ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 15

އަޔާޒްގެ ކުރެވެން އުޅޭ ކައިވެންޏަށް އީމާ ވަރަށް ޤަބޫލެވެ. ކައިވެންޏަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރީ ކަމަށް ހަދަން ޖެހޭނެ ކަމަށް އީމާ ޤަބޫލު ކުރެއެވެ.

- އެޕިސޯޑް 15 –

އެކި ގޮތް ގޮތުން ޒީމާ ހަމައަކަށް އަޅުވަން އީމާ މަސައްކަތް ކުރިއެވެ. ނަމަވެސް އީމާގެ ވާހަކަތައް ޤަބޫލުކުރަން ޒީމާ ބޭނުން ނުވީއެވެ. ޒީމާ ހުރީ ގޮތުގައެވެ. އެއްވެސް ޙާލެއްގައި އަޔާޒް އާއި ޝަރާގެ ކައިވެނި ކުރެވޭކަށް ޒީމާގެ ހިތެއް ނޭދެއެވެ. ޒީމާގެ ވާހަކަތައް ޝަރާ ޤަބޫލު ނުކުރި ހިސާބުން ޒީމާ ދެކުނީ ޝަރާ އަކީ ނުބަައި ނުލަފާ އަންހެނެއް ކަމަށެވެ. ވަރަށް ރީތިކޮށް ސާދާކޮށް، ޒީމާގެ އަގުހުރި ވަގުތުތައް ޝަރާގެ ގާތަށް ގޮސް ބޭކާރު ކޮށްލުވުނީއެވެ. އެވަރަށް ޕްލޭން ހަދައިގެން ދެއްކި ވާހަކަތަކުގައި އެއްވެސް ރަހައެއް ނުލީއެވެ.

ގޭތެރޭގައި ހިނގާ ދިޔަ ކަންތައް އަޔާޒަށް އެނގުން ނަމަވެސް، އެކަމާ އަޔާޒް އަޅައެއް ނުލައެވެ. އެއްވެސް ކަމެއް ނޭނގޭކަމު ހަދާލައިގެން އަޔާޒް ހުރީއެވެ. ނަމަވެސް އަޔާޒްގެ ހިތުގައި އިންތިހާއަށް މޮޅިވެރިކަން އެބަ އޮތެވެ. މަންމަގެ ފަރާތުން އަޔާޒް ދުވަހަކުވެސް އުއްމީދު ނުކުރާ އެތައް ކަމެއް ފެނެއްޖެއެވެ. 

އަޔާޒްގެ ކައިވެނީގެ ޚަބަރުން، އޭނާގެ މަންމަ މުޅިން ބަދަލު ވެއްޖެއެވެ. އެއީ މިހާރު މުޅިން އެހެން މަންމައެކެވެ. އަޔާޒް އެންމެ ދެރަ ވަނީ މި މައްސަލައިގެ އަސަރު އޭނާގެ މަންމަ އާއި ބައްޕަގެ ދިރިއުޅުމަށް ވެސް ފޯރާފައި ވާތީއެވެ. އެއީ އަޔާޒް އެއްވެސް ގޮތަކަށް ބޭނުންވާ ކަމެއް ނޫނެވެ. ދެމީހުން އެކެއް އަނެކަކަށް އަތް އިސްކުރާ ހިސާބަށް ކަންތައް ދާއިރު، އަޔާޒް ހުރީ ޙަޤީޤަތުގައި އެކަމާ ބޯގޮވަން ގާތްވެފައެވެ.

***

ވަގުތުތައް ހޭދަވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހަވީރުގެ ފިނި ވައިރޯޅިތަކުން މުޅި މާލެއަށް ހަނާ އަޅަމުން ދަނީއެވެ. އަޔާޒް އާއި ޝަރާގެ ކައިވެނީގެ ރަން ކިޔެއްޖެއެވެ. ޝަރާގެ ފަރާތުން ޝަރާގެ ބޮޑުދައިތަ އާއި އަޔާޒްގެ ފަރާތުން އަޔާޒްގެ ބައްޕަ އާއި ކޮއްކޮ ބައިވެރިވިއެވެ. އަޔާޒްގެ ކައިވެނީގެ ކަންތަކުގައި ކުރިއަށް ދިޔުމަށް އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ދިނީ ޔޫސުފް އެވެ. މިއަދު ގޭތެރޭގައި ހިނގާ ދިޔަ ކަންތަކާ އެކުގައި ވެސް ކައިވެނީގެ ރަން ކިޔުން ނިންމާލެވުނީ އަޔާޒަށް ޔޫސުފް އާއި އީމާ ދިން ހިތްވަރުންނެވެ.

