މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 50 ކޮޓަރީގެ ހޮޓާ އަޅާނެ ބަޔަކު ހޯދަނީ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ވީއައިއޭ ނަގާފަ އެންމެ ގިނަ ޓްރެފިކް މޫވްމެންޓާއި އެންމެ ގިނަ މީހުން އައިސް ގޮސްވާ އެއް އެއާޕޯޓެވެ.

އައިލެންޑް އޭވިއޭޝަނުން މާފަރު އެއާޕޯޓުގައި ހޮޓާ އަޅަން ކަނޑައަޅާފައިވާ ސަރަހައްދު

މާލެ ނަގާފައި އެންމެ ގިނައިން ދަތުރުތައް ބާއްވާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި 50 ކޮޓަރީގެ ހޮޓެލް އަޅާނެ ބަޔަކު ހޯދަން ފަށައިފި އެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ބުނި ގޮތުގައި މާފަރު އެއާޕޯޓުގެ ހުޅަނގު ފަރާތު ބީޗް ސައިޑަށްވާ ގޮތަށް އޮތް 4،000 އަކަފޫޓުގެ ބިމެއްގައި ހޮޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ބޭނުންވެ އެވެ. މި މަސައްކަތްތައް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން ވެސް ކުރިމަތިލެވެ އެވެ. 

މި މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަހު އެވެ. 

މި އެއާޕޯޓުގެ ތަފާސް ހިސާބުތަކެއް

  •  2020 ވަނަ އަހަރު | ޓްރެފިކް މޫވްމެންޓް - 229 | އައި މީހުން - 1231 | ފުރި މީހުން - 768
  •  2021 ވަނަ އަހަރު | ޓްރެފިކް މޫވްމެންޓް - 595 | އައި މީހުން - 2412 | ފުރި މީހުން - 1852
  •  2022 ވަނަ އަހަރު | ޓްރެފިކް މޫވްމެންޓް - 457 | އައި މީހުން - 1571 | ފުރި މީހުން - 1493
  •  2023 ވަނަ އަހަރު | ޓްރެފިކް މޫވްމެންޓް - 706 | އައި މީހުން - 1934 | ފުރި މީހުން - 2082

މި އެއާޕޯޓު އޮންނަ ސަރަހައްދަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓޫރިސްޓުން އަންނަ ރިސޯޓުތައް އޮންނަ ސަރަހައްދެވެ. އެހެންވެ މި އެއާޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް ޖައްސަ އެވެ. އެކަމަކު މި އެއާޕޯޓުގައި ފުރިހަމަ ވަސީލަތް ގާއިމް ނުކުރެވޭތީ ޝެޑިއުލް ފްލައިޓުތައް ފެށިފައެއް ނެތެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައިވެސް މި އެއާޕޯޓް ބޮޑު ކުރުމުގެ ވާހަކަތަކެއް ދެއްކި އެވެ. އެކަމަކު އެކަމެއް ނުވި އެވެ. 

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ފުރަަތަމަ ތަރައްގީ ކުރިއިރުވެސް މި އެއާޕޯޓުގައި ސިޓީ ހޮޓަލެއް އަޅަން އުޅުނެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރެވިފައެއް ނެތެވެ. 

މާފަރު އެއާޕޯޓް - މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެމްއައިއޭ އަކީ އަބޫދާބީ ފަންޑުން ހިލޭ އެހީގައި ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީ ކުރި އެއާޕޯޓެކެވެ. މި އެއާޕޯޓް ހަދާފައި ވަނީ މި ސަރަހައްދުގެ ރިސޯޓެއް ގަތް އަބޫދާބީގެ ޝާހީ އާއިލާގެ ބޭފުޅެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގަ އެވެ. އޭރު އޮތީ ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންގޮސްގެން މި އެއާޕޯޓް އިތުރަށް ބޮޑު ކުރާ ގޮތަށެވެ. މިދިޔަ ސަރުކާރުން ވަނީ މި އެއާޕޯޓުގެ އެކްސްޕެންޝަން މަސައްކަތް ސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެމްޓީސީސީއަށް ހަވާލުކޮށްފަ އެވެ. އެ ކުންފުންޏަށް 27.1 މިލިއަން ޑޮލަރަށް ހަވާލުކުރި މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރަށް މިހާރު ހަދާފައިވާ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑު ކުރާނެ އެވެ. ނަމަވެސް އެކަމެއް ނުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@minoos.mv
Marketing
Phone: 7399333
Email: marketing@minoos.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.