މި ބަދަލާއެކު ފްރީލާންސް މީހުން ބޭރުން އަންނަ ފައިސާ ރާއްޖޭގެ އެކައުންޓުން ނެގޭނެ އެވެ. މި ބަދަލަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ބޭންކުން އިއްޔެ ކުރު އިއުލާނެއް ކުރި އެވެ. އެ އިއުލާނުގެ މައިގަނޑު ސެހެރީއަކީ ބޭންކުން ބްލޮކް ކޮށްފައިވާ މާޗަންޓް ސައިޓްތައް ދޫށްލި ވާހަަކަ އާއި ޑިޖިޓަލް ވޮލެޓު މުއާމަލާތް ކުރެވޭ ގޮތް ހެދި ކަމެވެ. އެކަމަކު މިވީ ގޮތެއް މާކަ ބޮޑަކަށް ސާފުވި ބަޔަކު ނެތެވެ. މިކަން ސާފުކޮށް ކިޔައި ދޭނެ ބަޔަކު ނެތި ބޭންކްއާ ދިމާލަށް އެއްޗިހި ގޮވަމުން ދުވާއިރު މި ނިންމުމާއެކު ބަދަލު ވެގެން އަންނާނެ ބޮޑު ކަމެއްގެ ފެށުން ކަމަށް މި ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. އެ ކަމަކީ ކޮބައި ހެއްޔެވެ؟ މި ބަދަލުން ވާނީ ކޮން ކަމެއް ހެއްޔެވެ؟ މިކަމުން ފައިދާ ވާނީ ކޮން ބަޔަކަށް ހެއްޔެވެ؟ މިއީ ބޭންކުން އަލަށް ކުރިކަމެއް ހެއްޔެވެ؟
ކްރިއޭޓިވް ކޮންޓެންޓާއި ތަކެތި އުފައްދައިގެން އެ ދުނިޔެއަށް ވިއްކައިގެން ފައިސާ ހޯދުމަކީ ދުނިޔޭގައި ކުރާ ކަމެވެ. ދުނިޔޭގައި މިފަދަ ވިޔަފާރިތައް ކުރާ މުއްސަނދި ހިޔާލުގެ މިހުންގެ "ފިކުރު ވިއްކައި" ގެން އާމްދަނި ހޯދައިދޭނެ ގިނަ ސައިޓްތަކެއް އެބަހުއްޓެވެ. އެކަމަކު ރާއްޖޭގައި މިކަން ފަށަން ހުރި ދަތިތަކާއެކު އެހާ އާއްމު ކަމަށް ނުވި ނަމަވެސް ކޮންމެވެސް ވަރަށް ދިވެހި ޒުވާނުން މިކަމުގައި ހަރަކާތްތެރިވެ އެވެ. މިއަަދާ ހަމައަށް މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މިގޮތަށް ވިއްކާ ތަކެތީގެ އަގަށްވާ ބޭރު ފައިސާ ރާއްޖޭގެ އެކައުންޓަށް ޖަމާކޮށް އެ ނެގޭނެ ގޮތެއް ނެތުމެވެ. އެކަމަކު ބޭންކުން އިއްޔެ ގެނައި ބަދަލާއެކު މި ކަމަށް ހުރި ހުރަސްތައް ވަނީ ކުޑަވެފަ އެވެ.
މި ބަދަލާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެފައިވާ ގޮތުގައިު މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާ އަށް ބަރޯސާވާންޖެހޭއިރު، އެ ފަރަތްތަކަށް ގެނައި މުހިންމު ބަދަލެކެވެ.
"ހަމަ އެހެންމެ މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް،" ކާލް ސްޓުމްކަ ވިދާޅުވެފައިވެ އެވެ. މި ބަދަލާއެކު ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މިފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް މިހާރު ހަމަޖެހޭނެ އެވެ.
