ތެޅިގެންފައި ދޫކޮށްލީ 54 މިލިއަން ޑޮލަރުގެ ހިއްސާ: ޝަންގްރިއްލާއެއް ނުހުޅުވުނު

މިދިޔަ ސަރުކާރުން ބުނީ ސަރުކާރުން ދޫކޮށްލީ 70 މިލިއަން ޑޮލަރުގެ އަގު ކުރެވޭ ހިއްސާ ކަމަށެވެ. އެކަމަކު ލިޔެކިޔުންތަކުން އެނގެނީ ދޫކޮށްލި ހިއްސާގެ އަގަކީ 54 މިލިއަން ޑޮލަރު ކަމެވެ.

އައްޑޫގެ ޝަންގްރިއްލާ ރިސޯޓް

އައްޑޫގައި ނުހުޅުވި ގަލަށް ވެފައިވާ ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓް ހުޅުވާނެ ކަމަށް އެންމެ ބޮޑަށް ވައުދުވި އެއް ބޭފުޅަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެކަން ކުރުމުގެ ނަމުގައި މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންއާ ދިމާކޮށް އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ވެސް ދޫކޮށްލި އެވެ. 

ރައްޔިތުންގެ މަޖިލީހުން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ގަވާއިދުތައް ބަދަލު ކޮށްގެން މިކަން ކުރުމާއެކު ހީވީ ދެންމެންމެ ޝަންގްރިއް-ލާ ހިނގައިގެންފާނެހެނެވެ. އެކަމަކު އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލިތާ މިދިޔަ އަހަރުގެ އޯގަސްޓް 28 އިން ތާރީހު ޖަހާއިރު އަށް މަސް ވެގެންދާއިރު ވެސް އެ ރިސޯޓު ހުޅުވޭނެ ކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ރަށް އެ އޮތީ ގަލަށް ވެފައެވެ. 

ތެޅި ގަނެގެން ސަރުކާރުން 54 މިލިއަން ޑޮލަރުގެ ހިއްސާ ދޫކޮށްލީ ކީއް ވެގެން ހެއްޔެވެ؟ އެއީ އޭރު ރިޔާސީ ކެމްޕޭނަށް ފައިސާ ހޯދަން ކުރިކަމެއް ހެއްޔެވެ؟ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ 

އައްޑޫ ރައްޔިތުން އެދެމުން ދިޔައީ ގާވެފައި އޮތް އައްޑޫގެ އެންމެ ބޮޑު އެސްޓް ޝަންގްރިއްލާ ހުޅުވޭނެ ގޮތެއް ހަދައިދިނުމެވެ. ޝަންގްރިއްލާގައި އޮތީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އެވެ. އަދި ބާކީ ހިއްސާ އޮތީ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ކުންފުނީގަ އެވެ. ހޮންގްކޮންގް ހޮޓާ ވިޔަފާރީގެ އެންމެ ބޮޑު އެއް ކުންފުނި، ޝަންގްރިއް-ލާއާއި ގުޅިގެން އައްޑޫ ވިލިނގިލި ތަރައްގީކޮށް ހުޅުވީ 2005 ވަނަ އަހަރު އެވެ. އެކަމު ހިނގަމުން ނުހިނގަމުން ދިޔަ ރިސޯޓުގައި މަރުތަޅު އެޅުވުނީ ކޮވިޑާ ގުޅިގެނެވެ. އެޅުވުނު އެ ތަޅު ނައްޓަން ހިފި ނަމަވެސް ސަރުކާރުން ކޮށްދޭން ޖެހޭ އެތައް ކަމެއް ބޮނޑިވެ އެކަންކަން އޮތީ ނުވެފަ އެވެ. މި ލިސްޓު އައްޑޫ އެއާޕޯޓުން ފެށިގެން ގައުމީ އެއާލައިންއިން ދޭން ޖެހޭ ހުވަދޫ އައްޑޫ ކަނެކްޝަނާ ހަމައިން ވެސް ނުނިމެނެ އެވެ. މި ސަބަބުތަކާހުރެ ޝަންގްރިއްލާ ވިލިނގިލި 2005 ގައި ހުޅުވިފަހުން ހިންގީ ގެއްލުމުގަ އެވެ. 

ޝަންގްރިއްލާ ވިނލިގިލި

  • މި ރިސޯޓު ހިންގަނީ ހޮންގް ކޮންގްގެ ޝަންގްރިއްލާ ކުންފުނިން
  • މިއީ އައްޑޫ އިންވެސްޓްމަންޓްސް ކުންފުނީގެ ރިސޯޓެއް
  • އައްޑޫ އިންވެސްޓްމަންޓަކީ ދިވެހި ސަރުކާރާއި ޝަންގްރިއްލާގެ ޖޭވީއެއް
  • އައްޑޫ އިންވެސްޓްމަންޓު އުފެއްދީ 26، ޖޫން 2005 ގައި
  • ސަރުކާރުގެ ހިއްސާ 30 ޕަސެންޓު 70 ޕަސެންޓަކީ ޝަންގްރިއްލާ
  • ޝަންގްރިއްލާ ރިސޯޓު ހުޅުވީ 26، ޖުލައި 2009 ގައި
  • މިއީ 142 އެނދުގެ ރިސޯޓެއް
  • ޖުމްލަ އިންވެސްޓްމަންޓް 150 މިލިއަން ޑޮލަރު

ރައީސް ސޯލިހު ވިދާޅުވި އަގަށްވުރެ އަގު ކުޑަ

އެ ކުންފުނީގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމާ ބެހޭ ގޮތުން ވާހަކަ ދައްވަމުން ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި މި ހިއްސާ ދޫކޮށްލާނަމަ 70 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެ އެވެ.

