ދެ ނައިބުންނާ ލީޑާޝިޕް ނުކުމެ ޔާމީނަށް ރައްދު ދީފި

ޔާމީން ވިދާޅުވީ ޕީޕީއެމަށް ދިރުމެއް ދޭން ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން (ކ) ޣައްސާން މައުމޫން (މ) އަހްމަދު ޝިޔާމް (ވ): ޔާމީނަށް ރައްދު ދެއްވި

ޕީޕީއެމަށް ދިރުމެއް ދޭން ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ބޭނުންވެވަޑައި ނުގަންނަވާ ކަމަށާ ޕީޕީއެމްގައި މިވަގުތު އިސްކޮށް ތިއްބެވި ދެ ނާއިބު ރައީސުން ޕާޓީ ހިންގަވަން މަސައްކަތް ނުކުރައްވާ ކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވުމުން އެ ބޭފުޅުން ޔާމީނަށް ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.

ޕީއެންއެފް ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިހާރު ގެންދަވަނީ ޕީޕީއެމް ހުއްޓިފައި އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގައި މިވަގުތު އިސްކޮށް ތިއްބެވި ދެ ނާއިބު ރައީސުން ޕާޓީ ހިންގަވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެއީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

އަދި ވިދާޅުވީ ޕީޕީއެމަށް ދިރުމެއް ދޭން ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

ޔާމީނަށް ރައްދު ދެއްވަމުން އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މިނިސްޓަރު ޣައްސާން ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު އިންތިހާބަށް ނިކުމެވަޑައިގެންނެވީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނަށް އެންގެވި ފޯމިއުލާގެ ތެރެއިން ކަމަށާ އެއީ ކޯލިޝަންގެ ލީޑަރާއި ސެނެޓާއި އިންތިހާބު ކޮށްފައިވާ ދެ ޕާޓީގެ ހުރިހާ ގުނަވަނަކާއި އާންމު މެންބަރުންގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

"މިއަދު ވެސް ހާލަތު އޮތީ ހަމަ އެހެން. ޕީޕީއެމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެ މަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ވަރުބަލި ކަމެއް ހަރަކާތްތެރިވަމުން،"

ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ސަފުތަކަށް ހީނަރުކަމެއް ނާންނާނެ ކަމަށާ ނުވެސް އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ވިސްނުމެއް ދެ ޕާޓީގެ ލީޑާޝިޕް ގައި ނެތް ކަމަށެވެ.

ޕީޕީއެމްގެ އަނެއް ނާއިބު ރައީސް / ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ‏ޕީޕީއެމަށް ހެޔޮއެދިވަޑައިގަންނަވާ ބޭފުޅުން ހަގީގަތާ ހިލާފު ވާހަކަދައްކަވާ ރައްޔިތުންގެ ނަފުރަތު މި ސަރުކާރަށް އަމާޒު ކުރުވަން މަސައްކަތެއް ނުކުރައްވާނެ އެވެ. އަދި އެފަދަ ބޭފުޅުން ތިއްބަވާނީ ވެސް ޕީޕީއެމް ގައި ކަމަަށް ވިދާޅުވި އެވެ.

"ރައީސް މުއިއްޒުގެ މި ސަރުކާރުގެ ކާމިޔާބީ އަކީ ޕީޕީއެމްގެ ދިރުމާ ކާމިޔާބު،" ރައީސަށް ތައުރީފު ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ނާއިބު ރައީސް / އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މިނިސްޓަރު އާދަމް ޝަރީފް ވެސް ވަނީ ރައީސް ޔާމީންގެ އެ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ. ސައީދު ވިދާޅުވި ގޮތުގައި ޕީޕީއެމް / ޕީއެންސީގެ ރައީސްގެ ގޮތުގައި ރައީސް މުއިއްޒު ގެންދަވަނީ ހުއްޓުމެއް ނެތި އެތައް ކުރިއެރުމެއް ހޯދަމުން ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމް / ޕީއެންސީ އަކީ އެކައްޗެއް ކަމަށާ މަސައްކަތް ކުރަނީ ބަދަހިކަމާއެކު ރަސްމީކޮށް ހަދާފައިވާ ކޯލިޝަންގެ ގޮތުގައެވެ. 

