ގަޑިއެއްހާ އިރަށް ދިގުކޮށް ކުރިއަށް ގެންދެވި ވާހަކަފުޅު ގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެތައް މަޝްރޫއުއެއް އެ ސަރުކާރު ނިމުނުއިރު އޮތީ ހުއްޓިފައި ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ވާދަވެރީން ތަކުރާރުކޮށް ދޮގު ހަދަމުން ގެންދާ ކަމަށް ވިދާޅުވެ ކުރީ ސަރުކާރުގެ ހުއްޓުނު މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ތަފާސް ހިސާބެއް ދެއްވާ ވާދަވެރީންގެ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވަރުގަދަ އަށް ރައްދު ދެއްވައިފި އެވެ.
ހުޅުމާލެ -- ހިޔާ އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ކުރީ ސަރުކާރުން -- ރައީސް ސޯލިހްގެ ޒައާމަތުގައި ފައްޓަވާފައިވާ އެތައް މަޝްރޫއުއެއް ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވެރީން ވާހަކަ ދައްކަމުންދާ ކަމަށެވެ. ތަކުރާރުކޮށް އެ ދޮގުތައް ހައްދަވާ ރައްޔިތުންނަށް އޮޅުވާލައްވަމުން ގެންދަވާތީ އެކަމުގެ ހަގީގަތް ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.
ގަޑިއެއްހާ އިރަށް ދިގުކޮށް ކުރިއަށް ގެންދެވި ވާހަކަފުޅު ގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ފެށި އެތައް މަޝްރޫއުއެއް އެ ސަރުކާރު ނިމުނުއިރު އޮތީ ހުއްޓިފައި ކަމަށެވެ. އެކި ދާއިރާތަކުން ހިންގި މަޝްރޫއުތަކާއި ހުއްޓުނު މަޝްރޫއުތަކުގެ އަދަދާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލް ރައީސް ވަނީ ވިދާޅުވެ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ކުރީން ހުއްޓިފައި ހުރި މަޝްރޫއުތަކާއި އަލުން ފެށި މަޝްރޫއުތަކާ އެކު މިވަގުތު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 527 މަޝްރޫއު ހިނގަމުންދާ ކަމަށެވެ.
އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ލޯނާއި އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ފަށާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސޯލިހްގެ ސަރުކާރުގައި އެކި ކުންފުނިތަކާ އެކު -- ހާއްސަކޮށް ބޭރުގެ ކުންފުނިތަކާ އެކު އެގްރީމަންޓްތައް ހަދާފައި ވަނީ އެއްވެސް އިހްލާސްތެރި ކަމެއް ނެތި ކަމަށެވެ. ކޮންމެ އެގްރީމަންޓަކީ ވެސް އެއްކޮޅަށް ފައިދާވާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.
އެފަދަ ކޮންމެ އެގްރީމަންޓެއް ހަދާފައި އޮންނަނީ ދައުލަތާއި ރައްޔިތުންނަށް ހުރިހާ ގެއްލުމެއްވާ ގޮތަށް ކަމަށާ އެއީ އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އަމަލު ކުރަމުންދާ ގޮތް ކަމަށެވެ. މަޝްރޫއު ހިންގިޔަސް / ހުއްޓާލިޔަސް ދިވެހި ސަރުކާރަށް ކުރެވޭ ކަމެއް ނޯންނަ ކަމަށާ އާހިރުގައި ދިވެހި ދައުލަތުން ބަދަލު ހޯދަނީ ވެސް އެ ކުންފުނިތަކުން ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ބައެއް މަޝްރޫއުތައް ތިން ހަތަރު ފަހަރު މަތީން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ކުންފުންޏަކުން ވެސް އެޑްވާންސް ފައިސާކޮޅު ނަގައިގެން ފިލަނީ ކަމަށެވެ. އެއީ ވެރީންގެ ރަހްމަތްތެރީންގެ ކުންފުނިތައް ކަމަށާ އެކަން ކުރަނީ ސަރުކާރުގެ ތެރެއިން ރޭވިގެން ކަމަށެވެ.