ޑޮލަރު އަގު ތިރިއަށް: ސަރުކާރު މޮޅުކަމުންތަ އަމިއްލައަށްތަ؟

ޑޮލަރުގެ އަގު ދަށްވުމުގައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މުހިންމު ރޯލެއް ކުޅެ އެވެ. އެންމެ މުހިންމު ދެ ފިޔަވަޅަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުމާއި ކަޅު ބާޒާރުން ޑޮލަރު ހޯދުން ހުއްޓާލުމެވެ. ބޭންކިން ނިޒާމަށް ޑޮލަރު ދޫކުރަން ފެށުމެވެ.

ޑޮލަރުގެ އަގު މިހާރު މި ވެއްޓޭ ވަރުން ގޮސް ކިހާ ހިސާބެއްގައި މަޑު ޖެހިދާނެ ހެއްޔެވެ؟ ޑޮލަރުގެ އަގު ދަށް ވެގެން މި އުޅޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ 

މިކަމާމެދު ތަޖުރިބާކާރުންގެ ބަހުސް ތަފާތެވެ. ބައެއް އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ޑޮލަރުގެ އަގު ވެއްޓެން ދިމާވާ ސަބަބަކީ ޑޮލަރަށް އޮތް ޕްރެޝަރު ނެތުމެވެ. އިމްޕޯޓު ކުރުން މަދުވުމެވެ. ހައްޖާއި އުމްރާއަށް ދާން ޑޮލަރު ގަނެ ނިމިފައި ވުމެވެ. މި ދުވަސްވަރު ދިވެހިން ބޭރަށް ދަތުރު ނުކުރުމެވެ. ޓޫރިޒަމްގެ މައި ސީޒަންގެ މެދުތެރޭގައި އޮތުމެވެ. މި ސަބަބުތަކުގެ އިތުރަށް ސަރުކާރުން އެޅި މުހންމު ފިޔަވަޅުތަކެއްގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފަ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެޅުއްވެވި އެއް ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ބުނާ ގޮތުގައި ސަރުކާރު ކުންފުނި ތަކުން ކަޅު ބާޒާރުން ޑޮލަރު ގަތުން ހުއްޓާލި އެވެ. އެއާއެކު މިހާރު ޑޮލަރުގެ އަގު ތިރިވަމުން ގޮސް މަޑުޖެހިފައި ވަނީ  17.40ރ. ގަ އެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަ ދީގެން ފައިސާ މާރުކުރުމުގެ ރޭޓަކީ 15.42ރ. ކަމަށްވީ ނަމަވެސް ޑޮލަރުގެ ކަޅުބާޒާރެއް އަބަދުވެސް ރާއްޖޭގައި އޮވެއެވެ. މިދިޔަ އަހަރު ފެށުނުއިރު ކަޅުބާޒާރު ވަނީ މިއިން ޒަމާނަކު ނުދާ ވަރަށް މައްޗެއް ޖެހިފަ އެވެ. މައިގަނޑު ސަބަބަކީ ފައިސާ ޗާޕުކޮށް ގިނަ އަދަދެއްގެ ފައިސާ އިގްތިސޯދަށް ދޫކޮށްފައި ވުމެވެ. އެހެންވެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ކޮވިޑުގައި ހުރި ވަރަށް އުފިގެން ދިޔަ އެވެ. ޑޮލަރެއްގެ އަގު އޭރު ހުރީ 18ރ. އިން މަތީގަ އެވެ. 

ޗާޕު ކުރުން ހުއްޓާލުމަކީ މުހިންމު ފިޔަވަޅެއް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުމަޖިލީހުގައި ވާހަކަ ދައްކަވަނީ -- މަޖިލިސް

މިއާއެކު ރާއްޖެއަށް މުދާ އެތެރެކުރާ ވިޔަފާރިވެރިންނަށް ދަތިތަކާ ކުރިމަތިވި އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކާއެކު މި އަގުވަނީ ދަށަށް ހިފާފަ އެވެ. މައިގަނޑު އެއް ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ފުރަތަމަ އެޅީ ފައިސާ ޗާޕު ކުރަން މަޖިލީހުން ދީފައިވާ ފުރުސަތު ދޫކޮށްލުމެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވާ ގޮތަށް އޮތް ފައިސާ ޗާޕު ޖެހުމުގެ ހުއްދަ އާކޮށްދޭން މަޖިލީހުން އެދުނު ނަމަވެސް އެ ފުރުސަތު ސަރުކާރުން ދޫކޮށްލީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހަށް ފޮނުވި ސިޓީއަކާއެކުގެ އެވެ. މި ފިޔަވަޅާއެކު ޕޮޒިޓިވް ނިޝާން ތަކެއް ފެންނަން ފެށި އެވެ.

