ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 14

ޒިމާގެ މޫނުމައްޗަށް އެރި ކުލަވަރު ކިތަންމެހާ ވެސް ރަނގަޅަށް ޔޫސުފަށް ފެނިގެން ދިޔައެވެ. އަޔާޒް އެހެން ބުނެފައި ވަނީ އޭނާގެ ކޮޓަރިއަށެވެ.

- އެޕިސޯޑް 14 –

ޒީމާ އަވަސް ހިނގުމެއްގައި ގޮސް ވަނީ ފާޚާނާއަށެވެ. ޔޫސުފް ދެފަރާތަށް ބޯ ހޫރާލަމުން ކޮޓަރިއަށް ވަނެވެ. އަދި އެނދުގެ އެއް އަރިމަތީގައި ޖައްސާލިއެވެ.



ފާޚާނާ ތެރޭގައި ހުރި ޒީމާގެ މުޅި ގަޔަށް ސަވާރު ވެފައި ވަނީ ބުނެދޭން ނޭނގޭ ފަދަ އިޙްސާސް ތަކެކެވެ. ރުޅިވެރިކަމާއި ހިތާމަ އާއި މޮޅިވެރިކަމުން ޒީމާގެ ނަފުސު ފުރި ބާރު ވެއްޖެއެވެ. ޝަރާއާ ދެތެރޭގައި ނުބައި ނަޒަރަކުން ދެކި، ޒީމާގެ ހިތުގައި ނަފުރަތުގެ ބިޔަ ބޮޑު އަލިފާންގަނޑެއް ރޯވެގެން ދިޔަ ކަހަލައެވެ. ޒީމާ އޭނާގެ ދެއަތް ދެއަތާ ނިކަން ރަނގަޅަށް ކާއްތާލިއެވެ.

"ހުރެބަލަ! ކުޅިދައްކާލާނަން! އަހަރެން އެހުރިހާ ވާހަކައެއް ދެއްކީމަވެސް... ޕިސް ޕިސް! ހާދަ ނުބައި ކުއްޖާގަނޑެކޭ.. ތި ވީގޮތެއް އަހަރެން ބަލާނަން.." 

ޒީމާ އޭނާގެ ހިތާހިތާ އެހެން ބުނެ، އެ ރުޅިވެރިކަން މަތީގައި ފާޚާނާއިން ނުކުތެވެ.

"ޒީމާ.."

ޔޫސުފްގެ އަޑަށް ޒީމާ ސިހުނެވެ. ޖެހިލުންވެ ހުރެ ޒީމާ ބަލައިލީ ޔޫސުފްގެ މޫނަށެވެ. އޭރުވެސް ޒީމާގެ ހަށިގަނޑުގައި ރުޅިވެރިކަން އިންތިހާއަށް އެބަ އޮތެވެ.

"ކިހިނެއް ވެގެން ތި އުޅެނީ؟ ހެޔޮނުވާނެ! ތިގޮތް ދޫކޮށްލާ ޒީމާ! މޫނު ކުނިކޮށްގެން އަޔާޒް ގާތުގަ ވެސް.. ޝަރާ މިގެއަށް އައީމަ ޒީމާ ތި އުޅެނީ ބޮޑު ޑްރާމާއެއް ކުޅެންތަ؟ ތީ ދެން ކޮން ކަމެއް ޒީމާ.." 

ޔޫސުފް ވާހަކަދެއްކީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ހުރެއެވެ. ޔޫސުފްގެ ވާހަކަތަކުން ޒީމާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ކޮންމެ ފަހަރަކު ޔޫސުފް ކިޔާނެ އެއްޗެއް ކިޔާއިރު ޒީމާ ހުންނަނީ މަޑުންނެވެ. އެއްވެސް ރައްދެއް، އެއްވެސް އެއްޗެއް ޔޫސުފްއާ ދިމާލަށް ބުނެލަން ޒީމާއަކަށް ނުކެރެއެވެ. އެކަމާ އޭނާ ފަސްޖެހެއެވެ. ނަމަވެސް މިއަދު ޒީމާއަށް ކެތް ނުވީއެވެ. އައިސްފައިވާ ރުޅިން ޒީމާއަށް އޭނާގެ ނަފުސު ކޮންޓްރޯލެއް ނުކުރެވުނެވެ.

"ބަލަ ޔޫސުފް! އެއީ އަހަރެންގެ ވެސް ދަރިއެކޭ.. އަހަރެންނަށް ވެސް ބަސް ބުނެވޭނެ. ހިތްހަމަނުޖެހޭ ކަމެއް ވިއްޔާ އެކަމަކާ ދެކޮޅަށް މަަސައްކަތް ކުރެވޭނެ.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ވާކަށް.. އަހަރެން ބޭނުމެއް ނޫން، ހަމައެކަނި މުދަލާ ފައިސާ ދެކެ ލޯބިވެގެން، އަޔާޒްގެ ދިރިއުޅުމަށް ވަދެ އަޔާޒަށް ދެރައެއް ލިބޭތަން ބަލަން ހުންނާކަށް.. އަހަރެން އެ ހުރިހާ ކަމެއް ބަލާކަށް ނުހުންނާނަން.. އެކަން އަހަރެން ހުއްޓުވާނަން.." 

