ކުށް ކުރާ ކުދިން އިސްލާހު ކުރާ މަރުކަޒަށް ވަކި ރަށެއް ތަރައްގީ ކުރަނީ

މި ފެސިލިޓީއަކީ އާއިލާތަކުން އެކަހެރިވެފައިވާ، ކުށުގެ ވެށީގައި އުޅޭ އެފަދަ ކުދިން ދިގު މުއްދަތަކަށް މުޖުތަމައުއާ ވަކިން ގެންގުޅުމަށް އަޅަން ގާނޫނުން ލާޒިމް ކޮށްފައިވާ ތަނެކެވެ. މިތަނަށް ގެންދަން ޖެހެނީ ކޯޓަކުން ހުކުމް ކުރާ ކުދިންނެވެ.

ހޯމް ލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން --

ތަކުރާރުކޮށް ކުށް ކުރާ، ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުން އަޅަން ލާޒިމްކޮށްފައިވާ ލޯންގްޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީ، މީހުން ނޫޅޭ ވަކި ރަށެއްގައި ގާއިމްކޮށް، އެފަދަ ކުދިން ދައުލަތަށް ނަގައިގެން އެތަނުގައި ގެންގުޅޭން ސަރުކާރުން ނިންމައިފި އެވެ.

އއ. ރަސްދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ލޯންގް ޓާމް ރެސިޑެންޝަލް ކެއާ ފެސިލިޓީއެއް އަޅަން ގާނޫނުން ލާޒިމް ކޮށްފައިވީ ނަމަވެސް، މިހާތަނަށް އެފަދަ ސެންޓަރެއް އަޅާފައި ނުވާ ކަމަށެވެ.

މި ފެސިލިޓީއަކީ އާއިލާތަކުން އެކަހެރިވެފައިވާ، ކުށުގެ ވެށީގައި އުޅޭ އެފަދަ ކުދިން ދިގު މުއްދަތަކަށް މުޖުތަމައުއާ ވަކިން ގެންގުޅުމަށް އަޅަން ގާނޫނުން ލާޒިމް ކޮށްފައިވާ ތަނެކެވެ. މިތަނަށް ގެންދަން ޖެހެނީ ކޯޓަކުން ހުކުމް ކުރާ ކުދިންނެވެ. 

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީ އެފަދަ ކުދިން ދައުލަތަށް ނެގުމަށްފަހު އެކުއްޖާ 18 އަހަރު ވަންދެން އެތަނުގައި ގެންގުޅުން ކަމަށެވެ. އެކަން މިހާރު ސޯޝަލް ކައުންސިލުން ނިންމާ ކެބިނެޓަށް ހުށަހަޅާފައިވާކަން ވެސް މިނިސްޓަރު ހާމަކުރެއްވި އެވެ.

"މި ދެންނެވި ސެންޓަރަށް ގެންގޮސްފަ އެތަނުގަ ކުރެވޭނެ ކަންކަމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން އެކުދިން ލައްވާ ބަރާބަރަށް ކުރުވުމާ، އެކުދިންނަށް އުމުރާ ގުޅޭ ގޮތުން ދެވޭ ރަސްމީ ތައުލީމް ދިނުމާ، އޭގެ އިތުރުން އަހުލާގީ ގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމާ، ހަމައެޔާއެކު ސްކިލްސް ޑިވެލޮޕްމެންޓާ، އެއިން ކޮންމެ ކުއްޖަކަށް ދޭން ޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓަވެންޝަލް ޕްރޮގްރާމެއް ހެދިފަ އެކުދިންނަށް ކަސްޓަމައިޒްޑް އިކޯ ސޯޝަލް އިންޓަވެންޝަލް ޕްރޮގްރާމެއް ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުވެގެން އައިސް އެ ގާނޫނުން ލާޒިމްކޮށްފައިވާ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުތައް ވެސް އެޅިފައި ނުވާ ކަމަށެވެ. ކުށްތަކަށް ހުށަހެޅޭ ކުދިންނާއި އެޓް ރިސްކުގައި ތިބޭ ކުދިންނާމެދު އަމަލުކުރަން ޖެހޭ ގޮތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ސަރުކާރު ބަދަލުވީއިރު އެކަމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ. ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އަލުން އެތަން ރަގަޅު ކުރަން ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ޑިޓެންޝަން ސެންޓަރުގައި ކުދިންނަށް ފަރުވާ ދިނުމަށްފަހު އެކުދިން މުޖުތަމައުއަށް ނެރުމުގެ ކުރިން ހާފްވޭ ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކަށް ގެންގޮސް ފަރުވާ ދިނުމަށް ވެސް ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ. ކުރީ ސަރުކާރުން ހއ. ހޯރަފުށީގައި އެފަދަ މަރުކަޒެއް އެޅި ނަމަވެސް ހިދުމަތް ދޭން ފަށާފައެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް ސްޓެޕް ވަން، ކުޑަހުވަދޫގެ މަރުކަރު ނުހުޅުވިއެއް ސްޓެޕް ޓޫއަށް ދިއުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގެ ތެރެއިން. އެހެންވީމަ އަޅުގަނޑުމެން މިހާރު ނަގާފަ އިން އެއް ޑިސިޝަން އަކީ ހޯރަފުށީގަ ހުރިތަން ފުރަތަމަ ފައްޓާނީ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްގެ ގޮތުގައި ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯދަފުށީ މަރުކަޒު މިފެށޭ ހަފްތާ ހުޅުގައި، އެންމެ ބޮޑަށް ފަރުވާއަށް ބޭނުންވާ ކުދިންނަށް އެތަނުގައި ފަރުވާ ދޭން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިކަންކަމާއެކު މި މައްސަލައަށް ޖުމްލަ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"މުޅި ރާއްޖޭގަ އެޓް ރިސްކުގަ އަޅުގަނޑުމެންގެ ރެކޯޑްސްތަކުން އެބަ ދައްކާ ގާތްގަނޑަކަށް 200 އެއްހާ ކުދިން،" މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 12 އަހަރާ 14 އަހަރާ ދެމެދުގެ ކުދިންނެވެ.

ގާނޫނުގައިވާ ގޮތުން، ކުޑަކުދިން ކުށަށް ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރެވެ. އެ އުމުރު 12 އަހަރަށް ކުޑަކޮށް ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.