ރައީސް ދެއްވި ޔަގީންކަން: ހިޔާ އިން އުނިކުރި އެންމެނަށް ފުރަތަމަ މަޝްރޫއުން ފްލެޓް ދޭނަން

"ކުރީގެ ލިސްޓްގައި ހިމެނޭ މިދިޔަ ސަރުކާރުން އުނިކޮށްލި އެންމެންނަށް މި ސަރުކާރުން ހަމަ އޭރު ވައުދުވީ ގޮތަށް އަޅާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓުން ފްލެޓް ހަވާލު ކުރާނަން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފްލެޓް ލިބޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ލިޔުން ދިން މީހުންގެ ތެރެއިން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން ފްލެޓް ނުދީ އަތުލި އެންމެނަށް މި ސަރުކާރުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއުން ފްލެޓް ދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ހިޔާ އަވަށުގައި ރޭ އޮތް ޖަލްސާ އެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މާލެ ސިޓީގެ ދާއިރާތަކަށް ޕީއެންސީން ނެރޭ ކެންޑިޑޭޓުންނާއި ސަރުކާރުގެ ކެންޑިޑޭޓުންނާ އެކު ރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާ އަވަށަކީ ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑަށް ބިކަކޮށްލި އަވަށެއް ކަމަށެވެ.

ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ހިޔާ ފްލެޓް ދޭން ރައީސް ޔާމީންގެ ސަރުކާރުން ކަނޑައަޅާ ލިޔުން ވެސް ދީފައި ވަނިކޮށް ފްލެޓް ލިސްޓަށް ބަދަލު ގެނައުން ކަމަށް ވިދާޅުވި އެވެ. ފްލެޓް ދޭން ކަނޑައެޅީ އޭގެ ހައްގުވެރީންނަށް ކަމަށް އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ރައްޔިތުންނަށް އިންސާފު ހޯދައިދީ ފްލެޓް ކަށަވަރު ކޮށް ދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެ ވައުދުފުޅާ ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޔަގީންކަން ދެއްވީ އެމަނިކުފާނުގެ ސަރުކާރުން ހިންގާ ފުރަތަމަ ހައުސިން މަޝްރޫއުން އެ އެންމެނަށް ފްލެޓް ކަށަވަރު ކޮށް ދެއްވާނެ ކަމެވެ.

"ކުރީގެ ލިސްޓްގައި ހިމެނޭ މިދިޔަ ސަރުކާރުން އުނިކޮށްލި އެންމެންނަށް މި ސަރުކާރުން ހަމަ އޭރު ވައުދުވީ ގޮތަށް އަޅާ އެންމެ ފުރަތަމަ ސޯޝަލް ހައުސިން ޕްރޮޖެކްޓުން ފްލެޓް ހަވާލު ކުރާނަން، އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު އަކީ ހިޔާ ފްލެޓް މަޝްރޫއު އެވެ. ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގައި 7،000 ވުރެ ގިނަ ފްލެޓް އިމާރާތް ކުރި އެވެ. އެއީ 25 ބުރީގެ 16 ޓަވަރު ގައެވެ. މިއީ މިފަދަ ބިޔަ / އެހާ އުސްކޮށް އިމާރާތެއް ކޮށް ހިންގި މިފަދަ ފުރަތަމަ މަޝްރޫއު ވެސް މެ އެވެ. ރައީސް ޔާމީންގެ ސަރުކާރު ގައި އެ މަޝްރޫއު ހިންގެވިއިރު ހައުސިން މިނިސްޓްރީ ހިންގެވީ ރައީސް މުއިއްޒެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.