ޒީމާ ވާހަކަދައްކަމުން ދިޔައީ އަވަސް އަވަހަށް ނޭވާ ލަމުންނެވެ. ޒީމާގެ ހިތެއް އެވަރުން ވެސް ނުފުރުނެވެ. ޔޫސުފްއާ ގާތްވެލަމުން ޒިމާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

"ޔޫސުފްގެ ގާތުގަ އަހަރެން އެއްޗެއް ނުބުނެ ހުންނަނީ ޔޫސުފް ކިޔާހާ ލަަވައެއް އަހަންނަށް ރީތި ވީމައެއް ނޫން.. މިކަހަލަ ކަމެއްގަ.. ޚާއްސަކޮށް އަހަރެންގެ ދަރިއާ ބެހޭ ކަމެއްގަ.. އަހަރެން މަޑުން ނުހުންނާނަން.. ޔޫސުފް ހަނދާން ކުރާތި! އަޔާޒަށް ލިބޭ ކޮންމެ ދެރައެއްގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ޔޫސުފް.. އަހަރެން މިހުރީ ނުކުމެ.. ފާޅުގަ ނުކުމެ.. ލާހިކު މި ކައިވެނި ކުރާކަށް.. އަހަރެން މިކަން ހުއްޓުވާނަން.. ޝަރާ ޖެހޭނީ މި މުޅި ޢާއިލާއިން ދުރަށްދާން.. އަހަރެންގެ ނުބައިކަން ދައްކާލާނަން.." 

ޒީމާއަށް ބުނެވުނީ އެހާ ހިސާބަށެވެ. ޔޫސުފްގެ ގާތަށް އައި ރުޅިން އޭނާގެ ކަނާއަތް ނަގާ ނިކަން ބާރަށް ޒީމާގެ މޫނުމަތީގައި ޖެހިއެވެ. ވީ ތަދުން ޒީމާއަށް އޭނާގެ އަތުން ކޮލުގައި ފިރުމަން ފެށުމާ އެކުގައި ރޯން ފެށުނެވެ.

ޔޫސުފް އާއި ޒީމާގެ ދިގު ކައިވެނީގެ ޙަޔާތުގައި ވެސް މިއީ ޔޫސުފަށް އަތް އިސްކުރެވުނު ފުރަތަމަ ފަހަރެވެ. ޔޫސުފަށް ވެސް އޭނާއަށް ކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން ރޭކާ ލުމުން، އޭނާ އަވަސްކޮށް ހިނގައިގަތީ ގެއިން ނުކުންނާށެވެ. އިތުރަށް ގޭގައި ހުރެގެން ރުޅި ކޮންޓްރޯލް ނުވެދާނެތީއާ އެއްކޮށެވެ.

އެނދުމައްޗަށް ޖެހިގަންނަމުން ޒީމާ ފެށީ ރޯންށެވެ. ގޭތެރޭގައި ހިނގާ ދިޔަ ކަންތައް އީމާ އާއި އަޔާޒަށް ވެސް އެނގުނެވެ. އީމާ ކޮޓަރިން ނުކުމެގެން ގޮސް ވަނީ ޒީމާގެ ކޮޓަރިއަށެވެ.

"މަންމާ.." 

ކޮޓަރިއަށް ވަދެ ޒީމާގެ ބުރަކަށީގައި ފިރުމަމުން އީމާ ވާހަކަދައްކަން ފެށިއެވެ.

"އަޅެ މަންމާ! ދެން ނުރޮއި.. ބައްޕަގެ ކުރިމަތީގަ މަންމަ ތީ ބަސް ބުނާ މީހެއް ވެސް ނޫނެއްނު.. މި ގޭތެރެއިން މި ފެންނަނީ ދުވަހަކުވެސް އީމާއަށް ފެނިފަ ނުވާ މަންޒަރުތަކެއް.." އީމާ ވާހަކަދައްކަމުން ދިޔައީ ވަރަށް ދެރަވެފައި ހުރެގެންނެވެ.

"މީ މުޅިން ވެސް ޝަރާގެ ކަންތައް.. ޝަރާ މި ދިރިއުޅުން ހަލާކުކޮށްފި.." 

މަންމަގެ ވާހަކަތަކަށް ތާއިދު ނުކުރެވުނަސް މިވަގުތު އެއްވެސް އެއްޗެއް ބުނަން އީމާ ބޭނުމެއް ނުވިއެވެ. މަންމަ އިތުރަށް ދެރަވެދާނެތީއެވެ. އަޔާޒްގެ ކުރެވެން އުޅޭ ކައިވެންޏަށް އީމާ ވަރަށް ޤަބޫލެވެ. ކައިވެންޏަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރީ ކަމަށް ހަދަން ޖެހޭނެ ކަމަށް އީމާ ޤަބޫލު ކުރެއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.