އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް، ރައީސް އެދިވަޑައިގަތީ އެންމެ ގިނަ ވޯޓުން ހޮވޭ މެންބަރަކަށް ހަދައިދޭން

"ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން އެންމެ މަތީ އިންސައްތައަކުން މަޖިލީހަށް ހޮވައިދޭ މެންބަރަކަށް އަބްދުއްރަހީމް އަބްދުﷲ ހެއްދެވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާނެ ކަމެއް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިން ހަރަކާތެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ސިޔާސީ މަސައްކަތުގައި އެމަނިކުފާނަށް ދިމާވި ކޮންމެ ކަމެއްގައި އެންމެ ބޮޑު އެހީތެރިކަމެއް ދެއްވެވި ބޭފުޅަކީ އަބްދުއްރަހީމް ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ފެށިގެން އަބްދުއްރަހީމްގެ އެ އެހީތެރިކަން އަދިވެސް އެގޮތުގައި އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"އެމަނިކުފާނަކީ [އަބްދުއްރަހީމަކީ] އަޅުގަނޑަށް މިދިޔަ ހުރިހާ ދުވަހަކު، ސިޔާސީ މަަސައްކަތު ގައި އަޅުގަނޑަށް ދިމާވި ހުރިހާ ކަމެއް ގައި އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ފަހުން ވެސް،"

ރައީސް ވިދާޅުވީ އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީވެސް އަބްދުއްރަހީމް ކަމަށެވެ. އަބްދުއްރަހީމް އިންތިހާބު ކޮށް ދެއްވުމަކީ ފޮނަދޫ ރައްޔިތުންނަށް އެމަނިކުފާނަށް ވެސް ކޮށް ދެއްވޭނެ ކަމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅަކަށްޓަކާ އެންމެ ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް. އެހެންވީމަ އެމަނިކުފާނު އެ ގޮނޑިއަށް ހޮއްވަވައި ދެއްވުމަކީ ތިޔަބޭފުޅުންނަށް އަޅުގަނޑަށް ވެސް ކޮށް ދެއްވޭނެ ކަމެއް،"

އަބްދުއްރަހީމަކީ ތައުރީފު ކުރައްވާ ރައީސް ވިދާޅުވީ މަޖިލީހަށް ބޭނުންވަނީ އެފަދަ ބޭފުޅުން ކަމަށެވެ. އަބްދުއްރަހީމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާނެ އެކަމުގައި ކުޑަކޮށް ވެސް ފަހަތަށް ޖެހިވަޑައިގަންނަވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެދިވަޑައިގަތީ 20 ވަނަ މަޖިލީހަށް އެންމެ މަތީ އަގުލަބިއްޔަތަކުން އިންތިހާބު ކުރެވޭ މެންބަރަކަށް އަބްދުއްރަހީމް ހައްދަވައި ދެއްވުމަށެވެ.

"ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން އެންމެ މަތީ އިންސައްތައަކުން މަޖިލީހަށް ހޮވައިދޭ މެންބަރަކަށް އަބްދުއްރަހީމް އަބްދުﷲ ހެއްދެވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާނެ ކަމެއް،" ރަައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.