ނަތީޖާ ނެރެދީ، އައްޑޫ އެދޭ ތަރައްގީ މި ފަހަރު ހޯދައިދޭނަން: ރައީސް

"ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު ތިޔަ އުއްމީދު ކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މި ފަހަރު،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގުމަށް ފަސޭހަކޮށްދީ ރައްޔިތުންގެ ތަރައްގީއަށް ފުރުސަތު ފަހިކޮށް ދޭނެ ކެންޑިޑޭޓުން އިންތިހާބު ކޮށް ދެއްވައިފިނަމަ އައްޑޫ ސިޓީ ރައްޔިތުން އެދޭ ތަރައްގީ ގެނެސް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީސް އިންތިހާބު ގައި އައްޑޫ ސިޓީގެ ދާއިރާއަކަށް ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓެއްގެ ކެމްޕެއިން ހަރަކާތު ގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެކުނުގެ ހަތަރު އަތޮޅަށް ހާއްސަ އިންޓަގްރޭޓެޑް ޑިވެލެޕްމަންޓް ޒޯނެއް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާ އެ މަޝްރޫއުގެ އެންމެ މުހިންމު ނާރެހަކީ އައްޑޫ ސިޓީ ކަމަށެވެ.

އައްޑޫގެ ތަރައްގީއަށް ސަރުކާރުގެ ވަރަށް ފުރިހަމަ ޕްލޭނެއް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ ޕްލޭން ތަންފީޒު ކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވެން އޮތީ މަޖިލީހަށް ކަމުން ކުރިއަށް އޮތް ވިހިވަނަ މަޖިލީހަކީ އެ ފުރުސަތު ފަހިކޮށް ދޭނެ ފަދަ މެންބަރުން ހިމެނޭ މަޖިލީހަށް ވާން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މިހާތަނަށް އައްޑޫ ސިޓީ ތަމްސީލު ކުރަން ފުރުސަތު ލިބިގެން އައީ އެއް ބަޔަކަށް ކަމަށާ އެއީ އެމްޑީޕީ މެންބަރުންނަށް ކަމަށެވެ. ނަމަވެސް އައްޑޫ އެދޭ ހަގީގީ ތަރައްގީ ގެނެސް ނުދެވުނު ކަމަށެވެ. އެހެން ކަމުން ރައީސް އެދިވަޑައިގަތީ މި ފަހަރު ބަދަލެއް ގެނައުމަށެވެ.

"ނަތީޖާ ނެރެދީ، އައްޑޫ ސިޓީގެ ރައްޔިތުން ތާއަބަދު ތިޔަ އުއްމީދު ކުރަމުން އައި ތަރައްގީ އަޅުގަނޑު ހޯދައިދޭނަން އިރާދަކުރެއްވިއްޔާ މި ފަހަރު،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.