ޕީއެންއެފް ޖަލްސާއަށް ހުރަސް އެޅުމުން ފައްޔާޒްގެ ކަންބޮޑުވުން

"ސިޔާސީ ވާދަވެރިން އުފެއްދުމުގެ ފުރުސަތު ދިނުމަށް ރައީސް ޑރ. މުއިއްޒު ބިރު ގަންނާކަށް ނުޖެހޭ. މިއީ ކުރިއަށް އޮތްތަނުގައި މި ސަރުކާރުގެ ސިޔާސަތަކަށް ވުމުގެ ބިރު އެބައޮތް،"

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސްއެޅުމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި --

މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޕީޕަލްސް ނެޝަނަލް ޕްރަންޓް (ޕީއެންއެފް) އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޕީއެންއެފް އުފައްދާ ޖަލްސާ ފަށަން އޮތީ މިރޭ 9:00 އަށެވެ. ނަމަވެސް ޖަލްސާއަށް ދިޔައިރު ފުލުހުން ތިބީ ގޭޓު ބަންދުކޮށްގެން ގޭޓު ކުރިމަތީ އެވެ. ފުލުހުން ބުނީ ޖަލްސާއަށް ފުރުސަތު ނުދިނީ ޖަލްސާ ބާއްވަން ނަގަން ޖެހޭ ހުއްދަ ނުނަގާ އޮތުމުން އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާތީ ކަމަށެވެ.

މިކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަން ކޮމިޝަނަށާއި ޕްރައިވެޓް ސްކޫލަށާއި އަދި ފުލުހުންނަށް ނުފޫޒު ފޯރުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އުފައްދާ ޖަލްސާއަށް ހުރަސް އެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ސިޔާސީ ވާދަވެރިން އުފެއްދުމުގެ ފުރުސަތު ދިނުމަށް ރައީސް ޑރ. މުއިއްޒު ބިރު ގަންނާކަށް ނުޖެހޭ. މިއީ ކުރިއަށް އޮތްތަނުގައި މި ސަރުކާރުގެ ސިޔާސަތަކަށް ވުމުގެ ބިރު އެބައޮތް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވުމަށް ރައީސަށާއި ސަރުކާރަށް ގޮވާލައްވާފަ އެވެ.

މިރޭގެ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމުން އެޕާޓީގެ މެމްބަރުން ވަނީ މުޒާހަރާ ކޮށްފަ އެވެ. އަދި ގަދަކަމުން އެތެރެއަށްވަދެ ހޯލު ވަނީ ފުރާލާފަ އެވެ. ފުލުހުން އެސަރަހައްދު ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް ސްކޫލް ހޯލުގައި ޖަލްސާ ބާއްވަން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.