ބިލް ފާސްކޮށްފި، މިހާރު އޮތީ ޕާޓީ ބަދަލުކުރުމުން އިސްތިއުފާ ދިނުން އިހްތިޔާރީވާ ގޮތަށް

ބިލް ފާސްކުރުމަށް 33 މެންބަރަކު ވޯޓް ދިނެވެ. ހަ މެންބަރަކު ވޯޓް ދިނީ ބިލް ފާސް ކުރަން ނުފެންނަ ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން ބައިވެރިވަނީ

ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް އެމްޑީޕީ އިން ހުށައެޅި އެންޓި-ޑިފެކްޝަން ބިލް މިއަދު މަޖިލީހުން ފާސްކޮށްފި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބިލް ފާސްކުރީ ބިލް ހުށައެޅި އޮތް ގޮތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އަދި އެ ބިލުން ހާސިލު ކުރަން ކުރީން އަމާޒު ހިފި ކަންކަން ހާސިލު ވެސް ނުުކުރެވޭ ގޮތަށެވެ.

ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ (ތަކަންދޫ އަހްމަދު) ހުށައެޅި ބިލް ކުރީން އޮތީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް" ބަޔާން ކޮށް ނަމަވެސް ބިލް ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދޭންޖެހޭ ހާލަތްތައް" މި ގޮތަށް ބަދަލު ކުުރުމަށް ފަހު އެވެ.

ބިލް ފާސްކުރުމަށް 33 މެންބަރަކު ވޯޓް ދިނެވެ. ހަ މެންބަރަކު ވޯޓް ދިނީ ބިލް ފާސް ކުރަން ނުފެންނަ ކަމަށެވެ.

އެންޓި-ޑިފެކްޝަން ބިލް މިހާރު އޮތް ގޮތުން މެންބަރު ކަމުން އިސްތިއުފާ ދޭން ޖެހޭ ތިން ހާލަތެއް ވަނީ ބަޔާން ކޮށްފައެވެ. އެއީ އިންތިހާބުވީ ހައިސިއްޔަތު ބަދަލުކޮށް އެހެން ޕާޓީއަކާއި ގުޅުން ނުވަތަ އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމެނުމެވެ. އަމިއްލަ ގޮތުން އިންތިހާބުވާ މެންބަރުން އެހެން ޕާޓީއަކާ ގުޅިއްޖެނަމަ ވެސް އެއީ އިސްތިއުފާދޭން ޖެހޭ ހާލަތެއް ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް ބިލްގައި އޮތީ އެކަން ކުރަން އެ މެންބަރެއްގެ އިހްތިޔާރީ ކަމަކަށް ދޫކޮށްލާފައެވެ. އިސްތިއުފާ ދޭން ޖެހޭނީ އަމިއްލަ އަށެވެ. މެންބަރުން ޕާޓީ ބަދަލު ކުރުން ހުއްޓުވަން ހެދި ބިލްގައި މި އިން ހާލަތެއް މެެދުވެރިވެ އިސްތިއުފާ ނުދީފިނަމަ ދެން ވާނެ ގޮތެއް ވެސް އަދި އެ މެންބަރަކު ވަކިކުރެވޭނެ އިތުރު އެއްވެސް ގޮތެއް ބަޔާން ކޮށްފައެއް ނުވެ އެވެ.

ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ މަޖިލީހުގައި އެކަން ފާހަގަކޮށް މިއީ ރައްޔިތުންނަށް އޮޅުވާލަން އެއްވެސް މަގުސަދެއް ނެތި އެމްޑީޕީން ފާސްކޮށްފައިވާ ބިލެއް ކަމަށް ވިދާޅުވެ އެ ބިލަށް ފާޑު ވިދާޅުވެފައެވެ.

މީގެ އިތުރުން ޕާޓީން، މެންބަރަކު ވަކިކުރުމުން ވެސް އިސްތިއުފާ ދިނުން ވަނީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ބިލްގައި ހިމަނާފައެވެ. އަދި ކުރީން ބިލްގައި އޮތް ދާއިރާގެ ރައްޔިތުންގެ މެދުގައި އެ މެންބަރަކު މަގާމުގައި ހުންނަން ފެނޭތޯ ބެލުމަށް ނަގަން ހުށައަޅާ ރީކޯލް ވޯޓާ ގުޅޭ މުޅި ބާބު ވަނީ އުނިކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.