ބާތިލު ކުރަން އެންގުމުގައި ކޮންމެވެސް ސަބަބެއް ވާނެ އެވެ. ފުލުހުންގެ ހުރަސް އެޅުންތަކާ އެކު ޕީއެންއެފްގެ މެންބަރުންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި އެވެ. ސަފުތައް ފޫއަޅުވާ ބަޔަކު ހޯލަށް ވެސް ވަނެވެ. ހޯލްގައި ޖަލްސާ ބާއްވަން މަސައްކަތް ވެސް ކުރި އެވެ. ޖަލްސާ ބޭއްވޭ ގޮތް ނުވީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް ވަދެވޭ ގޮތް ނުވީމަ އެވެ. ފުލުހުން އެ ފުރުސަތު ނުދިނީ އެވެ. އެހެން ކަަމުން ގިޔާސުއްދީން ދޫކޮށް އެ ޖަލްސާ ބޭއްވީ ރާޅުގަނޑު ސަރަހައްދު ގައެވެ. ކޮމިޝަންގެ އޮފިޝަލުންގެ ހާޒިރު ގައެވެ. ބައްދަލްވުން ސައްހަ ކަމަށް ނިންމާ އެ އޮފިޝަލުން ރޭ ވަނީ ލިޔުން ވެސް ދީފައެވެ.

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: ރޭ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް -- ދަ މިރާގެ ފޮޓޯއެއް

ރޭގައި ހިނގާ ދިޔަ ކަންތައްތަކާ ގުޅިގެން ސަރުކާރާއި ފުލުހަށް އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ. އެ ފާޑު ކިޔުންތަކާއި ގުޅިގެން ފުލުހާއި ސަރުކާރަށް ވެސް މަޖުބޫރުވެ ވާހަކަ ދައްކަން ޖެހުނެވެ.

ސަރުކާރުން ނެރުނީ ބަޔާނެކެވެ. ސަރުކާރުން ބުނި ގޮތުގައި ގާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަސް ނާޅާނެ އެވެ. ސިޔާސީ ޙަރަކާތްތަކަށް ފަހިކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް މި ސަރުކާރުން ފަހިކޮށްދޭނެ އެވެ. ދެ ހަފުތާއަށް ވުރެ ދިގު ބަންދު ދުވަސްތަކަކަށް ފަހު އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ތައްޔާރުވަމުން ދާތީއާ އަހަރު ފަހު އިމްތިހާން ސްކޫލްތަކު ގައި ކުރިއަށް ގެންދާ ދުވަސްވަރު ކަމަށް ވާތީ އެއްވެސް ހަރަކާތެއް ހިންގުމަށް ސްކޫލް ހޯލްތައް ދޫކުރުމަކީ މި ވަގުތު ސްކޫލްތަކަށް ވަރަށް ދަތި ކަމެއް ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން އެހެން ބުނި ނަމަވެސް ގިޔާސުއްްދީން ސުކޫލުގެ ހޯލް ޕީއެންއެފަށް ދިނުމަށް އެއްބަސްވުން ހެދިއިރުވެސް އެ ސަބަބުތައް އެ ގޮތުގައި އޮތެވެ. އިމްތިހާނު އޮތް ކަމާއި ބަންދަށް ފަހު ސުކޫލު ހުޅުވޭން ތައްޔާރުވާކަން އެ ސުކޫލަށް އެނގޭނެ އެވެ.

މި މައްސަލާ ގައި ހޯމް މިނިސްޓަރު ވެސް ވަނީ ވާހަކަ ދައްކާފައެވެ. މިނިސްޓަރުގެ ވާހަކައަކާ އެކު ރޭ ހިނގި ކަންކަމުގެ ތެރެއަށް ނުފޫޒު ވަދެފައި އޮތް މިންވަރު އިތުރަށް ހާމަވީ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު‬⁩ ވަނީ ސުލްހަވެރި އެއްވުންތަކާއި އަދި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލު ކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށް އަންގަވާފައެވެ. ވަކިން ހާއްސަކޮށް އެސްއޯ ފުލުހުން ހާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށެވެ.

