ޑިމޮކްރެޓުންނަށް ކެމްޕެއިން ކޮށްދޭން ނަޝީދު ރާއްޖެ ވަޑައިގަންނަވަނީ

ޑިމޮކްރެޓުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ތިން އިވެންޓެއް ގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިވަގުތަށް ސިޔާސީ ކަންކަމާއި ދުރަށް ޖެހިވަޑައިގަންނަވާ ކަން ހާމަކުރެއްވުމަށް ފަހު ދަ ޑިމޮކްރެޓްސްގެ ޓިކެޓް ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނަޝީދު، ސިޔާސީ ކަންކަމާއި ދުރަށް ވަޑައިގެންނެވީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ވަޑައިގަތުމަށެވެ. އެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް މިވަގުތު ހުންނެވީ ގާނާގައެވެ.

ޑިމޮކްރެޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާ ކަން ހާމަކުރައްވާ އެ ޕާޓީގެ ރައީސް ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރެޓުންގެ ކެމްޕެއިން ހަރަކާތުގެ ތެރެއިން ތިން އިވެންޓެއް ގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެއީ 19، 20 ގައި އޮންނަ ހަރަކާތްތަކެވެ. 19 ވަނަ ދުވަހުގެ ހަވީރު ކެމްޕެއިން ހަރަކާތް އޮންނާނީ ވިލިމާލޭ ގައެވެ.

އަދި އެ ރޭ ރާޅުގަނޑުގައި ހާއްސަ ހަރަކާތެއް އޮންނާނެ އެވެ. އެރޭގެ ބައްދަލްވުމުގައި ރައީސް ނަޝީދުގެ ލެޖިސްލޭޓިވް އެޖެންޑާގެ ޕްރެޒެންޓޭޝަނެއް ހުށައަޅަން ވަނީ ހަމަޖައްސާފައެވެ. 20 ވަނަ ދުވަހުގެ ހަވީރު ކެމްޕެއިން އިވެންޓް އޮތީ ހުޅުމާލެ ރުއްގަނޑު ސަރަހައްދު ގައެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޑިމޮކްރެޓުންގެ ފަރާތުން 41 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. މާލޭގެ ހުރިހާ ދާއިރާއަކަށް ހެން ޑިމޮކްރެޓުން ވާދަ ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.