ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާ މުޅި ޣައްޒާ ސުންނާފަތި ކުރުމަށް ފަހު އަދިވެސް ހިތްހަމަ ޖެހޭ ވަރު ނުވެގެން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ހުރިހާ އަސާސީ ހިދުމަތަކުން މަހްރޫމް ކޮށްފައެވެ.
ދިވެހި ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ މި ނިންމުން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އެކްސް ގައި ޕޯސްޓެއް ކުރައްވާ ވިދާޅުވީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ޣައްޒާގެ އަހުންނާއި އުހުތުންނަށް ކާބޯތަކެތީގެ އެހީތެރި ކަމެއް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިތުރު ތަފްސީލެއް ނުދެއްވައެވެ.
ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަށާފައިވާ ލާއިންސާނީ ހަނގުރާމައިގައި ފަލަސްތީނުގެ 32،000 ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ.
ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާ މުޅި ޣައްޒާ ސުންނާފަތި ކުރުމަށް ފަހު އަދިވެސް ހިތްހަމަ ޖެހޭ ވަރު ނުވެގެން ހައްދުފަނައަޅާފައިވާ އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސާ ހުރިހާ އަސާސީ ހިދުމަތަކުން މަހްރޫމް ކޮށްފައެވެ. ޣައްޒާށް އެހީއާ ކާބޯތަކެތި ވައްދާ ހުރިހާ ދޮރުތަކެއް ބަންދުކޮށް ޣައްޒާގެ މުޅި ރައްޔަތް ނައްތާލުމުގެ ޖަރީމާ އިޒްރޭލުން ދަނީ ހިންގަމުންނެވެ.
މި ޖަރީމާތަކާއި ދެކޮޅަށް ދުނިޔެއަށް ކުރެވޭ އެއްވެސް ކަމެއް ނެތެވެ. އިސްލާމީ ގައުމުތައް ވަނީ އެއީ ނުފެންނަ މަންޒަރެއް ކަމަށް ހަދާފައެވެ. އިސްލާމީ ލީޑަރުން ވަނީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި އެއްޗެއް ވިދާޅުވާން ވެސް ކެރިވަޑައިނުގަންނަވާ މިންވަރަށް ހުޅަނގުގެ ނުފޫޒާއި ބިރުވެރިކަމުގެ ތެރެއަށް ވަޑައިގެންފައެވެ.
އެކަން އިހްސާސް ކުރެވި ޣައްޒާގެ ރައްޔިތުން މިހާރު ވަނީ އެ މީހުންނަށް އެހީތެރިވެދިނުމަށް އިސްލާމީ ދައުލަތްތަކަށް ގޮވާލާ ގޮވާލުން ހުއްޓާލާފައެވެ. އެ ރައްޔިތުންގެ ހުރިހާ ވެސް ދެންނެވުމަކީ އެ މީހުންނަށް "ﷲ ފުދެ އެވެ" މިއެވެ.