ފްރީލާންސްކޮށް މަސައްކަތް ކުރާ މީހުންނާއި ޒުވާނުނަަށް މި ބަދަލު ގެނެސް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި ބަދަލާއެކު ރާއްޖެ ދަތުރު ކުރަން ފަށާފައި މިވަނީ ޕޭޕާލް ހިދުމަތް ތައާރަފު ކުރުމާ ދިމާލަށެވެ. ސަރުކާރުން ވަނީ މިކަމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގައި ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ބުނެފަ އެވެ. އެކަން ކުރިއަށް ގެންދަން ބޭނުންވާ ފިޔަވަޅުތައް އަަޅަން ކެބިނެޓުން ވަނީ ނިންމާފަ އެވެ. ހިދުމަތް ތައާރަފް ކުރަން ސީދާ އެމެރިކާގެ ސަރުކާރާއެކު މަޝްވަރާކުރަން ވަނީ ނިންމާފަ އެވެ. އެހެންވެ މި ކަމަކީ ކުރިއަށް އޮތްތަނުގައި އަންނާނެ ފަހި އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ. އެކަމަކު މިއީ ޕޭޕަސް ހިދުމަތް ލިބުމެއް ނޫނެވެ. އެކަމަށް ރާއްޖޭން ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
ބޭންކުން ގެނައި މި ބަދަލާއެކު ހުޅުވިގެން މިދިޔައީ ކިހާވަރެއްގެ ދޮރެއް ހެއްޔެވެ؟ ދުނިޔޭގައި ފްރީލާންސްކޮށް މަސައްކަތް ކޮށްގެން ފައިސާ ހޯދޭނެ އެތައް ވެބްސައިޓްތަކެއް އެބަހުއްޓެވެ. މިސާލަކަށް ބަލާނަމަ ޕްރިންޓިފައި- ޕްރިންޓް އޮން ޑިމާންޑްއަކީ މީގެ ސައިޓެކެވެ. މި ސައިޓަކީ ބޮލުގަ އަޅާ ހޫޑީއާއި އިސްޓާކީން އަދި ޓީޝާޓް ފަދަ ތަކެތި ޑިޒައިންކޮށް ވިއްކުމުގައި މެދުވެރިއެއްގެ ބައި އަދާކުރާ ސައިޓެވެ. މި ސައިޓަށް އެކަނި ބެލިނަމަވެސް މިއި ރާއްޖޭގައި ތިބި ޒުވާނުންނަށް ތިބެގެން ބޭރުން ޑޮލަރު ރާއްޖެ ގެނެވޭނެ ފުރުސަތުތަކެވެ.
ޕްރިންޓިފައި- ޕްރިންޓް އޮން ޑިމާންޑަށް އެކަނި ބަލާނަމަ ދުވާލަކު 30 އަކަށް ޑޮލަރަށް އެންމެ ޓީޝާނެއް ވިއްކާލައިގެން މަހެއްގެ މައްޗަށް 700 ޑޮލަރުގެ އާމްދަނީއެއް ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ. މި ކަމަކީ އުފައްދާ އެއްޗެއް ޑިޒައިން ކުރުން ނޫން އިތުރު ކަމެއް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. އެ ޑިޒައިންކޮށް މި ސައިޓަށް ލުމުން އޮޓަމެޓިކުން ސެލަރުންނަށް އެ ފެންނަ ގޮތްވެ އެވެ. އަދި ދުނިޔޭގެ ކޮންމެ ގައުމަކުން ޑިޒައިން ކުރި އެއްޗެއް ގަތް ނަމަވެސް އެ ސައިޓުން ނަގާ ކޮމިޝަން ކެނޑުމަށްފަހު ޑިޒައިން ކުރި މީހާ އަށް ފައިސާ ޖަމާވާނެ އެވެ.
މިި ދާއިރާ އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރެއް ވިދާޅުވި ގޮތުގައި ބޭންކުން މި ބަދަލު ގެނައުމުގެ ކުރީގައި މިފަދަ ތަކެތި ދުނިޔޭގައި ވިއްކުނު ނަމަވެސް ޑޮލަރު އަތަށް ނެގޭނެ ގޮތެއް ނޯވެ އެވެ.
