"އިދިކޮޅުން ފަތުރަނީ ދޮގު، ސަރުކާރު އައިއިރު މަޝްރޫއުތައް ހުރީ ހުއްޓިފައި"

"އަޅުގަނޑުމެން އައިއްސަ މަސައްކަތް ފެއްޓުވީ. އެކަމަކު ވާހަކަ މި ދައްކަނީ ތިމަންނަމެން ފަށާފަ ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ. މީ ރައްޔިތުން ސަމާލުވާންޖެހޭ ދޮގު ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށް އެމްޑީޕީން ދައްކަމުންދާ ވަހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގު ކުރައްވައިފި އެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ސަރުކާރާ ގުޅިގެން އިދިކޮޅުން ފަތުރާ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގަކީ ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް ދައްކާ ވާހަކަތައް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރަށްރަށަށް ވަޑައިގަތުމުން އެ މަންޒަރު ފެނިވަޑައިގަތް ކަމަށެވެ. 

"އަޅުގަނޑަށް ފެނުނު ރަށްރަށުގަ ފެނާ ނަރުދަމާގެ ހޮޅިތައް މަގުމަތީގަ މަސައްކަތް ކުރާނެ މީހަކު ނެތިފަ. މަގުތައް ހަދަން ފަށާފަ މީހެއްގެ ހިލަމެއް ނެތް. މިހެން ހުރި ބަނދަރުތަކުގެ މައްސަލަ، ސްކޫލްތަކުގެ އިމާރާތް ފަށާފަ އޮނިގަނޑުން ކޮންމެސް ވަރެއް ނިންމާލާފަ އަހާލީމަ ބުނަނީ މީގެ ދެ އަހަރު ކުރިން ހުއްޓިފަ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިނަ މަޝްރޫއުތައް ހަވާލުކޮށްފައި ހުރީ އަމިއްލަ ބޭނުމަށް ޕާޓީގެ އެކި މީހުންނާ ކަމަށެވެ. މަޝްރޫއުތައް ހުއްޓުމުގެ އެއް ސަބަބަކީ އެތައް ބަޔަކަށް ފައިސާ ނުދީ ހުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރު ކަންކުރި ގޮތަކީ ޕާޓީގެ ކޮންމެސް މީހަކަށް ފައިސާ ކޮޅެއް ދޭން ކަމަށް ތުހުމަތު އަޅުގަނޑުމެންނަށް އަޑު އިވިފަ އޮތީ، ދޭން ވެގެން ކޮންމެވެސް ފަރާތަކަށް ޕްރޮޖެކްޓް ދެނީ، ދެން އޭނައަށް އެޑްވާންސް ޕޭމަންޓް ދެނީ، އޭނައަށް އެ ފައިސާކޮޅު ލިބެނީ، އޭނާ އެ ހިސާބުން އެދިޔައީ، ދެން އަނެއްކާވެސް އެ މަޝްރޫއު އެހެން މީހަކާ މި ހަވާލުކުރަނީ ހަމަ ޕާޓީގެ އެހެން މީހަކާ،" ކެމްޕޭނު ތެރެއިން ލިބިވަޑައިގަތް މައުލޫމާތުތަކެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެޑްވާންސް ޕޭމަންޓް ހަވާލުކޮށްފައިވާ އެތައް މަޝްރޫއެއް އޭރުވެސް ހުއްޓިފައި ހުރި ކަމަށެވެ. ބައެއް ބޮޑެތި މަޝްރޫއުތައް ހިނގާ ސައިޓްތަކުގައި ދެމީހަކު ވަރަށް ކުދިކުދި މަސައްކަތްތައް ވެސް އޭރު ކުރަމުން ދިޔަ މަންޒަރު ފެނިވަޑައިގަތް ކަމަށެވެ.

"އަޅުގަނޑުމެން އައިއްސަ މަސައްކަތް ފެއްޓުވީ. އެކަމަކު ވާހަކަ މި ދައްކަނީ ތިމަންނަމެން ފަށާފަ ހުރި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ. މީ ރައްޔިތުން ސަމާލުވާންޖެހޭ ދޮގު ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފައިސާ ނުދީ ހުރި އެތައް ބަޔަކަށް މިހާރު ސަރުކާރުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. މި ސަރުކާރު އައީ ރައްޔިތުންނަށް ނަތީޖާ ނެރެދޭން ކަމަށާއި ތަރައްގީ ފެންނަމުންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.