އެހެން ކަމުން ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރި ގޮތް ބަލާ އަދި ބާރުގެ ބޭނުން ކުރުމާއި އެސް އޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ފުލުހުންގެ ކަމިޝަނަރަށް އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ. 

ޕީއެންއެފްގެ ޖަލްސާއަށް ހުރަސް އެޅުމުން ހަމަޖެހުން އުފެދިފައި: ރޭ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެއް -- ދަ މިރާގެ ފޮޓޯއެއް

ނަމަވެސް ރޭ ކަން ހިނގީ ރައީސް އަންގަވާފައިވާ ގޮތާއި ދިމާ އިދިކޮޅަށެވެ. ވަރަށް އާދައިގެ ކަމެއް ހުއްޓުވަން އެސްއޯ ފުލުހުންގެ ބޮޑު ފައުޖެއް ނެރުނެވެ. އާންމުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިނގައި ދިޔައީ އެވެ. ހާލަތާއި ނުބައްދަލު ގޮތަށް އަމަލު ކުރީ އެވެ.

ދެން އޮތީ ފުލުހުން އެ މީހުންގެ އަމިއްލަ އިސްނެގުމަށް ރޭ އޮތް ހަރަކާތް ހުއްޓުވަން އެ ގޮތަށް އަމަލު ކޮށްފާނެތޯ އުފެދޭ ސުވާލެވެ. ފުލުހުންގެ އަމިއްލަ އިސްނެގުމަށް އެފަދަ ކަމެއް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. ރޭގެ ޖަލްސާ ހުއްޓުވައިދޭން އެޑިއުކޭޝަނުން އެދުނަސް ރޭ އެ އަމަލު ކުރި ގޮތަށް އަމަލު ކުރީ އެހެން އެންގުމަކަށް ކަމަށް ބެލެމުގެ ފުރުސަތު އެބަ އޮތެވެ.

ރޭ އެ ހިނގާދިޔަ ކަންކަމަކީ ޕީއެންއެފުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަންތައްތަކެވެ. ތަކުރާރުކޮށް ސަރުކާރަށް ކުރަމުން އައި ތުހުމަތުތަކުގައި ހަގީގަތެއް އޮތްކަން އާންމުންނަށް ސާބިތުކޮށް ދޭން ޕީއެންއެފްގެ ވެރީން ތިބީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ. ޖަލު ހުކުމެއް އޮތް އެ ޕާޓީގެ ބާނީ، ރައީސް ޔާމީން އެ ޖަލްސާއަށް ގެންދަން ނިންމާ ގާނޫނަށް ގޮންޖަހާ އިއުލާނު ކުރީ ވެސް އެހެން ވެގެނެވެ. އެ ޕާޓީން ބޭނުންވި ގޮތަށް އެކަން ރޭ ހިނގައި އެ ދިޔައީ އެވެ.

އެކަމަކު އެއީ ސަރުކާރަށް ވަރަށް ބޮޑު ބަދުނާމެކެވެ. ސަރުކާރަށް އޮތް އިތުބާރަށް ލިބުނު ބޮޑު އުނިކަމެކެވެ. ޑިމޮކްރަސީ ގައި ހުތުރު އަމަލެކެވެ. ތަކުރާރުކޮށް ރައީސް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ދިމާ އިދިކޮޅު އަމަލެކެެވެ. އެހެން ގޮތަކަށް ބުނާނަމަ ރޭ އެ ހޭވީ އެއްވެސް ބޭނުމެއް ނެތް ހަޑިއެކެވެ.

ޕީއެފުން ޖަލްސާ ބާއްވައިފި އެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ފަހު މަރުހަލާ ނިންމައިފި އެވެ. އެ މީހުން ބޭނުންވި ގޮތަށް ސަރުކާރު ލައްވާ ހުތުރު މަންޒަރުތަކެއް ކުޅުވައިފި އެވެ. އެސްއޯ ފުލުހުން ނެރެ ސިޔާސީ ހަރަކާތަކަށް ހުރަސް އަޅާ ހަމަނުޖެހުމަކަށް ފުރުސަތު ފަހި ކުރުވީ އެވެ. ޔާމީނާއި ޕީއެންއެފްގެ މަގުބޫލު ކަން އިތުރުވުމަށް ފުރުސަތެއް ފަހި ކުރުވީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.