ސަލާމަތީ މަޖިލީހުގެ މެންބަރުކަމާބެހޭ ހަނގުރާމަ

ދާރިސުން ވިދާޅުވާގޮތުގައި ސަލާމަތީ މަޖިލިސް ސަލާމަތްކުރުމަށް ޓަކައި އެންމެ ރަނގަޅު ފިޔަވަޅަކަށް ވަނީ ވީޓޯ ބާރު އުވައިލުމެވެ.

އދ. ގެ ސަލާމާތީ މަޖިލިސް: މިހާރު އިސްލާހަށް ބޭނުންވެފައިވާ މަޖިލީހެއް ކަމަށް ދުނިޔެ ދެކޭ

ބައިނަލްއަޤްވާމީ ސަލާމަތީ މަޖިލިސް ޤާއިމުކުރެވިފައި ވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު އދ. ގެ އާންމު ޖަމްޢިއްޔާއާ އެކުގައެވެ. މި މަޖިލިސް އެކުލެވިގެންވަނީ އދ. ގެ މެންބަރުންގެ ތެރެއިން 15 މެންބަރުންގެ މައްޗަށެވެ. 10 މެންބަރުންނަކީ ދައުރު ބަދަލުވާ ގޮތަށް ޢައްޔަން ކުރެވޭ ގައުމުތަކެކެވެ. އަނެއް 5 ގައުމަކީ އެ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންނެވެ. ދާއިމީ މި ފަސް މެންބަރުންނަށް ވީޓޯ ކުރުމުގެ ބާރު ލިބިފައި ވެއެވެ. އެއިން ގައުމަކުން ބޭނުން ނުވާކަމެއް މި (ސަލާމަތީ) މަޖިލީހުން ފާހެއް ނުކުރެވޭނެއެވެ.

އދ. މަޖިލިސް ޤާއިމުކުރެވުނީ އެތައް އަހަރެއްގެ މަސައްކަތުންނެވެ. އެކަމަށް ޓަކައި އެތައް މަހާސިންތާތަކެއް ބޭއްވުނެވެ. 1942 ގައި "އދ. އިޢުލާންކުރީ" 26 ދައުލަތެއް ބައިވެރިވެގެންނެވެ. މުހިއްމު ގައުމުތަކަކީ އެމެރިކާއާއި ޗައިނާއާއި އިނގިރޭސިވިލާތާއި ސޮވިއެޓް ޔުނިއަނެވެ. މި ގައުމުތަކާއެކު މި މަޖިލީހުގައި 21 ގައުމަކުން ބައިވެރިވިއެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ގައުމުތަކަކީ ފަރަންސޭސިވިލާތާއި ބްރެޒީލާއި މެކްސިކޯއާއި ތުރްކީއާއި އީރާނެވެ. ޢަރަބި ގައުމުތަކުގެ ތެރެއިން ސޮއިކުރި ގައުމުތަކަކީ މިޞްރާއި ސުޢޫދީ ޢަރަބިއްޔާއާއި ޢިރާޤާއި ސޫރިޔާއާއި ލުބްނާނެވެ.

އެއަށްފަހު 1943 ގެ އޮކްޓޯބަރުމަހާއި ނޮވެންބަރު މަހުގައި މޮސްކޯގައި ބައްދަލުވުންތަކެއް ބޭއްވުނެވެ. މި ބައްދަލުވުންތަކުގައި އެންމެ ބޮޑު 4 ގައުމު ބައިވެރިވި އެވެ. އެއީ ސުލްޙަމަސަލަސްކަމަށް ލޯބިކުރާ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ދެމެހެއްޓުމުގެ މަތީގައި ބައިނަލްއަޤްވާމީ މި ޖަމްޢިއްޔާ ޤާއިމު ކުރުމާ ބެހޭގޮތުން މަޝްވަރާތައް ކުރުމަށް ޓަކައެވެ. މި އަހަރުގެ ފަހުކޮޅުގައި ޠަހަރާނުގައި ސޮވިއެޓް ޔުނިއަންގެ ސަފާރާގައި ސިންތާއެއް ބޭއްވުނެވެ. މި ސިންތާގައި އެމެރިކާގެ ޒަޢީމު ރޫޒްވެލްޓާއި ސޮވިއެޓް ޒަޢީމު ސްޓާލިނާއި އިނގިރޭސި ބޮޑުވަޒީރު ޗަރޗިލް ބައިވެރިވެވަޑައިގަތެވެ. މި ތިން ޒަޢީމުން މި އައު ޖަމްޢިއްޔާގެ އަސާސީ އުޞޫލުތައް ކަށަވަރު ކޮށްދެއްވިއެވެ. އެއަށްފަހު 1944 ގައި އެމެރިކާގައި މި ގައުމުތަކުގެ ތަޖްރިބާކާރުންގެ މެދުގައި މަޝްވަރާތައް ބޭއްވުނެވެ.

