"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ މިދައުރަށް އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދޭނެ، އެހެން ނަމަވެސް ފުއްދުމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން،"
ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުމާއެކު މި ދައުރަށް ވެވަޑައިގަތް ހުރިހާ ވައުދެއް 100 ޕަސެންޓް ޔަގީންކަމާއެކު ފުއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް ވައުދުތައް ފަސް އަހަރުން ނިންމޭނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ފުރަތަމަ 100 ދުވަހު ވެވަޑައިގަތް ވައުދުތަކުގެ 97 ޕަސެންޓް ފުއްދުނު ކަމަށެވެ.
ދެން ހުރީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއެކު ފުއްދެން ހުރި ވައުދުތަކެއްކަން ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބަޖެޓް ފާސްކުރުމާއި މުހިންމު ގާނޫނުތައް ފާސްކުރުން ހިމެނެ އެވެ. ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާ އަދި އުމްރާނީ ތަރައްގީގެ ދާއިރާއާ ގުޅުން ހުރި ގިވަ ވައުދުތަކެއް ވެވަޑައިގެންފައިވާއިރު، އެކަންކަން ފުއްދަން އެންމެ ބޮޑު ދައުރެއް އަދާކުރާ ތަނަކީ މަޖިލީސް ކަމަށެވެ.
"އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް އިރާދަކުރެއްވިއްޔާ މިދައުރަށް އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދޭނެ، އެހެން ނަމަވެސް ފުއްދުމަށްޓަކާ ބޭނުންވާ ކަންތައްތަކެއް އެބަހުރި. އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން،" ރައީސް ވިދާޅުވި އެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި ސަރުކާރުން އެދުނު މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ހިނގަ ހިނގާ ހުރި މަޝްރޫއުތައް ކުރިއަށް ގެންދާނެ ފައިސާ ވެސް ހިމަނާފައި ނެތް ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ އެއްބާރުލުން ނުލިބި ގާނޫނުއަސާސީގެ ތެރެއިން ސަރުކާރަށް ފުރިހަމަކަމާއެކު ވައުދުތައް ނުފުއްދޭނެކަން ރައީސް ފާހަގަކުރެއްވި އެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ މުހިންމުވަނީ އެހެންވެ ކަމަށް ވެސް ވިދާޅުވި އެވެ.
"އޭރުން އަޅުގަނޑު ދެންމެ މިދެންނެވި ކަންކަން އެހުރިގޮތް ބަދަލުވެ ކުރިއަށް އޮތް ދުވަސްތަކުގަ ގާނޫނުތައް ފާސްކުރަންވިޔަސް ބަޖެޓްތައް ފާސްކުރަންވިޔަސް، އަދި މިފަދަ މުހިންމު ކަންކަމުގަ ސަރުކާރުން ދާން ބޭނުންވާ ބާރު ސްޕީޑުގަ ދިއުމަށް ވަރަށް ބޮށަށް ފަސޭހަވޭ، މަގުފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.