ޣައްޒާގައި ނިދުމަކީ ކަށްވަޅުގައި ސަންދޯކުގައި އޮތުންފަދަ ކަމެއް

ޖޭމްސް އެލްޑަރ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ "ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް" ކަމަށް ވެސް ސިފަކުރެއްވިއެވެ.

ފަލަސްތީނުގެ ކުޑަކުއްޖަކު، ވީރާނާކޮށްލާފައިވާ އޭނާގެ ގެ ހިމެނޭ ސަރަހައްދުގައި: އިޒްރޭލުގެ ހަމަލަތަކުގެ އެންމެ ބޮޑު އަމާޒަކީ ކުޑަކުދީން

ޣައްޒާއަށް ދެމުންދާ އިސްރާއީލުގެ ނިރުބަވެރި ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން އެ ބިން އެއްވެސް އަމާންކަމެއް ނެތް ބިރުވެރި ނާމާން ސަހަރަކަށް ވެއްޖެއެވެ. އދ، ގެ ސަލާމަތީ މަޖިލީހުން އެންމެފަހުން ފާސްކުރި ޤަރާރުގައި ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް އިސްރާއިލަށް އަމުރު ކޮށްފައި ވިޔަސް އިސްރާއީލުން މި ޤަރާރަށް އިޖާބަ ނުދޭނޭކަމަށް ދަނީ ބުނަމުންނެވެ.

އެމެރިކާއިން އެއީ ޢަމަލުކުރުން ލާޒިމު ޤަރާރެއް ނޫންކަމަށް ބުނުމުން އިސްރާއީލަށް ލިބުނު ހިތްވަރު ވަނީ އިތުރުވެފައެވެ. ޣައްޒާގެ ކުޑަކުޑަ ރަށެއް ކަމުގައިވާ ރަފަޙު ސަހަރަށް އެރުމުގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ. ދޮޅު މިލިއަނެއްހާ މީހުން ތޮއްޖެހިފައިވާ މި ސަހަރުގައި ތިބި ފަލަސްޠީނު މީހުންކޮޅުގެ ނަސްލުހޭދުކުރުމުގެ ހަޑިހުތުރު ޢަމަލުތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ކޮންމެ ދުވަހަކު ފަލަސްޠީނުގެ ކޮންމެވެސް ޢާއިލާއެއްގެ ބޯހިޔާވަހިކަމަށް ބޮންއަޅައި އެތަންތަން ހަލާކުކޮށް އެތައް ބަޔަކު ދަނީ ޝަހީދުކުރަމުންނެވެ.

މި ގޮތަށް ހިނގަމުންދާ ޢަމަލުތައް ސިފަކުރައްވައި ކުޑަކުދިންނާބެހޭ އދ. ގެ ޖަމްޢިއްޔާ (ޔުނިސެފު) ގެ ރަސްމީ ތަރްޖަމާނު ޖޭމްސް އެލްޑަރ ސިފަކުރައްވާ ގޮތުގައި ޣައްޒާގައި ނިދުމަކީ ކަށްވަޅުގައި ސަންދޯކުގައި އޮތުންފަދަކަމެކެވެ. އޭނާ ދެކުނު ޣައްޒާގައި ހަނގުރާމަހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ރަފަޙަށް ރޭގަނޑު ހަމަލާދެމުންދަނީ ފަލަސްޠީނު މީހުން ނިދަން އެދުގައި އޮށުވެގެން ތިއްބައެވެ." 

އދ. ގެ މި މަސްއޫލުވެރިޔާ މިހުގެ 28 ވީ ބުރާސްފަތިދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވިއެވެ: "ޣައްޒާގެ ޙާލަތަކީ ކަށްވަޅުގައި ސަންދޯކުގައި ނިދަން އޮތުންފަދަ ޙާލަތެކެވެ." 

އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއްނެތި ޙަމަލާތައް ދެމުންދާތާ ހަ މަސް ވަނީއެވެ. މި ޙަމަލާތަކުގެ ސަބަބުން 12 ހާސް ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ސަލާމަތީ މަޖިލީހުން ހަނގުރާމަ ވަގުތުން ހުއްޓައިލުމަށް ގޮވައިލުމުން ލިބުނު ފޮނި އުންމީދުކޮޅު މިހާރު ވަނީ އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ވަޔަށް އަރައިގެން ގޮސްފައެވެ. އޭނާ ވިދާޅުވިއެވެ: "ޣައްޒާގެ ކުޑަކުދިން މި ބިރުވެރި ހުވަފެން ނިމުމަކަށް ގެނައުމަށް ޓަކައި މަރުވުމަށް ވެސް އުންމީދުކުރެއެވެ."