ސަރުކާރު ކަޅުބާޒާރާ ދުރަށް

ޑޮލަރު ދަށްވި އަނެއް ސަބަބަކީ ސަރުކާރު ކުންފުނިތަކުން ކަޅު ބާޒާރުން ޑޮލަރު ހޯދުން ހުއްޓާލުމެވެ. އެނގިފައިވާ ގޮތުގައި މިހާރު ސަރުކާރު ކުންފުނި ތަކުން ޑޮލަރު ހޯދާނީ ބޭންކިން ނިޒާމުގެ ތެރޭން އެމްއެމްއޭއިން ނެވެ. މި ބަދަލާއެކު ޑޮލަރުގެ އަގު މިހާރު ހުރީ 17.40ރ. އަށް ވެއްޓިފަ އެވެ. މިހާރު ޑޮލަރުގެ އަގު ވަނީ މިދިޔަ އަހަރު ފެށުނުއިރު ހުރިވަރަށްވުރެ 60 ލާރި ދަށްވުމެއް އައިސްފަ އެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވި ގޮތުގައި ޑޮލަރުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބޭންކިން ސިސްޓަމްގެ ތެރޭން ޑޮލަރު ހޯދަން ފެށުމަކީ ވެސް އަޅާފައިވާނެ ފިޔަވަޅެކެވެ.

"މިސާލަކަށް ބަލާނަމަ މިފްކޯ މިހާރު ޕެރަލަލް މާކެޓަށް މާރު ވެސް ނުކުރާނެ. އެ ދާނީ ބޭންކިން ސިސްޓަމްގެ ތެރެއަށް،" ޝަފީގު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ފިޔަވަޅުތަކާއެކު ޑޮލަރުގެ އަގު ދާނީ ދަށްވަމުންނެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު އަދި ވެސް ކުރިއަށް އޮތްތަނުގައި ދާނީ ދަށެވެ. އެހެންވެ ޑޮލަރު ހިފަހައްޓައިގެން ތިބޭނަމަ އެބަޔަކަށް ކުރިއަށް އޮތްތަނުގައި ގެއްލުމާ ކުރިމަތިވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ޕްރޮޖެކްޓް ހުއްޓާލިޔަސް މުދަލުގެ އިމްޕޯޓް ދަށެއް ނުވޭ

ސަރުކާރުގެ އެމްޓީސީސީއިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަނީ

ޑޮލަރުގެ އަގު ތިރިވެފައިވާއިރު ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅު ތަކެއް ވެސް އަޅާފަ އެވެ. އެމްއެމްއޭއިން ވެސް ވަނީ ސަރުކާރުން އެޅި މި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަންމުންދާ ކަމަށް ބުނެފަ އެވެ. މި ފިޔަވަޅުތަކާއެކު ބައެއް ޕްރޮޖެކްޓްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ މި ވަގުތު އިގްތިސޯދު ހަމައަކަށް އަޅުވަން ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅަކަށްވާތީ އެވެ.  

ސަރުކާރުން ބައެއް ޕްރޮޖެކްޓްތައް މަޑު ޖައްސާލި ނަމަވެސް ރާއްޖޭގެ އިމްޕޯޓަށް ހުއްޓުމެއް ނެތެވެ. އެހެންވެ ޑޮލަރު ބޭނުންވާ ވަރަށް ބަދަލެއް އައިސްފައެއް ނެތެވެ. 

ރާއްޖޭގެ އިމްޕޯޓް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 4.2 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކުރި އެވެ. ރާއްޖެއަށް މި އަހަރުގެ ފެބްރުއަރީ މަހު  4.4 ބިލިއަން ރުފިޔާގަ މުދާ އެތެރެކޮށްފައިވެ އެވެ.  އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން އާއި އިންޑިއާ ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރެވެ. އޮމާން އިން 657 މިލިއަން މުދާ އެތެރެކުރި އެވެ. އަދި އިންޑިއާ އިން 606 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އެހެންވެ މި ބަދަލަކީ އިމްޕޯޓު ދަަށްވެގެން އައިސްގެން އުޅޭ ބަދަލެއްގެ ގޮތުގައި މުޅިން ބެލުމުގެ ފުރުސަތެއް ވެސް ނެތެވެ. 

މިހާރު ފެންނަ މަންޒަރަކީ މާހިރުންގެ ނަޒަރުގައި އިގްތިސޯދަށް ހެވެކެވެ. ޑޮލަރު ދަށްވަމުންދާއިރު މީގެ ހެޔޮ ނަތީޖާ ކުރިއަށް އޮތްތަނުގައި މުދަލުގެ އަގަށް ވެސް އަންނާނެ އެވެ. ޑޮލަރު ދަށްވުމަށް އޮތް އެންމެ އުފާވެރި ހަބަރަކީ ޑޮލަރުގެ އާމްދަނީ މި އަހަރު އިތުރުވެފައިވުމެވެ. މިއީ އިންފްލޭޝަން ދަށްވުމަށް ވެސް ކުރިއަށް އޮތްތަނުގައި ބާރަކަށްވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.