ޔާމީންގެ ތުހުމަތު؛ މިނިވަންވާން އެކަކުވެސް ނޭދޭ، މުޒާހަރާ ކުރީ ނަމަކަށް

އިންތިހާބު ބޮއިކޮޓްކޮށް ދެ ޕާޓީ މަގުމަތި ކުރަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަނީ އެ ހަގީގަތްތައް އާންމުންނަށް އޮޅުވާލަން ކަމަށް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން (ކ) އަބްދުއްރަހީމްﷲ (މ) ރައީސް މުހަައްމަދު މުއިއްޒު (ވ)
  •  ޕީއެންސީން ކެންޑިޑޭޓަކު ދެއްކިން
  •  މެންބަރުން މަގުމަތި ކުރާކަށް ނޫޅެން
  •  ބޮއިކޮޓް ކުރަން ދެންނެވީ ހިޔާލަކަށް ހައްދަވާ ގޮތެއް ބައްލަވަން
  •  މިނިވަން ކުރަން ހިންގީ އާރެއް ނެތް މުޒާހަރާތަކެއް
  •  މުޒާހަރާތަކަށް ނިކުންނަން ލީޑަރުން އެންގި

ރައީސް ޔާމީން މަސައްކަތް ކުރެއްވީ ޕީޕީއެމް / ޕީއެންސީގެ މެންބަރުން މަގުމަތި ކޮށްލާ އިންތިހާބު ބޮއިކޮޓް ކުރަން ކަމަށް ވިދާޅުވެ އެ ދެ ޕާޓީގެ ވެރީން ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ވަރުގަދައަަށް ރޭ ރައްދު ދެއްވައިފި އެވެ.

އަލަށް އުފައްދަވަން މަސަައްކަތް ކުރައްވާ ޕީއެންއެފްގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނަކީ ކުރިއަށް ކަންކަން ވެދާނެ ގޮތަކާމެދު ވިސްނާ ގޮތް ނިންމަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ކަންކަން ވެދާނެ ގޮތަކާމެދު ވިސްނަވާ އެމަނިކުފާނުގެ އިތުރުން ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ކަނޑަައަޅަން އެންގެވީ އެމަނިކުފާނު ކަމަށެވެ.

އެ ޕާޓީން ކެންޑިޑޭޓަކު ދައްކަން ބޭނުންފުޅުވީ އެމަނިކުފާނުގެ ކެންޑިޑެސީއާމެދު ސުޕްރީމް ކޯޓުން ގޮތް ނިންމާއިރު އިންތިހާބަށް ވަރަށް ވަގުތު ކުޑަތަންވެފައި އޮންނާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހާލަތުގައި ޕީޕީއެމުން ކެންޑިޑޭޓަކު ނުދެއްކުމުން ސުވާލު އުފައްދާނީ އެކަމަށް ވެސް ޖަވާބު ދެއްވި އެވެ. ޔާމީން ވިދާޅުވީ އެގޮތަށް އަމަލު ނުކުރެއްވީ ކޯޓުން މާ ފަސޭހައިން މައްސަލަ ނިންމަވާނެތީ އެވެ. ކޯޓްގައި އޮތީ ކެންޑިޑެސީ މައްސަލައެއް ކަމުން ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ދައްކައިފިނަމަ އެމަނިކުފާނަކީ ކެންޑިޑޭޓަކަށް ނުވާނެތީ މައްސަލަ ނިމުނީ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމުން ޕީއެންސީއަށް ބަދަލުވާނެ ލީޑަރަކު ބަދަލުވެފައި އެ ޕާޓީން ކެންޑިޑޭޓަކު ކަނޑައަޅަންް ނޯޓަކުން ދެންނެވި ކަމަށާ އެ ހަގީގަތް ފޮރުވާ އޮޅުވާ ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުގެ މައްސަލަ އަޅުގަނޑަށް ކުރިމަތިނުލެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރީން ޕީޕީއެމް ޕީއެންސީން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ހުންނާނީ ދައްކާފައި. އެހެންވީމަ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވާ ވާހަކަ. އެ އުޅެނީ ކޮން ހަނދާނެއް ބަލިވެގެން ކޯންޗެއް އޮޅުވާންތޯ،"

ޔާމީން ތަކުރާރުކޮށް ރޭ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ އާންމު މެންބަރުންނެއް މަގުމައްޗެއް ނުވާނެ ކަމަށެވެ. އެގޮތް ނުވާނެ މަގަށް ހުރިހާ އިރުޝާދެއް ޖަލުގައި ހުންނަވައިގެން ދެއްވި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުން މައްސަލަ ނިމުމާއެކު ލަސްނުކޮށް ޑރ. މުއިއްޒުގެ ކެންޑިޑެސީ ސަބްމިޓް ކުރަން ވެސް އެންގެވި ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމަނިކުފާނު ޕީޕީއެމް / ޕީއެންސީ މެންބަރުން މަގުމަތި ކުރަން މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ހަގީގަތް އޮޅުވާލަން ޕީއެންސީގެ ލީޑަރުން ވާހަކަ ދައްކަވާ ކަމަށް ވެސް ތުހުމަތު ކުރެއްވި އެވެ.