މިދިޔަ ހޯމަދުވަހު ސަލާމަތީ މަޖިލީހުގެ 14 މެންބަރުންގެ ތަނަވަސް އަޣްލަބިއްޔަތުން ފާސްކުރި ޤަރާރުގައި ވަގުތުން ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައިފައި ވެއެވެ. އެމެރިކާއިން ވަކި އަތަކަށް ވޯޓު ނުދީ ހަނުހުރުމުން މި ޤަރާރު ފާސްވީ އެންމެންގެ ޙައިރާން ކަމާއެކުގަ އެވެ. މިހާރު އެމެރިކާ ބުނާގޮތުގައި އެއީ އިސްރާއީލަށް ޢަމަލު ކުރުން ލާޒިމު ޤަރާރެއް ނޫނެވެ. ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ޣައްޒާއަށް ވާޞިލު ވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް މި ޤަރާރު ގޮވައިލައެވެ. އަދި ޣައްޒާގެ ހަސްފަތާލުތަކަށް ބޭނުންވާ ބޭހާއި ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތަކާއި ވަސީލަތްތައް ތަނަވަސްކޮށް ދިނުމަށް ވެސް މި ޤަރާރު ގޮވައިލައެވެ.

ޖޭމްސް އެލްޑަރ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ "ކުޑަކުދިންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް" ކަމަށް ވެސް ސިފަކުރެއްވިއެވެ.

އޭނާ ނޫސްވެރިންނަށް ކަށަވަރުކޮށްދެއްވިގޮތުގައި ޣައްޒާއަކި "ކުޑަކުދިންނަށް އެކަށީގެންވާ ވެށްޓެއްނޫނެވެ."

7 އޮކްޓޯބަރުގައި އިސްރާއިލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން އެލްޑަރ ވަނީ ޣައްޒާއަށް ދެ ފަހަރު ޒިޔާރަތް ކުރައްވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި" ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގައި އެންމެ ބޮޑަށް ގެއްލުން ލިބެމުންދަނީ ކުޑަކުދިންނަށެވެ. އެކުދީންގެ މަދުރަސާތައް ވަނީ ބިމާހަމަވެފައެވެ. އެކުދިންގެ ހަސްފަތާލުތައް ވަނީ ގޮއްވައިލައިފައެވެ. އެ ކުދިންގެ ބޯހިޔާވަހިތައްވަނީ ބިމުން އުފުރައިލައިފައެވެ.

އޭނާ ހާމަކުރެއްވިގޮތުގައި ދުނިޔޭގައި ހިނގައިފައިވާ ހަނގުރާމަތަކުގައި ކުޑަކުދިންނަށް ގެއްލުން ލިބިފައިވަނީ އެވްރެޖު ގޮތެއްގައި 20 % އަށެވެ. އެހެނަސް ޣައްޒާ ހަނގުރާމައިގައި ކުޑަކުދިންނަށް ލިބެމުންދާ ގެއްލުންތައް ވަނީ 40 % ށް މައްޗަށް ގޮސްފައެވެ. އޭނާ ވިދާޅުވިގޮތުގައި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ކުޑަކުދިން ވަނީ ނަފްސާނީ އެތައް ފިއްތުންތަކަކަށް ހާސާވެފައެވެ.މި ކަމަށް އޮތް ފަރުވާއަކީ ހަނގުރާމަ ހުއްޓުމެވެ.

ފަލަސްޠީނުގެ ޞީއްޙީ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން ހަސްފަތާލުތަކަށާއި ޞިއްޙީ މަރްކަޒުތަކަށް ޙަމަލާދެމުން ދަނީ ގަސްތުގައެވެ. މި ހަސްފަތާލުތަކުގެ ތެރެއަށް އިސްރާއީލު ސިފައިން ވަދެ ޑަކްޓަރުންނާއި ނަރުހުންނާއި ޞިއްޙި ޚިދްމަތްތެރިންނާއި އެހީދާރުން ދަނީ ހައްޔަރު ކުރަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.