ސޯލިހްގެ ވެރިކަމުގައި މިނިވަންކަން އޮތީ ގެއްލިފައި، ގައުމު ހިންގީ ބޭރު ސަފީރެއް: ރައީސް

"މިވޭތުވެދިޔަ ދައުރުގެ ފަސް އަހަރުގައި އަޅުގަނޑުމެންގެ ގައުމު ފެނުނީ ރަސްމީކޮށް ލިޔެކިޔުމުގައި ސިޔާސީ މިނިވަންކަން އޮތް ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް އަމަލީ ގޮތުން މިނިވަންކަން ގެއްލިފައި އޮތް ގައުމެއްގެ ގޮތުގައި،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހްގެ ވެރިކަމުގައި ރާއްޖެ އޮތީ އަމަލީ ގޮތުން މިނިވަންކަން ގެއްލިފައި އޮތް ގައުމެއްގެ ގޮތުގައި ކަމަށާ ހަގީގީ މިނިވަން ގައުމަށް ރާއްޖެ ހެދުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.

އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓް ގައި ވާދަކުރާ މުހައްމަދު ޝާހިދު (ޝާޑް) ގެ ކެމްޕެއިން ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސޯލިހްގެ ފަސް އަހަރު ހުރިހާ ގޮތަކުން ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށެވެ.

ރާއްޖެ އަޅުވެތިވެފައިވާ މިންވަރު ސިފަކުރެެއްވުމަށް މިސާލެއްގެ ގޮތުގައި ރައީސް ވިދާޅުވީ ރާއްޖޭގައި ހުންނަ ބޭރު ގައުމެއްގެ ސަފީރަކު އެންގުވުމުން / ހުއްދަ ދެއްވުމުން ނޫނީ ދިވެއްސަކު ޓްރެއިނިންއަކަށް ވެސް ނުފޮނުވޭ މިންވަރަށް ކަންކަން ގޮސްފައި އޮތް ކަމަށެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާ ދިވެހި އިގްތިސާދު އޮތީ ދަރަނިވެރި ކަމުން އަރައިނުގަނެވޭ ފަދަ ހާލަތަކަށް ވައްޓާލާފައި ކަމަށެވެ.

ދިވެހީންގެ އެއްވެސް އަމިއްލަވަންތަކެއް ނެތްއިރު ދިވެއްސަކު ބަލިވެގެން އެއްތަނުން އަނެއް ތަނަކަށް އުފުލަން ޖެހެނީ ވެސް އެހެން ބަޔަކަށް އާދޭސްކޮށްގެން ކަމަށެވެ. އިންތިހާއަށް ފައިސާ ޗާޕުކޮށް ދިވެހި ފައިސާގެ އަގު ވައްޓާލި ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ އެކޮޅަށް ހިނގި 40 އަހަރު ޗާޕުކޮށްފައި ވަނީ ހަ ބިލިއަން ރުފިޔާ ކަމަށާ ނަމަވެސް ސޯލިހްގެ ވެރިކަމުގައި ފަސް އަހަރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށެވެ.

"މިވޭތުވެދިޔަ ދައުރުގެ ފަސް އަހަރުގައި އަޅުގަނޑުމެންގެ ގައުމު ފެނުނީ ރަސްމީކޮށް ލިޔެކިޔުމުގައި ސިޔާސީ މިނިވަންކަން އޮތް ގައުމެއްގެ ގޮތުގައި އޮތް ނަމަވެސް އަމަލީ ގޮތުން މިނިވަންކަން ގެއްލިފައި އޮތް ގައުމެއްގެ ގޮތުގައި،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފައިސާ ޗާޕް ކުރުން ހުއްޓާލާ ފައިސާ ޗާޕުނުކޮށް ދަރަނި ދައްކަމުންދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން ބަގުރޫޓް ކޮށްލި ދިވެހި ކުދި ކުންފުނިތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ވެސް ދެމުންދާ ކަމަށެވެ.

"އެކަމަކު އެބައިމީހުން ދޮގު ހަދަން ވެގެން މި ދައްކަނީ ތިމަންނާމެން ފެށި މަޝްރޫއުތައް އަޅުގަނޑުމެން ހުއްޓާލީއޭ. އެބޭފުޅުން އެކި ކުންފުނިތަކަށް ފައިސާ ނުދީ ހުރީމަ ހުއްޓިފައި ހުރި މަޝްރޫއުތައް އަޅުގަނޑުމެން މި ފަށަނީ. އުޑާ ބިމާހާ ހަގީގަތް ތަފާތު ނޫންތޯ،"

ރައީސް ވިދާޅުވީ "ދިވެހީންގެރާއްޖެ" އަށް ފެށި ދަތުރު އަދި ނުނިމޭ ކަމަށެވެ. އެ ދަތުރުގެ އެންމެ ބޮޑު އަމާޒަކީ އަމިއްލަވަންތަ ގައުމެއް ބިނާކުރުން ކަމަށާ އެ މަސައްކަތް މަޖިލީސްތެރެއަށް ވެސް ގެންދަން ޖެހޭ ކަމަށެވެ. އެހެން ކަމުން މަޖިލީސް އިންތިހާބު ގައި ރަނގަޅު ނިންމުން ނިންމަން ޖެހޭ ކަމަށެވެ.

ސަރުކާރަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭން އޮތް ބާރަކީ މަޖިލީސް ކަމަށާ އަދި އެންމެ ބޮޑު ހުރަހެއް ކުރިމަަތި ކުރެވެން އޮތީ ވެސް މަޖިލީހަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ސަބަބު އެގޮތުގައި އޮތުމުން  "ޣާފިލު" ނުވެ މި އިންތިހާބު ގައި ރަނގަޅު ނިންމުން ނިންމުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.