ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއް ނެތް، ފައިސާ ހޯދާނެ ޕްލޭނެއް ނެތް: ރައީސް ސޯލިހް

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު އިގްތިސޯދީ ސިޔާސަތެއް ނެތް ކަމަށެވެ. ޓެކްސް ފައިސާ އިތުރުވަނީ ވޭތުވެދިޔަ އަހަރު އެމަނިކުފާނުގެ ސަރުކާރުން ގެނައި މުހިންމު ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސަރުކާރުގެ އިގްތިސޯދީ ސިޔާސަތެއް ނެތް ކަމަށް ވަނީ ވިދާޅުވެފައި --

މި ސަރުކާރުގައި އެއްވެސް އިގްތިސޯދީ ސިޔާސަތެއް ނެތް ކަމަށާއި، ހާރިޖީ ސިޔާސަތުތައް ގެންގުޅޭ ގޮތުގެ ސަބަބުން އެންމެ ގިނައިން ރާއްޖެއަށް ފައިސާ ވަންނަ ޓޫރިޒަމް ސެކްޓަރަށް މިއަހަރުގެ ފުރަތަމަ ތިން މަހު އެތައް މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންތަކެއްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ރޭ ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ބޭތުވެ ދިޔަ ތިން އަހަރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުސް އައި އިންޑިއާއިން އައި ޓޫރިސްޓުން އިންތިހާޔަށް މަދުވެފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަލާއިރު، މިއަހަރުގެ ތިން މަހު 58 މިލިއަން ޑޮލަރުގެ ގެއްލުން އެ ސެކްޓަރަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 53 ހާސް އެތައް ޓޫރިސްޓުންނެއް [އިންޑިއާ އިން] ރާއްޖެ އައި. އެހެންނަމަވެސް މިއަހަރުގެ މި ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 33 ހާހަށް މަދުވެފަ. 20 ހާސް އެއްސަތޭކައަށްވުރެ ގިނަ ޓޫރިސްޓުން މަދުވެއްޖެ. މީގެ އިގްތިސޯދީ ގެއްލުން މުޅި ގައުމަށް އެބަ ކުރޭ. ހަމައެކަނި ސީދާ ޓޫރިޒަމް ސެކްޓާއަށް ބަލާލިކަމުގަ ވިޔަސް 58 މިލިއަން ޑޮލަރުގެ ގެއްލުން މި ތިން މަހު ވެއްޖެ. އަދި ޓޫރިޒަމް މިނިސްޓްރީއާ ގުޅިފަ ހުރި އެހެން ސެކްޓާތައް އެއްކޮށްލީމަ ގާތްގަނޑަކަށް 68 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިވަގުތު އިގްތިސޯދީ ސިޔާސަތެއް ނެތް ކަމަށެވެ. ޓެކްސް ފައިސާ އިތުރުވަނީ ވޭތުވެދިޔަ އަހަރު އެމަނިކުފާނުގެ ސަރުކާރުން ގެނައި މުހިންމު ބަދަލުތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން ރައްޔިތުން ނުވިސްނާ ތިއްބައި ރާއްޖެ އިގްތިސޯދީ ގޮތުން ހީނުކުރާ ހާލަތަކަށް ވެއްޓިދާނެ ކަމުގެ ބިރުވެރިކަން އެބަ އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކަން ކުރައްވަމުން އެ ގެންދަވަނީ ދައުލަތުގެ ވެރިން ކަން ކުރަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން، ފައިސާ އާއި ޕްލޭނެއް ނެތި މަޝްރޫއުތައް ފަށާއި، އަދި ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ހުއްޓާލުން ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި، އެހެން ސަރުކާރުތަކުން ފަށާފައި ހުންނަ މަޝްރޫއުތައް ހުއްޓާލުމަކީ ސަރުކާރުންތަކުން ކުރާ ކަމެއް ނޫން ކަމަށެވެ. އަދި، އެމަނިކިފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އޭގެ ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނިންމަވައިދެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، 2018 ވަނަ އަހަރު ވެސް ރާއްޖޭގެ އިގްތިސޯދު އޮތީ މާ ރަގަޅަށް ނޫން ކަމަށް ރައީސް ސޯލިހު އިތުރަށް ވިދާޅުވި އެވެ.

"ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަޖެޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު އަޅުގަނޑުމެން ހޯދިން. ޕްރޮޖެކްޓް ފައިނޭންސްގެ ގޮތުގައި 800 މިލިއަން ޑޮލަރު އަޅުގަނޑުމެން ކަށަވަރު ކުރިން. އަދި ފޮރިން ރިޒާވްގަ ހުރި ދަތިތައް ހައްލުކުރުމަށްޓަކާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ބޭނުން ގަޑިއެއްގަ ބޭނުންކުރެވޭނެ ގޮތަކަށް އަޅުގަނޑުމެން ހޯދިން،" އޭރު ކަން ކުރެއްވި ގޮތް އެމަނިކުފާނު ވިދާޅުވެދެއްވި އެވެ.

ކުރީ ސަރުކާރުން މަޝްރޫއުތައް ފެއްޓެވީ އެހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. ގުޅިފަޅު މަޝްރޫއު މިހާރު ވެސް ހުއްޓުމެއް ނެތި ކުރިއަށް އެދަނީ އެހެންވެގެން ކަން ފާހަގަކުރެއްވި އެވެ. އެފަދަ ޕްލޭނަކާ އެއްގޮތަށް މި ސަރުކާރުން ހިއްކަން ފަށާފައިވާ ފުށިދިއްގަރު މަޝްރޫއު ފެއްޓެވިނަމަ މަސައްކަތް ހުއްޓާލަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.