ޑްރަގް ޓްރެފިކިން ހުއްޓުވަން ޕޯސްޓަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް

ޝާކިރު ވިދާޅުވީ އެންމެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުން ކަމަށާއި އެ 17 ކިލޯގެ ތެރެއިން ވެސް ގިނަ މަސްތުވާތަކެއްޗަކީ ވައިގެ މަގުން އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ.

ނައްތާލަން ދޫނިދޫއަށް ޑްރަގް ގެންދަނީ: ޑްރަގް ޓްރެފިކިން ހުއްޓުވަން ފުލުހުންނާއި ސަރުކާރުން ގުޅިގެން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން --

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ޕޯސްޓުން ތަކެތި ގެނައުން ހަރުކަށިކޮށް އެމްއޭސީއެލްއާއެކު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު ކަނޑު މަގުން ރާއްޖެ އެތެރެކުރި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓު ހުކުމް ދެ މީހަކު ދޫވުމުން އެ މައްސަލައިގެ ތަފްސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިއަދު ވިދާޅުވީ ޕޯސްޓް މެދުވެރިކޮށް ޕާޓީ ޑްރަގްސް އެތެރެކުރުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ. މިހާރު ނިޒާމް އޮތީ ކޮންމެ މީހެއްގެ ނަމުގައި ވެސް ޕާރްސަލް އޯޑަރު ކޮށްލެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ޕޯސްޓާ ކަސްޓަމްއާއެކު މިނިސްޓަރުގެ ލަފަޔާއެކު، ޕޯސްޓުން ރަޖިސްޓާޑް ނޫނީ އޯތެންޓިކް ގޮތެއްގަ ރަޖިސްޓާޑް ކޮށްގެން ނޫނީ މިކަން ނުކުރެވޭނެ އިންތިޒާމްތަކަކަށް ކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުން އަޅުގަނޑުމެން ގަބޫލުކުރަނީ އެކަން ވެގެންދާނެ ކަމަށް،" ޝާކިރު ވިދާޅުވި އެވެ.

ފާއިތުވި 72 ގަޑިއިރުތެރޭގައި ފުލުހުން ހިންގި ފަސް އޮޕަރޭޝަނަކުން 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ރޭ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. ޝާކިރު ވިދާޅުވީ އެންމެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނީ ވައިގެ މަގުން ކަމަށާއި އެ 17 ކިލޯގެ ތެރެއިން ވެސް ގިނަ މަސްތުވާތަކެއްޗަކީ ވައިގެ މަގުން އެތެރެކޮށްފައިވާ ތަކެތި ކަމަށެވެ.

އެހެންވެ، އެއާޕޯޓުގައި ހުރި ބްލައިންޑް ސްޕޮޓްތައް ދެނެގަނެ އެކަމަށް ހައްލެއް ގެންނަން އެމްއޭސީއެލްއާއެކު ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ކެބިނެޓުން މިހާރު ވަނީ ރާއްޖޭގެ އީއީޒެޑުން ބޭރަށް ނުކުމެ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވަން ކަނޑުމަގުން ދުއްވާ ހުރިހާ އުޅަނދެއްގައި "ވެސެލްސް ޓްރެކިން ޑިވައިސް" ހަރުކޮށް މޮނިޓާ ކުރުމަށް ނިންމާފަ އެވެ. އެކަން ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝާކިރު ފާހަގަ ކުރެއްވި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު 119 ކިލޯގެ ޑްރަގް މައްސަލައިގައި ހުކުމް ކޮށްފައިވާއިރު، އެތަކެތި ވެސް ގެނެސްފައި ވަނީ ކަނޑު މަގުންނެވެ. މައްސަލައިގެ ތުހުމަތު ކުރެވޭ ދެމީހަކު ލޯންޗެއްގައި ރާއްޖޭގެ އީއީޒެޑް ކައިރިއަށް ގޮސް އީރާނު ބޯޓަކުން މަސްތުވާތަކެތި ބަރުކޮށްގެން ގެނެސް، އެކި ފަހަރު މަތިން ދަބަހާއި ފުޅިމަދު ފޮށިތަކާއި ލަގެޖްތަކަށް އަޅައިގެން އެތަކެތި ރައްކާކުރަން މަސައްކަތް ކޮށްފައިވެ އެވެ.

މި މައްސަލައިގެ ހުކުމް އައިއިރު ކުށް ސާބިތުވީ ދައުވާކުރި މީހުންގެ ތެރެއިން ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ މައްޗަށެވެ. ދެން ދައުވާކުރި، ގދ. ހޯނޑެއްދޫ އިރމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.

ޝާކިރު ވިދާޅުވީ އަލަށް ތައާރަފްކުރި އެއާ ކޯގެ ހިދުމަތާއެކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ސަރަހައްދުތައް ޑްރޯން މެދުވެރިކޮށް މިހާރު ބަލަހައްޓަމުންދާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.