އަޔާޒްގެ ކައިވެނީގެ ރަނުގައި ޒީމާ ބައިވެރި ނުވުމުން އެކަމާ ޝަރާގެ ބޮޑުދައިތަ ސުވާލު ކުރިއެވެ. ނަމަވެސް ޒީމާ އުޅެނީ ބަލިވެ ކަމަށް ބުނެ ޖަވާބު ދިނީ ޔޫސުފްއެވެ. އެއީ ކަނޑައެޅިގެން ދޮގުކަން ޝަރާއަށް އެނގެއެވެ. އެއްޗެއް ނުބުނެ، ސުވާލެއް ނުކޮށް ހުއްޓަސް ހުރިހާ ކަމެއް ވެސް ޝަރާ އަށް އެނގޭ ކަހަލައެވެ. ނޭނގޭ ކަމަށް ހަދާލައިގެން ޝަރާ ހުންނަނީ އަޔާޒް ދެކެވާ ލޯތްބެއްގެ ސަބަބުންނެވެ.

***

ދުވާލުގެ ދަންފަޅި ނިމި، ރޭގަނޑުގެ އަނދިރިކަމަށް ޖާގަ ދީފިއެެވެ. ކޮޓަރި ތެރޭގައި ޒީމާ އާއި ޔޫސުފް އިނެވެ. މުޅި ކޮޓަރި ތެރެ ވަނީ ހިމޭން ވެފައެވެ. އެެއްވެސް އަޑެއް ބަޑެއް ނީއްވެއެވެ. އެކަކު އަނެކަކު ވާހަކަ ނުދައްކާ، ހަމަހިމޭން ކަމުގެ ސިކުންތެއް މުޅި ކޮޓަރިއަށް އައިސްފައިވާ ކަހަލައެވެ.

"ޒިމާ.." 

ކޮޓަރިއަށް ވެރިވެފައިވާ ހިމޭންކަން ގެއްލިގެން ދިޔައީ ޔޫސުފްގެ އަޑަށެވެ. އިސްދަށަށް ޖަހައިގެން ޒީމާ ހަމަ އިނީއެވެ. ޔޫސުފްގެ އަޑަށް އެއްވެސް ވަރަކަށް ޒީމާ ސަމާލުކަމެއް ނުދެއެެވެ. އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔައީ ޔޫސުފެވެ.

"ޒީމާ.. އަހަރެން ޒީމާ ދެކެ ވަރަށް ލޯބިވޭ! ޒީމާއާ ނުލާ އަހަރެންނަށް ނުވެސް އުޅެވޭނެ. ދިރިއުޅުމުގަ އަންނާނެ އެކި ކަހަލަ ދަނޑިވަޅުތައް.. އޭގެ ކޮންމެ ދަނޑިވަޅެއްގެ ޖެހޭނެ ވަރަށް ރަނގަޅަށް ވިސްނަން.. ކަންކަމާ މެދުގަ ފިކުރު ކުރަން.. ޚާއްސަކޮށް ދަރިންގެ ކަންކަމުގަ.." 

ޔޫސުފް ހިފައިލީ ޒީމާގެ އަތުގައެވެ. ޒީމާ އިސްނެގިއެވެ.

"ޒީމާ.. އަޔާޒް އާއި އީމާ އަކީ އަހަރެމެން ވަރަށް ލޯބިން ބަލާ ބޮޑު ކުރި ދެކުދިން.. އެދެކުދިންގެ އުފާތަކަށް އެޅޭ ހުރަހަކަށް އަހަރެމެން ވަނީ ކީއްކުރަން؟ އެ ދަރިންނަށް ވެސް އެމީހުންގެ ޙަޔާތަށް އެމީހުން ބޭނުންވާނެ މީހެއް ގެނެވެސް އެ ފުރުޞަތު އޮންނަން ވާނެ. އެކަމުގެ ތެރެއަށް މައިންބަފައިން ވަނީމަ، އެއީ ރަނގަޅު ގޮތެއް ނޫން.. ޒީމާ ވިސްނާލަބަލަ!" 

ޔޫސުފްގެ ވާހަކަތައް އަޑުއަހަމުން ޒީމާ ގެންދިޔައެވެ.

"އަޔާޒް ވެސް އެހުންނަނީ ވަރަށް ދެރަވެފަ.. އަޅެ އެއީތަ އޭނާއަށް ހައްގު ގޮތަކީ؟ ހައްގުވާ އުފާތަކަކީ؟ އޭނާއަށް އަންނަ އެންމެ އުފާވެރި ދުވަހުގަ ޒީމާ ހުންނާނީ ތިހެންތަ؟ އުފަލުގަ ބައިވެރި ނުވެ؟ ރުޅި ހަދާލައިގެން؟" 

ޔޫސުފް އެހި ސުވާލުން ޒީމާގެ ހިތަށް ފަސޭހައެއް ނުވިއެވެ. ފެންކަޅިވެފައިވާ ދެލޯ ޒީމާ އަމާޒް ކޮށްލީ ޔޫސުފްގެ މޫނާ ދިމާލަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.