ގައުމު ހިންގާނީ ފައިސާ ޗާޕު ނުކޮށް، އެކަން ހަޖަމު ނުވަންޏާ ނުވާންވީ: ރައީސް

"އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ އަޅުގަނޑުމެން ގެނައި އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމު ކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން. އެކަން ވާނީ ހުއްޓާލާފައި ވައުދު ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެ އޮތީ ކޮށްފައި،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ރެލީގައި ވާހަކަފުޅު ދައްކަވަނީ

ފައިސާ ޗާޕު ކުރުން ހުއްޓާލާފައިވާ ކަމަށާ ދެން ރާއްޖެ ހިންގާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ވިދާޅުވެ ވާދަވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވަރުގަދައަށް ރައްދު ދެއްވާ އެހާމެ ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީ ކުރަން ފެށި ހިޔާ އަވަށުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފައިސާ ޗާޕު ކުރުން ހުއްޓާލީ ގައުމާއި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށެވެ. ފައިސާ ޗާޕު ކުރުމަކީ ވެރިކަން ކުރަން އޭރަކު ހުންނަ ބޭފުޅަކަށް ފަސޭހަ ކަމަކަށް ވިޔަސް އެއީ ގައުމާއި ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ގެ ކުރިއަށް ހިނގި 40 އަހަރުގެ ތެރޭގައި ހަ ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ފަސް އަހަރުގެ ވެރިކަމުގައި 8 ބިލިއަން ރުފިޔާ ޗާޕު ކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު އެ މަގުން ނުހިންގަވާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކަމަކަށް ފައިސާ ޗާޕު ކުރުން ހުއްޓާލީ އެހެން ވެގެން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ހެޔޮ އެދޭތީ އަޅުގަނޑުމެން ގެނައި އިގްތިސާދީ އެޖެންޑާގެ އެންމެ މުހިންމު ކަމަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން. އެކަން ވާނީ ހުއްޓާލާފައި ވައުދު ގޮތަށް. ދެން މިކަން ހަޖަމު ނުވަންޏާ ނުވާންވީ. އެކަން އެ އޮތީ ކޮށްފައި،"

ރައީސް ވިދާޅުވީ އެ ނިންމުން އައިއެމްއެފުން ގަބޫލުކޮށްފައިވާ ކަމަށާ ވޯލްޑް ބޭންކުން ވެސް އެކަން ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސާދަށް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތައް ރައީސް ފާހަގަ ކުރެއްވި އެވެ. އެ ބަދަލުތަކާ އެކު މިދިޔަ އަހަރު މި މުއްދަތުގައި 1.6 ބިލިއަންގެ ދަރަނި އޮތް ޕްރައިމަރީ ބެލެންސް މިހާރު ވަނީ 134 މިލިއަން ރުފިޔާ އަރަނިކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިދިޔަ ވެރިކަން ނިމުނުއިރު، ބޭރުގެ ދަރަނި ދައްކަން އުފެއްދި ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރުކަން ފާހަގަ ކުރައްވާ ވިދާޅުވީ މިވަގުތާއި ހަމައަށް އެ ފަންޑަށް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

"މި ރޭޓްގައި ގޮސް މި އަހަރު ނިމޭއިރުގައި އިރާދަކުރެއްވިއްޔާ، ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައި ހުރި ލޯނުތައް ދެއްކުމަށް އެ އެކައުންޓްގައި 100 މިލިއަން ޑޮލަރު ހަމަވާނެ އިރާދަކުރެއްވިއްޔާ. ފައިސާ ޗާޕް ނުކޮށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.