ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރޭ، ނޫނީ ފިޔަވަޅު އަޅާނަން: ސޯލިހް

"ހާމަ ކުރައްވާ އެ ވަޒީފާ ދިން މީހުންގެ އަދަދު. ނުކުރާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން. އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭގެ ޖަލްސާ ގައި ވާހަކަ ދައްކަވަނީ

ސަރުކާރުގެ ސިޔަސީ މަގާމުތަކުގެ އަދަދު ހާމަނުކޮށްފިނަމަ އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކުރީގެ ރައީސް / އެމްޑީޕީގެ އެޑްވައިޒަރު އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދެއްވައިފި އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ރެލީއެއްގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 1500 އިން މައްޗަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން މި ސަރުކާރަށް ނުކުރޭނެ ކަމަށެވެ. މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާ ގައި އިއްވެވި ރިޔާސީ ބަޔާނުގައި ކޮންމެހެން ބޭނުންވެގެން ނޫނީ ދެން މަގާމަކަށް މީހަކު ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާ ނަމަވެސް އޭގެ ފަހުން ވެސް ހުއްޓުމެއް ނެތި މަގާމުތަކަށް މީހުން ނަގަމުންދާ ކަމަށެވެ.

އެއީ ރައްޔިތުންގެ ފައިސާ ކަމަށާ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރު ނުކުރެވޭނެ ކަމަށެވެ.

"ހާމަ ކުރައްވާ އެ ވަޒީފާ ދިން މީހުންގެ އަދަދު. ނުކުރާ ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަޅުގަނޑުމެން ޖަވާބުދާރީ ކުރުވާނަން. އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،"

ސޯލިހް ވިދާޅުވީ މަޖިލީސް އިންތިހާބުގެ ކުރީން އެ މައުލޫމާތު ހާމަ ކުރަން މި ސަރުކާރަށް ނުކުރެވޭނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ފެނަކަ ބަގުރޫޓް ވެފައިވާ ކަމަށް ވިދާޅުވުމަށް ފަހު ބައެއް މުވައްޒިފުން ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާ ނަމަވެސް އެގޮތަށް ވަކިކުރި ކޮންމެ މީހަކަށް ދެ މީހަކު ވަޒީފާއަށް ވައްދާފައިވާ ކަމަށެވެ. 

މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ ގައި ރައީސް ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ

ސޯލިހް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވައުދުތަކެއްވެވަޑައިގެން ކަަމަށާ ނަމަވެސް އެއީ ވެރިކަމަށް ވަޑަައިގަތުމަށް ހެއްދެވި ދޮގުތަކެއް ކަން ރައްޔިތުން ގަބޫލު ކުރާ ކަމަށެވެ.

އަދި މިއަދު ނިކުންނަވާ މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށް ދޮގު މައްޗަށް ދޮގު ހަދާ އޮޅުވާލައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހުއްޓުވަން ޖެހޭ ކަަމަށެވެ. ބަޖެޓަށް ލިބޭ ފައިސާގެ އަދަދާއި އެ ހަރަދު ކުރާ ގޮތާއި ސިޔާސީ މަގާމުތަކުގެ އަދަދުތަކާއި މެދު ސުވާލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ވެރިކަމަށް އައުމަށްޓަކާ ރައީސް ޑރ މުއިއްޒު ވައުދުތަކެއް ވި. މިއަދު އަޅުގަނޑުމެންނަށް އެނގެނީ ރައްޔިތުން ގިނަ ބަޔަކު ގަބޫލު ކުރަނީ އެއީ ހަމަ ހެދި ބޮޑު ދޮގުތަކެއް ކަމަށް. އެއަކާ ދޭތެރޭ މިހާރަކު ޝައްކު ކުރާ އެއްވެސް މީހަކު ރާއްޖެ އަކު ނޫޅެ،"  ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޮމެންޓް

1
450
އަހުމަދު
3 weeks ago

މީނައަށް އެޅޭނީކޮން ފިޔަވަޅެއް ހަމަހިނިއަންނަނީ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.