ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ދިވެހި ޒަކާތު ފަންޑުން އެއްލައްކަ ޑޮލަރު

ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާ ގައި ފޮނުވަން ގަސްތު ކުރަނީ އެއް ލައްކަ ޑޮލަރު ކަމަށެވެ. މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ދިވެހި ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާއިރު ފުރަތަމަ މަރުހަލާ ގައި އެއްލައްކަ ޑޮލަރު ފޮނުވަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ފޮނުވާ އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭނީ ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. މީގެ ކުރިން ވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަދި ވިދާޅުވީ ޒަކާތު ފަންޑުން ފުރަތަމަ މަރުހަލާ ގައި ފޮނުވަން ގަސްތު ކުރަނީ އެއް ލައްކަ ޑޮލަރު ކަމަށެވެ. މި ފައިސާ ފޮނުވާނީ ދެ ޕޭމަންޓަކަށް ބަހައިގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި ފައިސާ އަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް،"

މިނިސްޓަރު ވަނީ މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަ ކުރައްވާފައެވެ.

ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަށާފައިވާ ލާއިންސާނީ ހަނގުރާމައިގައި ފަލަސްތީނުގެ 32،000 ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.

ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާ މުޅި ޣައްޒާ ސުންނާފަތި ކުރުމަށް ފަހު އަދިވެސް ހިތްހަމަ ޖެހޭ ވަރު ނުވެގެން ހައްދުފަނައަޅާފައިވާ އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ހުރިހާ އަސާސީ ހިދުމަތަކުން މަހްރޫމް ކޮށްފައެވެ. ޣައްޒާށް އެހީއާ ކާބޯތަކެތި ވައްދާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ޣައްޒާގެ މުޅި ރައްޔަތް ނައްތާލުމުގެ ޖަރީމާ އިޒްރޭލުން ދަނީ ހިންގަމުންނެވެ.

މި ޖަރީމާތަކާއި ދެކޮޅަށް ދުނިޔެއަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. އިސްލާމީ ގައުމުތައް ވަނީ އެއީ ނުފެންނަ މަންޒަރެއް ކަމަށް ހަދާފައެވެ. އިސްލާމީ ލީޑަރުން ވަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އެއްޗެއް ވިދާޅުވާން ވެސް ކެރިވަޑައިނުގަންނަވާ މިންވަރަށް ހުޅަނގުގެ ނުފޫޒާއި ބިރުވެރިކަމުގެ ތެރެއަށް ވަޑައިގެންފައެވެ.

އެކަން އިހްސާސް ކުރެވި ޣައްޒާގެ ރައްޔިތުން މިހާރު ވަނީ އެ މީހުންނަށް އެހީތެރިވެދިނުމަށް އިސްލާމީ ދައުލަތްތަކަށް ގޮވާލާ ގޮވާލުން ހުއްޓާލާފައެވެ. އެ ރައްޔިތުންގެ ހުރިހާ ވެސް ދެންނެވުމަކީ އެ މީހުންނަށް "ﷲ ފުދެ އެވެ" މިއެވެ.

ފަލަސްތީނުގެ މައްޗަށް ދިވެހީންގެ އޮތީ ވަރަށް ބޮޑު އޯގާތެރިކަމާ ގާތް ކަމެކެވެ. އެކަން އެ ގައުމުގެ ރައްޔިތުން ވެސް ދަނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.