ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 13

ޒީމާގެ ދުލުން ނުކުތް ބަސްތަކުން ޝަރާގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. އަދި ދެލޯ ބޮޑު ކޮށްލެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަރާއަށް ބަލަން ހުރެވުނީ ޒީމާގެ މޫނަށެވެ.

- އެޕިސޯޑް 13 -

ނުބައި ފާޑަކަށް ހީނލައިގެން ޒީމާ ހުރީ ސީދާ ޝަރާގެ މޫނަށް ބަލަހައްޓައިގެންނެވެ. ޝަރާގެ ދެލޯ ކަރުނައިން ފުރި ބަރާ ވެއްޖެއެވެ. ޒީމާގެ ބަހުރުވަ އާއި ރާގުން ޒީމާ އެއްވެސް ގޮތަކަށް ޝަރާއާ ޤަބޫލު ނޫން ކަން އޭނާއަށް ޔަޤީންވިއެވެ.

ޝަރާގެ ދޫ ބަންދު ވިއެވެ. އިތުރަށް އެއްވެސް އެއްޗެއް އަހާނެ ހިތްވަރެއް، ކެރުންތެރިކަމެއް ޝަރާ އަކަށް ނުލިބުނެވެ.

"ކިހިނެއްވެފަ ތީނީ؟" ތަނުގެ ހިމޭންކަން ގެއްލިގެން ދިޔައީ ޒީމާގެ ސުވާލާއެެކުގައެވެ.

ޒީމާގެ ސުވާލަށް ދޭނެ ޖަވާބެއް ޝަރާގެ އަތުގައެއް ނެތެވެ. ޝަރާ މުޅިން ބަސް ހުސްވެއްޖެއެވެ. ޝަރާ އުއްމީދު ނުކުރާ ފަދަ ކަމެއް އޭނާގެ ޙަޔާތާ ކުރިމަތިލާން ޖެހުނީއެވެ. މައިދައިތައާ ދެކޮޅަށް ކުރެވޭ ކައިވެނިތައް ފަސޭހައެއް ނުވާނެއެެވެ. މިއީ ޝަރާގެ މުޅި ދިރިއުޅުމަށް ނެގި ބިޔަ ބޮޑު ރާޅަކަށް ވާނެއެވެ. ޝަރާއަށް ހޭވެރިކަންވީ މަޑުމަޑުން ޝަރާގެ އަތުގައި ޒީމާ ހިފާލުމުންނެވެ.

"އަހަރެން މިއަދު މިތަނަށް މިއައީ ވަރަށް ބޮޑު ކަމަކު. ޝަރާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަށް އެދި.. ބައެއް ފަހަރު ނިކަމެތިން ގާތަށް ވެސް އެހީއަށް އަންނަން ޖެހޭ.. އެއީ އެމީހުންނަކީ ފޭރޭ ބަޔަކަށް ވާތީ.. އެމީހުންއަކީ ތަނަވަސްކަމަށްޓަކާ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއް.. އެކަން ޝަރާ ވެސް ތި ސާބިތު ކުރީ.. އަހަރެންގެ ދަރިފުޅުގެ ޙަޔާތަށް އައިސް، މި ޢާއިލާގެ މުދާވެރިކަމަށް ދަހިވެތިކަން އަރައިގެން ތިއުޅެނީ.." ޒީމާގެ އަޑުގައި ވަނީ ނުރުހުން ކަމެވެ. ޒީމާގެ ވާހަކައިން ޝަރާއަށް ވަރަށް އަސަރުކޮށްފިއެވެ.

"ނޫން.. ތީ ކުށްހީއެއް.. އަހަރެން މީ އެކަހަލަ ކުއްޖެއް ނޫން.. އަހަރެންގެ ތިހަކަލަ އެއްވެސް ޚިޔާލެއް ނެތް.. އަހަރެން ޤަބޫލުކޮށްގެން ހުރީ މިއީ އަޔާގެ ފެމިލީއިން ވެސް ބޭނުން ވެގެން ކުރެވޭ ކައިވެންޏެއް ކަމަށް.." ޝަރާ އިސްޖަހާލިއެވެ.

"ހެހެ.. ބަލަ މަންޖެ ތިހުރީ ހަމައިގަ ތަ؟ އަހަރެމެންމީ މޮޔައިންނޭ ތަ ތިބުނީ؟ ހަމައިގަ ހުރެ މިކަހަލަ ތަނަވަސް ޢާއިލާއަކުން، ތިކަހަލަ މުދާވެރިކަމަށް ދަހިވެތި ފަޤީރަކަށް ޤަބޫލު ވާނެތަ؟ ނުވާނެ! އަޔާޒްގެ ބައްޕަ ވެސް މިކައިވެންޏަށް ޤަބޫލެއް ނޫން.. އަހަރެން ވެސް.. އަދި އަޔާޒްގެ ކޮއްކޮ ވެސް.. އަޔާޒް އަކީ ފެންނަ އަންހެނަކާ ވަގުތީ ފައިދާއަށް ގާތްވާ މީހެއް.. އެހެން އައި މީހެއް ތީވެސް.. އަޔާޒް އަކަށް ލޯބި އެއީ ކޯއްޗެއް ކަމެއް ނޭނގޭނެ.." ޒީމާގެ ކޮންމެ ބަހަކުން ޝަރާގެ ހިތާއި މޭ ފަޅައިގެންދާ ކަހަލައެވެ.

