އެންމެންގެ ރަހްމަތްތެރިއެއް، ރައްޔިތުންގެ ފައިދާއަށް ކުރާ ކޮންމެ ކަމެއްގައި ކުރިއަށްދާނީ ފަސް ނުޖެހި

"ރައްޔިތުންގެ ފައިދާއަށް ކުރެވޭ މަސައްކަތެއްގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނާއެކު ކުރިއަށްދާކަށް ފަހަކަށް ނުޖެހޭނަން،"

މިރޭގެ އިވެންޓްގައި ޑރ. އަމީން ވާހަކަފުޅު ދައްކަވަނީ: ޔަގީންކަން ދެއްވީ ރައްޔިތުންގެ ފައިދާއަށް ކުރާ ކޮންމެ ކަމެއްގައި ކޮންމެ ބަޔަކަށް ވެސް އެހީތެރިވެ ދެއްވާނެ ކަމަށް -- މިރާގެ ފޮޓޯ އެއް

ރައްޔިތުންގެ ފައިދާއަށް ކުރެވޭ މަސައްކަތެއްގައި ކޮންމެ ބަޔަކާއެކު ވެސް ފަސް ޖެހުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާ ދާއިރާގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެން ކޮންމެ މަސައްކަތެއް ގައި ސާބިތުވެ ހުންނަވާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ދާއިރާގެ ރައްޔިތުންނަށް ބޭއްވި ތަރީވީހެއް ގައި ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ މަޖިލީސް އިންތިހާބަށް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ނަމަވެސް އެމަނިކުފާނަކީ އެންމެނާވެސް ގުޅޭ ގާތް ރަހްމަަތެރި ބޭފުޅެއް ކަމަށެވެ. އެ ގޮތުން ސަރުކާރާއި އިދިކޮޅުގައި ވެސް ތިއްބެވީ އެކުވެރީން ކަމަށާ އެމަނިކުފާނަކީ އެ އެންމެންގެ ގާތް ރަހްމަތްތެރިއެއް ކަމަށެވެ.

މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ އެމްޑީޕީއާ ޕީޕީއެމް އަދި ޕީއެންސީއާ އެކު ކުރެއްވިފައިވާ މަަސައްކަތްތަކެވެ. ވިދާޅުވީ މިދިޔަ މުއްދަތު ގައި އިސްލާހަށް ކުރެވުނު މަަސައްކަތުގައި އެމްޑީޕީއާއެކު ވަރަށް ގިނަ މަސައްކަތް ކުރެއްވިފައިވާ ކަމަށެވެ. އަދި ހަމަޖެހުމާއި އިންސާފަށް ކުރެވުނު އެތައް މަސައްކަތެއްގައި ޕީޕީއެމް / ޕީއެންސީއާ އެކު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހިމް މިރޭ ބޭއްވެވި ތަރާވީސް -- މިރާގެ ފޮޓޯ އެއް

އެހެން ކަމުން އަމީން އެދިވަޑައިގެންނެވީ އެމްޑީޕީ ނުވަތަ ޕީޕީއެމް/ޕީއެންސީގެ ބޭފުޅަކަށް ވެވަޑައިނުގަންނަވާތީ ވޯޓް ނުދެއްވާ ނުހުންނެވުމަށެވެ.

"އަޅުގަނޑު ކުރިއަށްދާނީ ގައުމުގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ދިރިއުޅުމުގެ ފަސޭހައަކަށް އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ދާއިރާގެ ރައްޔިތުންގެ ދިރިއުޅުން ތަރައްގީ ކުރުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ކުރިއަށް ދާން. އެއީ ސަރުކާރު ކަމަށް ވިޔަސް އަދި ސަރުކާރާ އިދިކޮޅު ބަޔަކު ކަމަށް ވިޔަސް އަޅުގަނޑުގެ މަސައްކަތް ހުންނާނީ މި ދެންނެވި އުސޫލުން. ރައްޔިތުންގެ ފައިދާއަށް ކުރެވޭ މަސައްކަތެއްގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނާއެކު ކުރިއަށްދާކަށް ފަހަކަށް ނުޖެހޭނަން،"

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހިމް މިރޭ ބޭއްވެވި ތަރާވީސް -- މިރާގެ ފޮޓޯ އެއް

އަމީން ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުން އަދިވެސް ވޯޓްލާން ނިކުންނަން ބޭނުން ނުވާ ވަރަށް ގިނަ ބަޔަކު ތިބި މަންޒަރު ފެނިވަޑައިގަތް ކަމަށެވެ. ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށާ ރަނގަޅަށް ކުރި އުންމީދު ހާސިލުނުވެ ދިގުލައިގެން ގޮސް ރައްޔިތުންގެ އުންމީދު ގެއްލިފައިވާ ކަމަށެވެ.

ނަަމަވެސް އަމީން އެދިވަޑައިގަތީ ޝަކުވާ ގައި ދެމި ތިބުމުގެ ބަދަލުގައި އަލުން ހިތްވަަރާ އެކު ނިކުމެ ބަދަލު ކުރަން ޖެހޭ ކަންކަން ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށެވެ. އެއީ މެންބަރު ކަމަށް ވާނަމަ އެކަން ވެސް ކުރުމަށް އެދިވަޑައިގަތެވެ.

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހިމް މިރޭ ބޭއްވެވި ތަރާވީސް -- މިރާގެ ފޮޓޯ އެއް

މީގެ އިތުރުން އަމީން ވިދާޅުވީ ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ވާހަކަތައް އަޑު އިވިވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން ވަޒީފާގެ ބިރު ދައްކާކަމުގެ ވާހަކަތައް ތަކުރާރުކޮށް އިވެެމުންދާއިރު އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެކަން ކުރާ ބަޔަކު ވަގުތުން އެކަން ހުއްޓާލުމަށް ވެސް އެދިވަޑައިގަތެވެ.

އަދި ދާއިރާގެ އެއްވެސް ރައްޔިތަކަށް އެފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދެއްވާނެ ކަމަށާ އިންސާފު ހޯދުމަށް މަސައްކަތް ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހިމް މިރޭ ބޭއްވެވި ތަރާވީސް -- މިރާގެ ފޮޓޯ އެއް

ރައީސް ޔާމީންގެ ސަރުކާރު ގައި ޓްރާސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހިމަކީ ގައުމީ ހިދުމަތުގެ ޝަރަފުވެރި / ފަހުރުވެރި ޓްރެކް ރެކޯޑެއް އޮތް ބޭފުޅެކެވެ. ވަރަށް ގިނަ ބަޔަކު އިހްތިރާމް ކުރައްވާ އަމީނަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެވެ.

މި ފަހުން ސިޔާސީ މައިދާނުގައި އިސްލާހަށް ހިންގި ހުރިހާ މަސައްކަތެއް ގައި ހެން އަމީންގެ ދައުރު ވަރަށް ބޮޑެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.