ފަހުރުވެރިވާންވީ އިސްލާމް ކަމުގެ ނިއުމަތަށް، ނަސްރު ދޭންވީ އިސްލާމްދީނަށް: ރައީސް

"މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ނުވާނެ. ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އިސްލާމް ކަމުގެ ނިއުމަތަކީ މާތްﷲ، އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާ ފަހުރުވެރިވާންވީ އެ ނިއުމަތް ދިވެހީންނަށް މިންވަރު ކުރެއްވި ކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ފިތުރު އީދަށް މާލެ ސިޓީއާ އަތޮޅުވެރިކަން ކުރާ ރަށްތައް ދިއްލާލުން ފާހަގަ ކުރުމަށާއި ޖުމްހޫރީ މައިދާނުގައި ހުރި ފައްވާރާ އަލުން މަރާމާތުކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެއްސަކަށް ވީތީ އޮތް އެނމްެ ބޮޑު ފަހުރަކީ އިސްލާމް ކަމުގެ ނިއުމަތް ލިބިފައި ވުން ކަމަށެވެ. އެއީ އިންސާނަކަށް މާތްﷲ ދެއްވާނެ އެންމެ މަތިވެރި ނިއުމަތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮންމެ ދިވެސަކީ ދީނަށް ނަސްރުދޭ މީހަކަށް ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެ ނިއުމަތުގެ މުހިންމު ކަން ކުޑަކުދީންނާ ޒުވާނުންނަށް އިހްސާސްކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ. ފިތުުރު އީދުގެ ތަހުނިޔާ ފޮނުއްވާ ރައީސް ވިދާޅުވީ ރާއްޖެ އަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުން ދުރާލާ އީދަށް ތައްޔާރުވެ އީދުގެ އުފަލުގައި އެންމެން ބައިވެރިވާން ޖެހޭ ކަމަށެވެ. މުޅި ރާއްޖޭގައި ކުލަގަދަކޮށް އީދު ފާހަގަ ކުރައްވަން ފެއްޓެވީ އެހެން ވެގެން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ކުރިއަށް އޮތް އަހަރު މިއަށްވުރެ ގިނަ ރަށްތައް އީދު ލައިޓްތަކުން ދިއްލާލެވޭނެ ކަމަށެވެ. މި ފަހަރުވެސް އީދު ލައިޓްތަކަށް ވަރަށް ގިނަ ރަށްތަކުން އެދެމުން ދިޔަ ކަމަށާ ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރަކުން އެކަން ކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ މި ފަހަރުގެ އީދު އެއްބައެއްގެ ގޮތުގައި ފާހަގަ ކުރުމަށް ހުރިހާ ދިވެހީންނަށް އިލްތިމާސް ކުރައްވާފައެވެ.

"މި އެކުވެރިކަން އަޅުގަނޑުމެންގެ ތެރެއިން ނެތިގެން ނުވާނެ. ކޮންމެ ފަދަ ކަމެއް ކުރިމަތިވިޔަސް ކޮންމެ ކަހަލަ ހިޔާލުތަފާތުވުމެއް އެއްވެސް ވަގުތަކު ދިމާވިޔަސް މިކަން ހަނދާން ނައްތާލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ ދިވެހީންކަން. ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ޖެހޭނެ ކަން،"

އަދި އެދިވަޑައިގަތީ އެއްބައިވަންތަކާ އެކު ގައުމު އަރާސްތު ކުރުމުގެ މަސައްކަތުގައި އެންމެން ބައިވެރިވުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.