"އަހަރެން މި މަސައްކަތް ކުރަނީ ޝަރާއަށް ވެސް ރަނގަޅަކަށް.. ޝަރާ ބޭނުންތަ ޝަރާގެ ދިރިއުޅުން ހަލާކު ވާން؟ ރޭގަ ވެސް އަހަރެން އަޑު އެހިން އަޔާޒް އޭނާގެ ބެސްޓް ފްރެންޑަށް ގުޅައިގެން ދެއްކި ވާހަކަ.. ބޭނުންތަ އެނގެން؟" ޒީމާ އެހި ސުވާލަށް އެއްވެސް އެއްޗެއް ނުބުނެ، އިސްޖެހި ގޮތަށް ޝަރާ ހުއްޓެވެ.

"އަޔާޒް ފޯނުން ގުޅައިގެން ބުނީ، ޝަރާ ދެކެ ލޯތްބެއް ނުވެއޭ.. ޝަރާއާ މެރީ ކުރިޔަސް މީ މަހެއް ދެމަހެއްގެ ކަމެކޭ.." ޒީމާގެ ވާހަކަތައް އަޑުއަހަން ޝަރާ ހުރީ ރޯލަރޯލައެވެ.

"ދެން ގޮސް އެހެން މީހެއްގެ ބޯކާލައިގެން މުދާވެރިކަން ހޯދާ.. އަޔާޒް ބަހައްޓާ.. އޭނާގެ ޒުވާން ދުވަސްތައް އެގޮތުގައި މަޖާ ކޮށްލަން.." ވަގުތުކޮޅަކު ޒީމާ މަޑުކޮށްލީ ޝަރާއަށް ބަލަން ހުންނާށެވެ. ޝަރާގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކުން ޒީމާއަށް އުފާވެރިކަން ލިބެމުން ދިޔައެވެ. ޒީމާގެ ވާހަކަ ޝަރާ ޤަބޫލު ކޮށްފި ކަމަށް ދެކިގެން ޒީމާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ޒީމާ ކޮޓަރިން ނުކުތުމާއެކު، ޝަރާގެ ބަޑި ހަމަ ރަނގަޅަށް ވެސް ފަޅައިގެން ދިޔައެެވެ. ހިތްފުރޭ ވަރަށް ރޯލަން ޝަރާ ބޭނުން ވިއެވެ. ޝަރާ ދެރަވީ އަޔާޒްގެ ޙަޤީޤަތް އޭނާގެ މަންމަ އޮޅުވާލުމުންނެވެ. ޝަރާ ދެކެ އިންތިހާއަށް އަޔާޒްގެ މަންމަ ރުޅި އަންނަކަން އެނގުމުންނެވެ. އަޔާޒްއޭ ކިޔައިގެން ދެއްކިހާ ހަޑި ވާހަކަތަކުންނެވެ.

އެއީ ޝަރާ އެއްވެސް ވަރަކަށް، އަޔާޒްއޭ ކިޔައިގެން އެއްވެސް މީހެއް ދައްކަން ބޭނުން ވާނެ ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެފަދަ ވާހަކަތަކެއް އަޔާޒްގެ މަންމަގެ ދުލުން ނުކުތުން ވެގެން ދިޔައީ ޙަޤީޤަތުގައި ވެސް ޝަރާއަށް ލިބުން ބޮޑު ހިތްދަތިކަމަކަށެވެ. ޝަރާ ދެކެ އަންނަ ރުޅީގައި އަމިއްލަ ދަރިއާ ބެހޭ ގޮތުން އެފަދަ ހަޑި ހުތުރު ވާހަކަތަކެއް ދައްކަން ހެޔޮނުވާނެއެވެ.

ޒީމާ ދެއްކި އެއްވެސް ވާހަކައެއް ޝަރާ ޤަބޫލެއް ނުކުރެއެވެ. ޤަބޫލު ކުރަން ބޭނުން ނުވީއެވެ. އެއީ ކަނޑައެޅިގެން ދޮގުކަން ޝަރާއަށް އެނގޭތީއެވެ. އަޔާޒް ދެކެ ޝަރާވީ ލޯތްބަކީ މީހަކު ބުނެލާ އެއްޗަކުން ބަދަލު ވާނެ ވަރަށް ވުރެ، މާ ވަރުގަދަ ލޯތްބެކެވެ. މާ މަތިވެރި، ސާފު ތާހިރު ލޯތްބެކެވެ.

