އަލީއާ ދެކޮޅު ބަޔާންތައް ލީކުވެއްޖެ، "ތިކަން ކުރަނީ ކާކު ކީއްވެކަން އިނގޭ"

އެ ބަޔާންތަކުގައި އަންހެން މުވައްޒިފުންނާ ޖިންސީ ގުޅުން ހިންގަން އަލީ ވަހީދު އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ މައްޗަށް ތުހުމަތު ކުރާ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ތަހުގީގަށް ދިން ބަޔާންތައް ވަނީ ލީކުކޮށްލާފައި

އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި މައްސަލައިގެ ތުހުމަތު ކުރެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހިންގި ތަހުގީގު ގައި އަނިޔާ ލިބުނު މީހުން ދިން ބަޔާންތައް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދުގެ މައްޗަށް ކުރެވި އޭނާ މަގާމުން ދުރުކުރި އެވެ. އަދި ރައީސްގެ ހާއްސަ އެންގެވުމަށް ފުލުހުން ހިންގި ތަހުގީގަށް ފަހު ޖިންސީ ގޯނާގެ ހަތް ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި އެވެ. އެއީ ނޮވެމްބަރު 18، 2020 ގައެވެ. އެކަމަކު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާ ވަނީ ރާއްޖެއިން ފިލާފަ އެވެ.

ފަހުން ކުއްލި ގޮތަކަށް އެ މައްސަލަތައް އަނބުރާ ނެގި އެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތައް ގެނައީ އަނިޔާ ލިބުނު މީހުން އެކަމަށް އެދޭތީ ކަމަށެވެ. އޭގެ ފަހުން އަލީ ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

އަދި އެމްޑީޕީއާ ގުޅިވަޑައިގެން ކުރިއަށް އޮތް މަޖިލީސް އިންތިހާބު ގައި ވާދަކުރަން އެ ޕާޓީގެ ޓިކެޓް، ޕްރައިމަރީ ގައި ވާދަ ކޮށް ހޯއްދެވި އެވެ. އަލީ ވާދަ ކުރަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އަށެވެ. ކެމްޕެއިން ވަރަށް ފޯރީގައި ހިންގަމުން ދަނިކޮށް އެކްސް ގައި ބަޔަކު ވަނީ އަލީ ވަހީދާ ދެކޮޅު ބަޔާންތައް ލީކުކޮށްލާފައެވެ.

އެއީ ސައްހަ ބަޔާންތަކެއް ކަމަށް ވަރަށް ގިނަ މަސްދަރުތަކުން ޔަގީންކޮށް ދެ އެވެ.

އެ ބަޔާންތަކުގައި އަންހެން މުވައްޒިފުންނާ ޖިންސީ ގުޅުން ހިންގަން އަލީ ވަހީދު އަމަލުކުރި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. 

އެކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށެވެ. އަދި ވިދާޅުވީ ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ ކަމަށެވެ.

"އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާ އެކު،"

އަލީ ވަހީދު ވިދާޅުވީ "ތިކަން ތި ކުރަނީ ކާކު ކީއްވެކަން އެނގޭ" ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެ އެވެ.

ތިން އަހަރާއި ތިން ދުވަސް ފަހު ރާއްޖެ ވަޑަައިގެން ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން ޖުލައި 11، 2023 ގައި އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު އޭނާ "ފްރޭމް" ކުރުމުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ސޯލިހަށް އަސާސެއް ނެތް ތުހުމަތުތައް ކުރެއްވީ އޭނާ "ފްރޭމް" ކުރުމުގެ އަޑީގައި ތިބި މީހުން ހޯދަން ކަމަށް ވެސް ވިދާޅުވި އެވެ. އަދި މިއަދު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އެކަން ކުރި މީހުން އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. 

ފުރަތަމަ ވިދާޅުވީ އޭނާ "ފްރޭމް" ކުރުމުގައި ޖުމްހޫރީ ޕާޓީއާ ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އަދި ފަހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބައިވެރިވުމެއް ނެތް ކަަމަށް ވެސް ސާފުކޮށް ވިދާޅުވެފަ އެވެ.

ނަމަވެސް ރައީސް މައުމޫނާއި ރައީސް ނަޝީދަށް ނިސްބަތްވާ ގޮތަށް ތުހުމަތު އަމާޒު ކުރެއްވި އެވެ. އަލީ ވަހީދުގެ މައްސަލަ ގެންދަން ނިންމުމުން މައުމޫން ނިސްބަތްވާ އެމްއާރްއެމުން ނޫސްބަޔާނެއް ނެރެފައިވާތީ އެކަން ރުޅިވެރިކަމާއެކު ފާހަގަ ކުރެއްވި އެވެ.

ދެން ވެސް ތަކުރާރުކޮށް ވިދާޅުވީ ސޯލިހާއި ޔާމީންގެ ނަންފުޅެވެ. ވިދާޅުވީ މައްސަލައިގެ ތެރެއަށް ރައީސް ސޯލިހް އަތް ނުބޭނުއްވީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެސް ހާލު ބައްލަވާ އޭނާގެ ކުށެއް ނެތް ކަމަށް ދެކެވަޑައިގަތީތީ އެ އިހްތިރާމް ދެ ރައީސުންނަށް އެބައޮތް ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅޭ ގޮތުން ދަންނަވަން އޮތީ އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން މި އަޅުގަނޑާ ދެކޮޅަށް އައި ފްރޭމް ކުރުމުގެ ތެރެއަށް އެމަނިކުފާނު އަތް ނުބޭނުއްވީތީ އެ އިހްތިރާމް އެމަނިކުފާނަށް އެބައޮތް. ހަމަ އެގޮތަށް ރައީސް ޔާމީން، އަޅުގަނޑު މީ އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކު މީ. އަޅުގަނޑަށް މިކަން ދިމާވުމުން އަޅުގަނޑުގެ ހާލު ބައްލަވާ އަޅުގަނޑުގެ އިނެސެންސް ގަބޫލު ކުރައްވާ އެ ގޮތަށް ދެކުނީތީ އަޅުގަނޑުގެ އިހްތިރާމް އެމަނިކުފާނަށް ވެސް އެބަ އޮތޭ،" އަލީ ވަހީދު އެ ދުވަހު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.