ޗައިނާ ޓޫރިޒަމްގެ 11 ޕަސެންޓް ހިއްސާ ނަގައި، 70،000 އަށް

ޗައިނާ މާކެޓަކީ އޭޝިއާގެ އެންމެ ހަރަދު ކުރުން ބޮޑު އެއް މާކެޓެކެވެ. އަދި މިހާރު އެންމެ ކުރިއަރަމުންދާ އެއް މާކެޓެވެ.

ހޮންކޮންގް އެއާލައިނުން އައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ވިޒިޓް މޯލްޑިވްސް

ހަލުއި ކަމާއެކު ރާއްޖެއަށް އިތުރުވަމުން ދާ ޗައިނާ ޓޫރިސްޓުން ރާއްޖޭގެ 11 ޕަސެންޓް ހިއްސާ ނަގައި ޖުމްލަ އަދަދު 70،000 އިން މަތިވެއްޖެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ޗައިނާ އިން 70,394 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ. 

މިދިޔަ އަހަރު ނިމުނުއިރު ތިންވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާ އިން އެއްވަނަަށް ޖެހިލިއިރު މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 400 އަށްވުރެ ގިނަ ޗައިނާ ޓޫރިސްޓުން އަންނަ ކަމަށް ދައްކަ އެވެ.  ޗައިނާ މާކެޓު އިތުރު ވެފައި މިވަނީ ރާއްޖެ އަށް އެ ގައުމުން އަންނަ އެއާލައިންގެ އަދަދު ވެސް އިތުރުވެފައިވަނިކޮށެވެ. މިހާރު ޗައިނާ އިން ރާއްޖެ އަށް ފަސް އެއާލައިނެއް ދަތުރު ކުރަމުން ގެންދެ އެވެ. މި އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް އުދުހޭ ގިނަ އެއާލައިންތަކެއްވެސް ހިމެނެ އެވެ. 

ޗައިނާ އިން ދުނިޔެ އަށް ހުޅުވާލުމަށްފަހު އެންމެ ފުރަތަމަ ޓޫރިސްޓުން އަންނަން ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. އެ ގައުމު ކޮވިޑް-19 އަށްފަހު ހުޅުވާލީ 2022 ޖެނުއަރީ މަހު އެވެ. ނަމަވެސް ރާއްޖެއަަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ޖެހޭ ވަރަށް އިތުރުވެފައެއް ނުވެ އެވެ. ސަބަބަކީ އެ ދުވަސްވަރު ރާއްޖޭގެ ގިނަ އެނދުތައް ފުލްކޮށް ހުރުމާއި ކަނެކްޓިވިޓީ ނެތުމެވެ. 

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިވެންޓެއްގައި ޗައިނާ ސަފީރާއެކު

އޭޝިއާގެ އެންމެ ހަރަދު ކުރާ އެއް މާކެޓް

ޗައިނާ މާކެޓުން މިހާރު އަންނަ ޓޫރިސްޓުންނަކީ ހަރަދު ކުރުން އިތުރު ބައެކެވެ. އޭޝިއާގެ ގައުމުތަކުގެ ތެރޭން ވެސް ޗުއްޓީ ހޭދަ ކުރުމުގެ ތެރޭގައި ސްޕެންޑިން އެންމެ މަތި އެއް ގައުމަކީ ޗައިނާ އެވެ. ރާއްޖެއަށް އަންނަ ޗައިނާ މީހުންނަކީ ދުވާލު ހަތަރުދަމު އެކްސްކާޝަންތަކުގައި އުޅޭ ބައެކެވެ. އަދި މި ގައުމުން އަންނަ މީހުންނަކީ ގްރޫޕް ޓްރެވަލާސް ކަމަށްވުމުން ޓޫރިޒަމް ފެސިލިޓީސްތަކަށް ލިބޭ މަންފާވެސް ބޮޑުވެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރާ ޗައިނާ ޓޫރިސްޓުންގެ ހަރަދު ކުރުމުގެ ލެވަލް މިހާރުހުރީ ކޮވިޑުގެ ކުރިއާ ގާތްގަނޑަކަށް އެއް ހަމައެއްގަ އެވެ. ނިމިގެން ދިޔަ ޗައިނީސް ނިއު އިޔާއާ ދިމާކޮށް އެ ގައުމުގެ މީހުން 87 ބިލިއަން ޑޮލަރު ޗުއްޓީއަށް ހޭދަކޮށްފައިވެ އެވެ. ޗައިނާ މީހުން 70 ގައުމެއްގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 

ޓޫރިޒަމް 2024 - މިއަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ އަމާޒެކެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ރެކޯޑު ހެދި އަހަރެކެވެ. މިދިޔަ އަހަރު 1,878,543 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު އައިސްފައިވަނީ 1,675,303 ޓޫރިސްޓުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.