***

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ޒީމާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހިިތްހަމަޖެހުމެވެ.

"ޒީމާ.. ކޮބާ އަޔާޒް؟" ސިޓިންގރޫމްގައި އިން ޒީމާ ބަލައިލީ ކޮޓަރިން ނުކުތް ޔޫސުފްގެ މޫނަށެވެ. ޔޫސުފްއަށް ބަލައިލަމުން ޒީމާ ހިނިތުންވެލިއެވެ.

"ރޭގަ ފަތިހު އަޔާޒް ބޭރަށް ދިޔަ.. ބުނީ ޝަރާ ގުޅައިގެންއޯ.. އޭގެ ފަހުން އަދި ގެއަކަށް ނާދޭ.." ޒީމާ ވާހަކަދެއްކީ ވަރަށް ހަމަޖެހިގެން ހުރެގެންނެވެ.

"އެހެންތަ؟ އަނެއްކާ ކިހިނެއްވީބާ ދޯ؟" ޔޫސުފް އައިސް އިށީންނީ ސޯފާގައެވެ. ޒީމާގެ ދާދި ގާތުގައެވެ. އެއްވެސް އެއްޗެއް ނުބުނެ، ޒީމާ ހިނިތުންވެލައިގެން އިނެވެ. ރޭގަ ފަތިހު އަޔާޒް ގެއިން ނުކުމެގެން ޝަރާ ގާތަށް ދިޔައީ، ޝަރާ ރުޅި އައިސްގެން ކަމަށް ޒީމާ ނިންމިއެވެ. އެއީ ޒީމާ ދެއްކި ވާހަކަތަކުން ކަމަށް ބަލައިގެން ޒީމާ އިނީ އެކަމާ އުފާކޮށްގެންނެވެ. ޒީމާ އިންތިޒާރު ކޮށްގެން އިނީ އަޔާޒް ގެއަށް އަންނާނެ ވަގުތަކަށެވެ. އަދި އަންނަ ގޮތަށް ޝަރާއާ އޮތް ގުޅުން ނިމުން ޚަބަރު ދޭނެ ވަގުތަކަށެވެ. އެކަމުގެ އިންތިޒާރުގައި އިންދާ، ކުއްލިއަކަށް ގޭތެރެއަށް ވަދެގެން އައީ އަޔާޒް އެވެ.

"މަންމާ.. ބައްޕާ.." އަޔާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް އުފާވެރިކަމެވެ. ޒީމާ އާއި ޔޫސުފް އެއްކޮށް ކޮޅަށް ތެދުވިއެވެ.

"ކިހިނެއްވީ ދަރިފުޅާ؟ ހާދަ ނުގަޑިއެއްގަ ތި ދިޔައީ؟ އަނެއްކާ ޝަރާއަށް ކަމެއް ވީތަ؟" ޔޫސުފް އަހައިލީ ހާސްވެފައިވާ ރާގެއްގައެވެ.

"ނޫން ބައްޕާ! ޝަރާ ބޭނުންވީ އިރުއަރާތަން ބަލާލަން ދާން.. އެހެން ވެގެން.. ޝަރާ ބުނެފި މިއަދު އޭނާގެ ބޮޑުދައިތަ ވެސް މާލެ އަންނާނެ ވާހަކަ.. މި ބަލަނީ މިއަދު ރަން ކިޔަން.. ޝަރާ އަހަންނަށް ވަރަށް ރަނގަޅު.. ހަމަ ޖަވާހިރެއް އެއީ މަންމާ ބައްޕާ.." ޒީމާ އާއި ޔޫސުފަށް ބަލައިލަމުން އަޔާޒް ބުނެލިއެވެ.

ޒީމާގެ މޫނުމައްޗަށް ހީވީ "ކުނި ބިހެއް" ތަޅައިގެން ދިޔަހެންނެވެ. އޭނާގެ މުޅި މޫނުމަތި އަނދިރިވިއެވެ. ރުޅިވެރިކަން އިންތިހާއަށް އެ މޫނުމަތިން ފެނިގެން ދިޔައެވެ. ޒިމާގެ މޫނުމައްޗަށް އެރި ކުލަވަރު ކިތަންމެހާ ވެސް ރަނގަޅަށް ޔޫސުފަށް ފެނިގެން ދިޔައެވެ. އަޔާޒް އެހެން ބުނެފައި ވަނީ އޭނާގެ ކޮޓަރިއަށެވެ. (ނުނިމޭ)

ކޮމެންޓް

2
450
ކިޔުންތެރިޔާ
1 month ago

ޒެލް ހާދަ ލަހޭ ވާހަކަ އަޕް ވާލެއް.. ވާހަކަ ހަނދާން ނެތޭ އިރުވެސް އަނެއް ޕާޱް އަޕް ނުވޭ

ނަންފުޅު
1 month ago

ހާދަ ނުބައި މީހެކޭ މި ޒީމާ އަކީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.