އެއަށްފަހު 1945 ގައި ކްރިމިޔާ ސަރަޙައްދުގެ ޔާލްޓާ ގައި ބައްދަލުވުމެއް ބެއްވުނެވެ. އެމެރިކާއާއި ސޮވިއެޓް ޔުނިއަނާ ދެމެދުގައި ހުރި ދެބަސްވުންތަކުން ވަރަށް ގިނަ މަސްއަލަތައް ޙައްލު ކުރެވުނެވެ. މި ދެބަސްވުންތަކުގެ ތެރޭގައި ފާހަގަކުރެވުނު އެއް ކަމަކީ ސޮވިއެޓް އިއްތިޙާދުގައި ހިމެނޭ 15 ސްޓޭޓަށް އދ ގެ މެންބަރުކަން ދިނުމަށް ސްޓާލިން އެދިވަޑައިގަތުމެވެ. އެހިނދު ރޫޒްވެލްޓް އެމެރިކާގެ އިއްތިޙާދުގައި އޭރު ހިމެނޭ 48 ސްޓޭޓަށް އދ ގެ މެންބަރުކަން ދޭންޖެހޭނެކަމަށް ވިދާޅުވިއެވެ. އެހިނދު ސްޓާލިން އޭނާގެ ހުށައެޅުއްވުން މޭޒުމަތިން ނެންގެވިއެވެ.

އދ ގެ ޗާޓަރާ ބެހޭގޮތުން މެންބަރު ގައުމުތަކުން އެއްބަސްވީ އެމެރިކާގެ ސޭން ފްރޭންސިސްކޯގައި 25 އެޕްރިލް 1945 ގައެވެ. މި ބައްދަލުވުން ބޭއްވުމުގެ ތަންކޮޅެއް ކުރިން ވަރަށް ކުއްލި ގޮތަކަށް ރައީސް ރޫޒްވެލްޓް އަވަހާރަވުމުން ވަރަށް ގިނަ ބަޔަކު ކަންބޮޑުވިއެވެ. އެންމެން ހީކުރީ މި މަޝްރޫޢު ފޭލް ވެގެންދާނެ ކަމަށެވެ. އެހެނަސް އެމެރިކާގެ ރައީސްކަމަށް އިސްވެވަޑައިގެންނެވި ހެރީ ޓްރޫމަން ކަނޑައެޅިފައިވާ ތާރީޚުގައި ބައްދަލުވުން ބޭއްވުމަށް ގޮވައިލެއްވިއެވެ.

ވަރަށް ބުރަ އަދި އުދަނގޫ ރާސްތާތަކެއްގައި ދަތުރުކު ރުމަށްފަހު އދ މަޖިލީހާއި ސަލާމަތީ މަޖިލިސް އުފަންވެއްޖެއެވެ. ސަލާމަތީ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 15 ކަމަށް ހަމަޖެއްސުނެވެ. އޭގެތެރޭގައި ދާއިމީ މެންބަރުން ތިބޭ ގޮތަށެވެ. އެއީ އެމެރިކާއާއި ސޮވިއެޓް ޔުނިއަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާއި ޗައިނާ އެވެ. މި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޮޑު ތިން ގައުމަކީ އެމެރިކާއާއި ސޮވިއެޓް ޔުނިއަނާއި އިނގިރޭސިވިލާތެވެ. ޖަރްމަނުން ފަރަންސޭސިވިލާތް ހިފައިފައި ވާތީ އދ ގެ ތައުސީސީ ބައްދަލުވުންތަކަށް ފަރަންސޭސިވިލާތަށް ދަޢުވަތެއް ނުދެވެއެވެ. މި ކަމުގެ ސަބަބުން ރައީސް ޑިގޯލްގެ ވެރިކަމުގައި އެމެރިކާ ފަރަންސޭސިގުޅުންތައް ވަރަށް ބޮޑަށް ނުތަނަވަސްވެގެން ދިޔައެވެ. ފަރަންސޭސިވިލާތް އެއްފަރާތަށް ލުމުގައި އެމެރިކާއިން ބޮޑު ދައުރެއް ކުލެފައިވާކަމަށް ރައީސް ޑިގޯލް ތުހްމަތު ކުރެއްވިއެވެ.