"ކުންފުނި ހިންގާފައި ސްޓޭޓްމަންޓްތައް އެބަހުރި ސަރުކާރަށް ހުށަހަޅާފަ. ހިއްސާ ދޫކޮށްލަން ބެލިއިރުގައި މި ވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއް ތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވް،" ސޯލިހު ވިދާޅުވި އެވެ. 

ރައީސް ސޯލިހު މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެ ކުންފުނިން ސަރުކާރުން ދޫކޮށްލަން ޖެހޭ ހިއްސާގެ އަގެއް ނޭނގެ އެވެ. އެކަމަކު ސަރުކާރުން ވަނީ ވެލިއުއޭޝަން ރިޕޯޓެއް ހަދާފަ އެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުން "މިރާ" އަށް ވަނީ އެ މުއާމަލާތްތައް ހިނގައިގެން ދިޔަ ގޮތުގައި ޓައިމް ލައިނެއް ދީފަ އެވެ.

މި ރަސްމީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޓޫރިސްޓް ރިޒޯޓުގެ ގޮތުގައި ރަށްރަށާއި ބިންބިމާއި ފަޅު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކުރުމަށް ޓަކައި ދިވެހި ސަރުކާރުގެ ހިއްސާ ހިމެނޭ ގޮތަށް ހަދައިފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގައި ހިމެނޭ ދިވެހި ސަރުކާރުގެ ހިއްސާ ވިއްކާލުމާބެހޭ ގަވާއިދުގެ ދަށުން އައްޑޫ އިންވެސްޓްމަންޓް ހިމެނޭ ހިއްސާގެ އަގު ދެނެގަތުމަށް މިނިވަން ވެލިއުއާ އެއް މެދުވެރިކޮށް ވެލުއޭޝަން ހަދާފައިވެ އެވެ. މިކަން ކޮށްފައި ވަނީ އޯގަސްޓް 2022 ވަނަ އަހަރު އެވެ.

ކުންފުނީގެ ހިއްސާގެ އަގު ކުރުމުން އެނގުނު ގޮތުގައި މިގޮތުން ވެލިއުއޭޝަން ރިޕޯޓުން ފާހަގަ ކުރެވުނ،ީ ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު ސަރުކާރުގެ ހިއްސާގެ ޖުމްލަ އަގަކީ 54,316,800.00 މިލިއަން ޑޮލަރެވެ.

ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސަރުކާރާއި ޝަންގްރިއްލާއިން ސޮއި ކުރަން ބޭއްވި ރަސްމިއްޔާތު

ހިއްސާ ދޫކޮށްލި ގޮތުގެ ޓައިމްލައިން

  •  އޯގަސްޓް 2022 ކުންފުނި އަގު ކުރުން
  •  ޖަނަވަރީ 2023 ހިއްސާ ދޫކޮށްލަން އިކޮނޮމިކް ކައުންސިލުން ނިންމުން
  •  އޯގަސްޓް 2023 ހިއްސާ ދޫކޮށްލުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

މި ސޮއި އެޅި ދުވަހު އޮތް ކުރު ނޫސްވެރިންގެ ބައްދަލުވުމުގައި ޝަންގްރި-ލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ބްރައިސް ލުނޯ ވިދާޅުވި ގޮތުގައި ހިއްސާ އޮތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބުމަކީ އާ ފެށުމެކެވެ. އެ ދުވަހުން ފެށިގެން ގިނަ އޮޕްޝަންތަކެއް ހުޅުވަން އެބަހުއްޓެވެ. އެހެންވެ ދެން ލަސް ނުވެ ހުޅުވިގެން ދާނެ އެވެ. 

އެކަމަކު އައްޑޫ ރައްޔިތުންގެ މި ހުވަފެނަށް އަހަރެއް ވެގެންދާއިރު ވެސް މި ރިސޯޓު ހުޅުމުގެ އެއްވެސް ކޮޅު މައްޗެއް މެދެން ނުފެނެ އެވެ. ހަމައެކަނިވީ ކަމަކީ ސަރުކާރުގައި އޮތް ހިއްސާއެއް ހިލޭ ދޫކޮށްލުމެވެ. އެ ދޫއްލުމުން ނުކުތް އެއްވެސް ނަތީޖާއެއް ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.