ޔާމީނަށް ރައްދު؛ ޕީޕީއެމަށް ދިރުން ލިބޭނެ ގޮތް އެނގޭނީ ޕާޓީގެ ވެރީންނަށް

"ޕީޕީއެމަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް،" ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން (ކ) އަބްދުއްރަހީމްﷲ (މ) ރައީސް މުހަައްމަދު މުއިއްޒު (ވ)

ޕީޕީއެމަަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން / ސަރުކާރުގެ ސީނީއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްދު ދެއްވައިފި އެވެ. 

ޕީޕީއެމް ވަރުގަދަވެ ބިޔަ ޕާޓީއަކަށް ބަދަލުވީ ރައީސް ޔާމީންގެ ޒައާމަތު ގައެވެ. ނަމަވެސް އެމަނިކުފާނު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ނަމަވެސް ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ޕީޕީއެމް ހުއްޓިފައި އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގައި މިވަގުތު އިސްކޮށް ތިއްބެވި ދެ ނާއިބު ރައީސުން ޕާޓީ ހިންގަވަން މަސައްކަތް ނުކުރައްވާ ކަމަށެވެ. އެއީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެވެ.

އަދި ވިދާޅުވީ ޕީޕީއެމަށް ދިރުމެއް ދޭން ރައީސުލްޖުމްހޫރިއްޔާ / ޕީއެންސީގެ ރައީސް ޑރ. މުއިއްޒު ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ހިނގަމުން ދަނީ ވަރަަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ދެ ޕާޓީގެ ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ. މުއިއްޒުގެ ދުވެލީގައި ދެ ޕާޓީއާ ގައުމު ދާނީ ވެސް ކުރިއަށް ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑާޝިޕަށް،" ޔާމީނަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް / ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން

ޔާމީނަކީ ޕީޕީއެމްގެ ކުރީގެ ރައީސެވެ. އެ ޕާޓީން ކުއްލި ގޮތަކަށް ވަކިވެވަޑައިގެންނެވުމާއި ހަމައަށް އެެމަނިކުފާނު ހުންނެވީ ޕީޕީއެމް / ޕީއެެންސީ ކޯލިޝަންގެ ލީޑަރުގެ ގޮތުގައެވެ.

ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ޕީޕީއެމާއި ޕީއެންސީގައި ރައީސް ޔާމީނަށް އޮތް ދައުރު އަދާ ކުރެއްވުން ވަގުތީ ގޮތުން އެމަނިކުފާނު ހަވާލުކުރެއްވީ އަބްދުއްރަހީމަށެވެ.

ޕީޕީއެމްގެ މިހާރުގެ ހާލަތު -- 32،000 ވުރެ ގިނަ މެންބަރުން ހިމެނޭ ޕީޕީއެމްގެ އެއްވެސް ހަރަކާތެއް މި ފަހުން ބާއްވާފައެއް ނުވެ އެވެ. ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް އެ ޕާޓީގެ ޓިކެޓް ގައި އެންމެ ކެންޑިޑޭޓެއް ވެސް ނުނެރެ އެވެ.

އޭގެ ބަދަލުގައި ޕީޕީއެމް / ޕީއެެންސީ ކޯލިޝަނުން ނެރޭ 89 ކެންޑިޑޭޓުން ވެސް ނިސްބަތް ވަނީ ޕީއެންސީ އަށެވެ. ޕީއެންސީގެ ރައީސަކީ ރައީސް މުއިއްޒެވެ. ޗެއާޕާސަން އަކީ އަބްދުއްރަހީމް އަބްދުﷲ އެވެ. ކުރީން 3،000 މެންބަރުންގެ ދަފްތަރެއް އޮތް ޕީއެެންސީ ބޮޑުކޮށް ވަރުގަދަ ކުރުމަށް ރައީސް މުއިއްޒު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން ކޮންގްރެސް ޕާޓީ ގައި 28،000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީ އަކީ އެންމެ އަވަހަށް ދަފްތަރަށް އެހާ ގިނަ މެންބަރުން އިތުރު ކުރި ޕާޓީ އެވެ.

އެ ޕާޓީއާ ގުޅުނު ގިނަ މެންބަރުންނަކީ ކުރީން ޕީޕީއެެމްގެ މެންބަރުންނެވެ. ކޮންގްރެސް ޕާޓީގެ ލީޑާޝިޕްގެ އަމާޒަކީ އެންމެ މެންބަރުން ގިނަ ޕާޓީގެ މަގާމު ހޯދުމެވެ. އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ ޑިސެންބަރު މަހު ތެރޭ އެ ޕާޓީގެ މެންބަރުންގެ އަދަދު 40،000 ވުރެ އިތުރު ވެއްޖެ ކަމަށް އިއުލާނު ވެސް ކުރައްވާފައެވެ.

ބެލެވޭ ގޮތުން ޕީއެންސީގެ ނަންބަރު އުފުލޭ ވަރަކަށް ޕީޕީއެމްގެ މެންބަރުންގެ އަދަދު ދާނީ ދަށަށެވެ. ސަރުކާރު ގައި ވެސް މައި ހިއްސާ އޮތީ ޕީއެންސީ އަށެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޕީއެންސީގެ ޓިކެޓް ގައެވެ. އެހެން ކަމުން ސަރުކާރު ހިންގާ މައި ޕާޓީގެ ގޮތުގައި އޮތީ ޕީއެންސީ އެވެ. އެއާއެކު ސަރުކާރު ކޯލިޝަންގެ ނަން މިހާރު ބޭނުން ކުރަނީ ޕީއެންސީ / ޕީޕީއެމް ކޯލިޝަންގެ ގޮތުގައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.