1945 ގެ ފަހުން ދުނިޔެއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 1991 ވަނަ އަހަރު ސޮވިއެޓް ޔުނިއަންވަނީ ރޫޅި ބައިބައިވެ ނެތިގެންގޮސްފައެވެ. ފިނިހަނގުރާމަ ވެސް ނިމިފައެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިސްތިޢުމާރީ ބާރުވަނީ ނެތިގެންގޮސްފައެވެ. ސޮވިއެޓް ޔުނިއަނުން ވަކިވެ މިނިވަންވި ގައުމުތައް ވެފައިވަނީ ތަފާތު ފިކްރުގެ ގައުމުތަކަކަށެވެ.
މި ދުވަސްވަރުގެ ތެރޭގައި ދުނިޔޭގައި އެތައް ގައުމުތަކެއް ވަނީ ބޮޑުވެ ވަރުގަދަވެފައެވެ. ޖަޕާނާއި ޖަރްމަނާއި އިންޑިޔާ އާއި ބްރެޒީލްފަދަ ބައެއް ގައުމުތައް ވަނީ އިޤްތިޞާދީ ބާރުތަކަކަކަށް ވެފައެވެ.

1949 ގައި އުފެދުނު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގައި ޗައިނާ ރައްޔިތުންގެ 98 % އާބާދީ އޮތް ކަމުގައި ވިޔަސް އެ ގައުމު ވަނީ އދ. ށް ވަނުމުން މަޙްރޫމުކޮށްފައެވެ. އެމެރިކާއާއި އެމެރިކާގެ ފަލަކުގައި އެނބުރޭ ގައުމުތަކުގެ ބާރުގައި ޗައިނާގެ އދ. ގެ ގޮނޑިއާއި ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑި ދީފައި ވަނީ ތައިވާނަށެވެ. އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އެ ބިންކޮޅުގައި ޤާއިމު ކޮށްފައިވާތީ އެވެ. ޗައިނާއަށް ލިބެންޖެހޭ ޙައްޤު ލިބުނީ 1971 ވަނަ އަހަރުގައެވެ. އެމެރިކާއަށް ވީޓޯ ނުކުރަން މަޖްބޫރު ވެގެންނެވެ. ޗައިނާގެ ބާރާއިއާރު ބަނދެފައި ބޭއްވޭވަރަށްވުރެ ވަރުގަދަވުމުންނެވެ.

1991 ގައި ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔުމުން ވެސް މިފަދަ ބޮޑު މަސްއަލައެއް ކުރިމަތިވިއެވެ. ރޫސީ އިއްތިޙާދަށް ސަލާމަތީ މަޖިލީހުގެ ގޮނޑި ދިނުމުގެ މަސްއަލައިގަ އެވެ. ސޮވިއެޓް ޔުނިއަންގެ އިއްތިޙާދުގައި 16 ގައުމު ހިމެނެ އެވެ. މި މަސްއަލައިގައި ވެސް އެމެރިކާއާއި ސަލާމަތީ މަޖިލީހުގެ ބޮޑެތި ބާރުތަކުގެ ތާއީދު ލިބުނީ މޮސްކޯއަށެވެ. އެއީ ބިމުގެ ގޮތުން އެންމެ ބޮޑު ގައުމެވެ. ނިޔުކްލިއަރ ބާރުގެ ގޮތުން އެންމެ ވަރުގަދަ ގައުމެވެ.

އެންމެ ބޮޑު މަސްއަލަ: ވީޓޯކުރުމުގެ ބާރު

އދ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހަކީ ސިޔާސީގޮތުން ބަލާއިރު އެންމެ ވަރުގަދަ އެންމެ ނުފޫޒުގަދަ މަޖިލީހެވެ. މި މަޖިލީހުގެ އެންމެ ބޮޑު މަސްއަލައަކީ ދާއިމީ ފަސް މެންބަރުންނަށް ލިބިފައިވާ ވީޓޯ ކުރުމުގެ ބާރެވެ. ބައިނަލްއަޤްވާމީ ބޮޑެތި މަސްއަލަތައް ޙައްލު ކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ މި ބާރެވެ. ސޮވިއެޓް ޔުނިއަނުން ފަހުން ރަޝިޔާއިން ވަނީ 121 ފަހަރު ވީޓޯ ކޮށްފަ އެވެ. އެމެރިކާއިން ވީޓޯކޮށްފައި ވަނީ 85 ފަހަރުއެވެ. އިނގިރޭސިވިލާތުން 29 ފަހަރު ޗައިނާއިން 17 ފަހަރު ފަރަންސޭސިވިލާތުން 16 ފަހަރު ވީޓޯ ކޮށްފައި ވެއެވެ.