"އަޅުގަނޑު ދައްކާ ވާހަކައަށް ފެކްޓުން ޖަވާބު ދެއްވާ. އަޅުގަނޑަކީ މިހާރު ޕީޕީއެމް މީހަކަށް ނުވާތީ އަޅުގަނޑަކަށް ނޭންގޭނެ އޭ.. އެ ބީދަައިން ވާހަކަ ނުދައްކާ. އަޅުގަނޑަކީ ހުރިހާ އެންމެންގެ މިޖާޒާ އެ މީހުން ކޮށްފައި ހުރި ކަންކަން އަަޅުގަނޑަށް އެނގޭ،"

ޔާމީން ވިދާޅުވީ އިންތިހާބު ބޮއިކޮޓް ކުރަން އުޅުއްވީ އެމަނިކުފާނު ކަމަށް މިއަދު ވިދާޅުވާއިރު އިންތިހާބު ބޮއިކޮޓް ކުރަން ފުރަގަމަ ގޮވީވެސް މިއަދު އެ ވާހަކަ ދައްކަވާ ބޭފުޅުން ކަމަށެވެ.

ޔާމީނަށް ވާދަނުކުރެވޭ ގޮތަށް ބާއްވާ އިންތިހާބެއް ގައި ބައިވެރިނުވާނެ ކަމަށް ވިދާޅުވެ ޕީޕީއެމް / ޕީއެންސީ ވެރީން ކިތަށް ފަހަރު ވާހަކަ ދެއްކެވިތޯ ވެސް ސުވާލު ކުރެއްވި އެވެ.

"[އިންތިހާބު ބޮއިކޮޓް ކުރަން ފޮނުވީ] ހިޔާލަކަށް، އެއީ އެހާވަރަށް ޕީއެންސީގެ ބޭފުޅުން ރައީސް ޔާމީނަށް ވާދަނުުކުރެވޭ އިންތިހާބެއް ވެއްޖިއްޔާ ބޮއިކޮޓް ކުރާނަމޭ ގޮވާތީ،"

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވާދަ ނުކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ. އެކަމާ ދެކޮޅަށް އަދި އެމަނިކުފާނު މިނިވަން ކުރުމަށް ރަނގަޅަށް / ވަރުގަދަކޮށް މަގުމަތީ އިހުތިޖާޖު ގެންދެވުނު ނަމަ އެކަން ރިވިއު އަކަށް ގެންދެވުނީސް ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ރޭ ވިދާޅުވީ އެމަނިކުފާނު ޖަލަށް ލުމުން މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމް / ޕީއެންސީ ލީޑަރުން ކުރީ އާރެއް ނެތް މުޒާހަރާތަކެއް ކަމަށެވެ. އަދި މުޒާހަރާއަށް ނުނިކުންނަން ވެސް ބައެއް މީހުންނަށް އަންގާފައި އެބަހުރި ކަމަށެވެ. އެކަމަށް ޝަރުތުކޮށް ދެ ޕާޓީގެ ލީޑަރުން އެކި މީހުންނަށް ކަންކަން ކޮށްްދީފައިވާ ކަމަށް ވިދާޅުވެ ވަރުގަދަ އިހުތިޖާޖުތަކެެއް ކުރިއަށް ގެންދަން އެ ބޭފުޅުން އެކަށީގެންވާ މަސައްކަތެއް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މި ބޭފުޅުންގެ ހިތްވަރެއް ނެތޭ. އަޅުގަނޑަށް ފެނިގެން ދިޔައޭ ޖަލުގައި ހުރިއިރު ތި މުޒާހަރާތައް ދަނީ ކިހިނެތްކަން. އެއަކު ނެތޭ އާރެއް. ތި މުޒާހަރާތަކަށް ނުނިކުންނަ ވެރީން ވެސް އެބަ ތިބި،"

އަދި ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުން ބޭފުޅުން ތިއްބެވުމުން ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގައި އެމަނިކުފާނު ޖަލުން ސަލާމަތްވާން ބޭނުންވާ އެއް ބޭފުޅަކު ނެތްކަން މިހާރު ސާފުވެއްޖެ ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް އެހާ ފަނޑުކޮށް މުޒާހަރާތައް ގެންދިޔައީ އެހެންވެގެން ކަމަށެވެ.

އިންތިހާބު ބޮއިކޮޓްކޮށް ދެ ޕާޓީ މަގުމަތި ކުރަން އުޅުނު ކަމަށް ބުނެ އެމަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވަނީ އެ ހަގީގަތްތައް އާންމުންނަށް އޮޅުވާލަން ކަމަށް ވިދާޅުވި އެވެ.

"ވެެރިކަން ނުވަތަ ކުރިއަށްދާން ބޭނުން މީހުން ތިބޭނެ. އަޅުގަނޑުގެ މައްސަލައެއް ނެތް. އެކަމަކު އަޅުގަނޑުގެ މައްސަލަ އަކީ އަަޅުގަނޑު ޖަލުގައި ބާއްވައިގެން އެކަން ކުރަން އެ މީހުން ރާވާތީ. އަޅުގަނޑު މިނިވަންވާން / ވީއްލޭން ބޭނުންވާ މީހުންނެއް ނޫނޭ އެތާންގަައި [ޕީޕީއެމާއި ޕީއެންސީ ގައި] ތިބީއެއް،" ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް

2
450
އަލީމް
1 month ago

ބަލަ އިންތިހާބު ބޮއިކޮޓް ކުރިނަމަ ވަކި މޮޅެއް ވީސްތަ މިހާރު. ވިސްނާބަލަ މޮޔަތަ

އަލީމް
1 month ago

ބަލަ އިންތިހާބު ބޮއިކޮޓް ކުރިނަމަ ވަކި މޮޅެއް ވީސްތަ މިހާރު. ވިސްނާބަލަ މޮޔަތަ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.