"މި ކޯލިޝަނުން ރަށު ކައުންސިލް އިންތިހާބުގައި އެންމެން ވާދަކުރީ ޕީޕީއެމް ކެންޑިޑޭޓުންގެ ނަމުގައި. މި ފަހަރު މަޖިލީސް އިންތިހާބުގައި ވާދަކުރަނީ ޕީއެންސީގެ ކެންޑިޑޭޓުންގެ ނަމުގައި. ދެ ޕާޓީއަށް ވެސް ހަމަޖެހުމަށް ފުރުސަތު،"

ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި ގޮތުގައި ޕީޕީއެމްއެމް ގައި ނުވާ މީހަކަށް އެ ޕާޓީގެ ނުވަތަ ކޯލިޝަން މިހާރު އޮޕަރޭޓް ވާގޮތެއް ނޭނގޭނެ އެވެ. އެ ދެ ޕާޓީގެ ލީޑަރަކީ ރައީސް މުއިއްޒުކަން ފާހަގަ ކުރައްވާ ވިދާޅުވީ‬⁩ ދެ ޕާޓީ ހިންގަވަނީ އެއްވެސް ފަނޑުވުމެއް ނާންނާނޭ ގޮތައް ކަމަށެވެ.

އަދި މިހާރުވެސް އެއީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކަމަށާ ސިޔާސަތައް ބަދަލެއް ނާންނަ ކަމަަށް ވިދާޅުވި އެވެ.

"އިސްކުރަނީ ދީނާއި ގައުމިއްޔަތު. ބިނާކުރަނީ ގައުމު. އުފާފާގަތިކަން ހޯދައިދެނީ ރައްޔިތުންނަށް. އައި ހަމައެކަނި ބަދަލަކީ ކޯލިޝަންގެ ލީޑަރު ކަމަށް އައި ބަދަލު. ލީޑަރަކަށް މިހާރު ހުންނެވީ ޕީއެންސީގެ ރައީސް،" ޝުޖާއު ވިދާޅުވި އެވެ.

ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން

ޔާމީންގެ ވާހަކަފުޅަށް ފުރަތަމަ ރައްދު ދެއްވީ ޕީއެންސީގެ ޗެއާޕާސަން / ސަރުކާރުގެ ސީނީއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ހިނގަމުން ދަނީ ވަރަަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ދެ ޕާޓީގެ ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ. މުއިއްޒުގެ ދުވެލީގައި ދެ ޕާޓީއާ ގައުމު ދާނީ ވެސް ކުރިއަށް ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް،" ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީނަކީ ޕީޕީއެމްގެ ކުރީގެ ރައީސެވެ. އެ ޕާޓީން ކުއްލި ގޮތަކަށް ވަކިވެވަޑައިގެންނެވުމާއި ހަމައަށް އެެމަނިކުފާނު ހުންނެވީ ޕީޕީއެމް / ޕީއެެންސީ ކޯލިޝަންގެ ލީޑަރުގެ ގޮތުގައެވެ.

ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕީޕީއެމާއި ޕީއެންސީގައި ރައީސް ޔާމީނަށް އޮތް ދައުރު އަދާ ކުރެއްވުން ވަގުތީ ގޮތުން އެމަނިކުފާނު ހަވާލުކުރެއްވީ އަބްދުއްރަހީމަށެވެ.

32،000 ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމްގެ އެއްވެސް ހަރަކާތެއް މި ފަހުން ބާއްވާފައެއް ނުވެ އެވެ. ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ގައި އެންމެ ކެންޑިޑޭޓެއް ވެސް ނުނެރެ އެވެ.
އޭގެ ބަދަލުގައި ޕީޕީއެމް / ޕީއެެންސީ ކޯލިޝަނުން ނެރޭ 89 ކެންޑިޑޭޓުން ވެސް ނިސްބަތް ވަނީ ޕީއެންސީ އަށެވެ. ޕީއެންސީގެ ރައީސަކީ ރައީސް މުއިއްޒެވެ. ޗެއާޕާސަން އަކީ އަބްދުއްރަހީމް އަބްދުﷲ އެވެ. ކުރީން 3،000 މެންބަރުންގެ ދަފްތަރެއް އޮތް ޕީއެެންސީ ބޮޑުކޮށް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން ކޮންގްރެސް ޕާޓީ ގައި 28،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީ އަކީ އެންމެ އަވަހަށް ދަފްތަރަށް އެހާ ގިނަ މެންބަރުން އިތުރު ކުރި ޕާޓީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.