މެދުއިރުމަތީގެ މަސްއަލަތަކުގައި އެމެރިކާއަކީ އިސްރާއިލު ޙިމާޔަތް ކުރުމަށް ޓަކައި އެންމެ ގިނައިން ވީޓޯ ކޮށްފައިވާ އަދި މިހާރުވެސް ވީޓޯ ކުރަމުންދާ ގައުމެވެ. މި މަހު ޖަޒާއިރުން ހުށައެޅި މަޝްރޫޢާ ދެކޮޅަށް އެމެރިކާއިން ވީޓޯ ކުރުމުގެ އިތުރަށް އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށް ގޮވައިލާ ޤަރާރުތަކަށް އެމެރިކާއިން ވަނީ 18 އޮކްޓޯބަރު 2023 އާއި 8 ޑިސެމްބަރު 2023 އާއި 20 ފެބްރުވަރީ 2024 ގައި ވީޓޯކޮށް އިސްރާއީލު ކުށްވެރި ކުރުމުން ސަލާމަތްކޮށްފައެވެ.

މިހާރުގެ ފަރުމާ ރަނގަޅެއް ނޫން

މިއަދު ދުނިޔެ ދެކޭ ގޮތުގައި ސަލާމަތީ މަޖިލީހުގެ މިއަދުގެ ފަރުމާއަށް ބަލާއިރު އެއީ މިއަދުގެ ޙާލަތާ ގުޅޭ ފަރުމާއަކަށް (ބައްޓަމަކަށް) ބަނދެފައިވާ އޮޑިއެއް ނޫނެވެ. 1.5 ބިލިއަން މީހުންގެ ބިޔަ އާބާދީއެއް ލިބިފައިވާ އިންޑިއާއި އިޤްތިޞާދީ މާރިދުން ކަމުގައިވާ ޖަޕާނާއި ޖަރްމަނާއި ބްރެޒިލް މި އޮޑިއަށް ނާރުވާ ދަތުރު ކުރެވޭނެ ހެއްޔެވެ؟ އެފްރިކާ ބައްރަށާއި އޮސްޓްރޭލިޔާއަށާއި ލެޓިން އެމެރިކާއަށާއި އިސްލާމީ ދުނިޔެއަށް ސަލާމަތީ މަޖިލީހުން ގޮނޑިއެއް ނުދީ ޔޫރަޕަށް ތިން ގޮނޑި ދިނުމަކީ ކޮން އިންސާފެއް ހެއްޔެވެ؟

ސަލާމަތީ މަޖިލީހުގެ ދާއިމީ ގޮނޑީގެ ޢަދަދު އިތުރު ކުރެވޭއިރު އިންޑިޔާއަށާއި ޖަރްމަނަށާއި ޖަޕާނަށާއި ބްރެޒީލަށް ގޮނޑި ދެވޭނެ ކަމަށް ލަފާކުރެވެއެވެ. އިންޑޮނޭޝިޔާއަކީ ސަޤާފީގޮތންނާއި އާބާދީގޮތުން ބަލާއިރު ބޮޑު ޤައުމެކެވެ. އެފްރިކާ ތަމްސީލުކުރެވެން ޖެހޭނެކަމަށް އެފްރިކާއިން ދަޢުވާކުރެއެވެ. މި ގޮނޑި ދެކުނު އެފްރިކާއަށް ދެވިދާނެ ކަމަށް ލިޔުންތެރިން ވިދާޅުވެއެވެ. އިޤްތިޞާދަށާއި ސަޤާފަތަށާއި ތާރީޚަށް ބަލާއިރު ޢަރަބިދުނިޔެއަށް ގޮނޑިއެއް ޙައްޤުވާކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. މެދުއިރުމަތީގެ މަސްއަލައާއި ހިޖްރަކުރުމުގެ މަސްއަލަތަކާއި ނިރުބަވެރިކަމާ ބެހޭ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި އަރަބިންގެ ބަހަކަށް ބޭނުންވާތީއެވެ.

ދާރިސުން ވިދާޅުވާގޮތުގައި ސަލާމަތީ މަޖިލިސް ސަލާމަތްކުރުމަށް ޓަކައި އެންމެ ރަނގަޅު ފިޔަވަޅަކަށް ވަނީ ވީޓޯ ބާރު އުވައިލުމެވެ. އެއްވެސް ގައުމަކަށް މި ބާރު ނުދިނުމެވެ. ސަލާމަތީ މަޖިލީހުގެ އަޣްލަބިއްޔަތުން ނުވަތަ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން މަޖިލީހުގެ ޤަރާރުތައް ފާސްކުރުމެވެ. ބައިނަލްއަޤްވާމީ މަޞްލަޙަތާއި ދުނިޔޭގެ ސުލްޙަމަސަލަސްކަން އެއްގަލަކަށް އެރުވޭނީ މި މޭރުމުން ސަލާމަތީ މަޖިލިސް އިސްލާޙުކޮށްގެންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.