ރައީސްގެ ފަރާތްޕުޅުން މިފަދަ މެސެޖެއް މި އައީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަގުމަތި ކޮށްލާ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށް ވިދާޅުވެ އެ ދެ ޕާޓީގެ ވެރީން ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ވަރުގަދައަަށް ރައްދު ދެއްވާފައި ވަނިކޮށެވެ.
ހުކުމުގެ ކުރިން ކެންޑިޑޭޓް ނެރެން ފުރުސަތު ދީފައި ރައީސް ޔާމީން ކަންކުރަން އުޅުނީ ވަރަަށް ހިޔަޅު ވިސްނުމުގައި ކަމަށް ވިދާޅުވެ ޔޫތު މިނިސްޓްރީގެ ނާއިބު މަރިޔަމް ޝިއުނާ ކުރެއްވި ޕޯސްޓެއް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރި-ޕޯސްޓް ކުރައްވަައިފި އެވެ.
މިއީ ދެ ރައީސުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަން އެހެން ހަރުފަތަކަށް ގޮސްފައި ވަނިކޮށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވި ވަރުގަދަ މެސެޖަކަށް ފުދެ އެވެ.
އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަވާ ގޮތަށް ޕޯސްޓެއް ކުރެއްވި ކަމުގެ ތުހުމަތު އެޅި މިވަގުުތު ސަސްޕެންޝަން ގައި ހުންނެވި ނާއިބު މިނިސްޓަރު ޝިއުނާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ޔާމީންގެ ކެންޑިޑެސީ މައްސަލާގައި ހުކުމުގެ ކުރިން ކެންޑިޑޭޓް ނެރެން ފުރުސަތު ދީފައި ކަންކުރަން އުޅުނީ ވަރަަށް ހިޔަޅު ވިސްނުމުގައި ކަމަށެވެ.
"އަސްލު އުޅުނީ ރައީސް މުއިއްޒު ޕީޕީއެމުން ވަކިކޮށް ޕްރައިމަރީ އިން ބަލި ކުރަން. ހޭވި ހުރިހާ ހަޑިއެއް ގާތުން ދެކުނިން. ٱللَّٰهގެ ވާގިފުޅާއި އެކު ޑރ. މުއިއްޒު ޕްރައިމަރީ ކާމިޔާބު ކުރީމަވެސް ޖަމީލު [ރައީސް ޔާމީންގެ އިސް ވަކީލް] ނުކުމެ ބުނީ އެއީ ޕްލޭން ސީ އޭ،" ރައީސް ރިޕޯސްޓް ކުރެއްވި ޝިއުނާގެ ޕޯސްޓްގައި ވެއެވެ.
އަދި ރޭވިހާ ނުބައި ރޭވުންތައް ނާކާމިޔާބުވެ ގޮތްހުސްވީ ކަމަށާ ވެެރިކަމަކީ ٱللَّٰه ދެއްވާ އެއްޗެއް ކަމަށް ވެސް އެ ޕޯސްޓް ގައި ވެ އެވެ.
ރައީސްގެ ފަރާތްޕުޅުން މިފަދަ މެސެޖެއް މި އައީ ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަގުމަތި ކޮށްލާ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށް ވިދާޅުވެ އެ ދެ ޕާޓީގެ ވެރީން ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ވަރުގަދައަަށް ރައްދު ދެއްވާފައި ވަނިކޮށެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ކުރިއަށް ކަންކަން ވެދާނެ ގޮތަކާމެދު ވިސްނާ ގޮތް ނިންމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ކަންކަން ވެދާނެ ގޮތަކާމެދު ވިސްނަވާ އެމަނިކުފާނުގެ އިތުރުން ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑަައަޅަން އެންގެވީ އެމަނިކުފާނު ކަމަށެވެ.