"އެހެންވެ އެގޮތަށް ލިބޭ އާމްދަނީން ބޭނުމެއް ނުކުރެވޭ. އޭގެން ކޮންމެ ވެސް އެއްޗެއް ބޭރުން ގަނެގެން. އެ ވިއްކާލުން ކަހަލަ ކަމެއް ކުރަން ޖެހެނީ. އެކަމަކު މިހާރު ބޭންކުގެ ކާޑަށް ޖަމާކޮށް ފައިސާ ނެގޭނެ. އެ ބޭނުން ކުރެވޭނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
މީގެ އިތުރުން މި ފުރުސަތު ވެގެންދާނީ ފޮޓޯގްރަފަރުންނާއި ވީޑިއޯ ހަދާ މީހުންނަށް ވެސް ފައިސާ ހޯދަން ހުޅުވިގެން ދާނެ އާ މަގަކަށެވެ.
ރާއްޖޭގައި މޮޅެތި ފޮޓޯގްރަފަރުން އެބަތިބި. އެމީހުން ނަގާ ފޮޓޯ ބޭރަށް ވިއްކައިގެން އާމްދަނީ ވެސް ހޯދޭނެ އެވެ. އެކަމަކު މިހާތަނަށް އެ ފައިސާ ގެނެސް ނެގޭނެ ގޮތެއް ނެތެވެ. އެކަމަކު މިފަހަރުގެ ބަދަލާއެކު މިފަދަ މަސައްކަތް ކުރާ ފަރާތްތަކަށް އެ މަގުވެސް ހުޅުވިގެންދާނެ އެވެ.
މި ދާއިރާގައި މަސައްކަތް ކުރަން ނުކުންނަން ބޭނުންވެފައި ތިބި އެތައް ޒުވާނުންނަކަށް މި ހުޅުވިގެން ދާ ފުރުސަތާއެކު އިތުރު ގިނަ ކަންތައް ތަކެއް ފުރިހަމަ ވާން ވެސް އަދި ޖެހެ އެވެ. މީގެތޭގައި މި މުއާމަލާތް ކުރެވޭނީ ކޮން ޕްލެޓްފޯމްތަކަކުންކަން ސާފުވާން އެބަޖެހެ އެވެ. މިކަމުގެ ތެރޭގައި ތިބި އެތައް ބަޔަކަށް މިހާރު ޔަގީން ނުވެގެން އުޅެނީ މިކަން ކުރެވެނީ ކޮން ސައިޓުތަކުންކަމެވެ.
ޓިކްޓޮން އާއި ޔޫޓިއުބް ފަދަ ޕްލެޓްފޯމް ތަކަކީ ވެސް ޒުވާނުންނަށް ބޭރު ފައިސާ ހޯދޭނެ މަގުތަކެކެވެ. ރާއްޖޭގެ ޓިކްޓޮކްގައި ވެސް ރަނގަޅު ފޮލޯވާސް އާބާދީއެއް ތިބި އެތައް ބަޔަކު ތިބިއިރު އެމީހުންނަށް މިހާރު ބޭރުން އާމްދަނީ ހޯދުމަށް ފުރުސަތެއް ނެތެވެ. ޓިކްޓޮކްފަދަ ވަސީލަތް ބޭނުންކޮށްގެން އާމްދަނީ ހޯދޭނަމަ މިކަމުގައި އެތައް ޒުވާނުންނެއް ދެމި ތިބޭނެ އެވެ. އޭރުން ޓިކްޓޮކުން ފެންނާނީ މިހާރު ފެންނަ ޒާތުގެ ޒުވާބުތަކާއި ތާކުންތާކު ނުޖެހޭ މަންޒަރުތަކެއް ނޫނެވެ. އުފެއްދުންތެރި ހިޔާލުތަކާއެކު އުފައްދާފައިވާ މޮޅެތި އެތައް އުފެއްދުމެއް ފެންނާނެ އެވެ. މި ދާއިރާގައި މަސައްކަތް ކުރާ ޒުވާނުން މިހާރު ބޭނުންވަނީ އެ ޖަވާބެވެ. އެކަމަކު އެ ޖަވާބާ ހަމަ އަށް ދިއުމުގެ ކުރިން ވެސް ބޭންކުން އެޅި މި ފިޔަވަޅާއެކު ކުރިއަށް އޮތްތަނަށް އުންމީދު ތަކެއް މިވަނީ އާވެފަ އެވެ.
އޮޅުން ފިލުވައިދެއްވި ކަމަށްޓަކައި ފަށްފަށުން ޝުކުރު އަދާކުރަން