އެ ޕާޓީން ކެންޑިޑޭޓަކު ދައްކަން ބޭނުންފުޅުވީ އެމަނިކުފާނުގެ ކެންޑިޑެސީއާމެދު ސުޕްރީމް ކޯޓުން ގޮތް ނިންމާއިރު އިންތިހާބަށް ވަރަށް ވަގުތު ކުޑަތަންވެފައި އޮންނާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ހާލަތުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުދެއްކުމުން ސުވާލު އުފައްދާނީ އެކަމަށް ވެސް ޖަވާބު ދެއްވި އެވެ. ޔާމީން ވިދާޅުވީ އެގޮތަށް އަމަލު ނުކުރެއްވީ ކޯޓުން މާ ފަސޭހައިން މައްސަލަ ނިންމަވާނެތީ އެވެ. ކޯޓްގައި އޮތީ ކެންޑިޑެސީ މައްސަލައެއް ކަމުން ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދައްކައިފިނަމަ އެމަނިކުފާނަކީ ކެންޑިޑޭޓަކަށް ނުވާނެތީ މައްސަލަ ނިމުނީ ކަމަށް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމުން ޕީއެންސީއަށް ބަދަލުވާނެ ލީޑަރަކު ބަދަލުވެފައި އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅަންް ނޯޓަކުން ދެންނެވި ކަމަށާ އެ ހަގީގަތް ފޮރުވާ އޮޅުވާ ނުލެވޭނެ ކަމަށެވެ.
"އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް ކުރިމަތިނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރީން ޕީޕީއެމް ޕީއެންސީން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނާނީ ދައްކާފައި. އެހެންވީމަ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ. އެ އުޅެނީ ކޮން ހަނދާނެއް ބަލިވެގެން ކޯންޗެއް އޮޅުވާންތޯ،"
ޔާމީން ތަކުރާރުކޮށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުންނެއް މަގުމައްޗެއް ނުވާނެ ކަމަށެވެ. އެގޮތް ނުވާނެ މަގަށް ހުރިހާ އިރުޝާދެއް ޖަލުގައި ހުންނަވައިގެން ދެއްވި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން މައްސަލަ ނިމުމާއެކު ލަސްނުކޮށް ޑރ. މުއިއްޒުގެ ކެންޑިޑެސީ ސަބްމިޓް ކުރަން ވެސް އެންގެވި ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް / ޕީއެންސީ މެންބަރުން މަގުމަތި ކުރަން މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ހަގީގަތް އޮޅުވާލަން ޕީއެންސީގެ ލީޑަރުން ވާހަކަ ދައްކަވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.
"އަޅުގަނޑު ދައްކާ ވާހަކައަށް ފެކްޓުން ޖަވާބު ދެއްވާ. އަޅުގަނޑަކީ މިހާރު ޕީޕީއެމް މީހަކަށް ނުވާތީ އަޅުގަނޑަކަށް ނޭންގޭނެ އޭ.. އެ ބީދަައިން ވާހަކަ ނުދައްކާ. އަޅުގަނޑަކީ ހުރިހާ އެންމެންގެ މިޖާޒާ އެ މީހުން ކޮށްފައި ހުރި ކަންކަން އަަޅުގަނޑަށް އެނގޭ،"
ވަރަށް ވާދަވެރި އިންތިހާބުގައި މުއިއްޒު ޓިކެޓް ހޯއްދެވީ ދެ ވޯޓްގެ ތަފާތުންނެވެ. މުއިއްޒަށް 25 ވޯޓެވެ. އާދަމް ޝަރީފަށް 23 ވޯޓެވެ. އާދަމް ޝަރީފަށް ވޯޓް ދެއްވީ ޔާމީންގެ އެންމެ އަރިސް ބޭފުޅުންނެވެ.
އޭގެ ފަހުން މުއިއްޒަކީ ޕްލޭން ސީ ކަމަށް ޔާމީން އެންގެވި އެވެ. އެއީ ޔާމީނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ. އަދި ފަހުން އެންގެވީ އިންތިހާބު ބޮއިކޮޓް ކުރެއްވުމަށެވެ. އެގޮތަށް ނިންމުމަށް ދެ ފަހަރު ސެނެޓަށް ހުށައެޅޮ އެވެ. ފާސް ކުރެވޭ ގޮތް ނުވީ އެވެ.
އެންމެ ފަހު ވަގުތު ރައީސް މުއިއްޒު ފޯމް ހުށައެޅުއްވިއިރު ވެސް ޔާމީންގެ ރުހުން އެމަނިކުފާނަށް ނުލިބޭ ކަމުގެ އަޑު އޮތެވެ. ރުހުން އޮތް ކަމަށް ފާޅުގައި އިއުލާނެއް ނުކުރެއްވި އެވެ.