އެމްޕީއެލް ސީ ޓު އެއާ ވިޔަފާރި | ޓާކިޝް އެއާލައިނުން ރާއްޖެ ޓްރާންސްޝިޕްމަންޓް ހަބަކަށް ހަދަނީ

ޓާކިޝް އެއާލައިންގެ ރީޖަނަލް ކާގޯ މެނޭޖަރު ވިދާޅުވީ ރާއްޖެއަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށެވެ. މިހާރު ކުރަނީ ލަންކާ މަގުންނެވެ. އެކަމަކު އެ އެއާލައިނަށް އޮތްބެއް ނޯވެ އެވެ.

އެމްޕީއެލްއާއެކު މި ވިޔަފާރީގެ ޕާޓްނަރުން ސޮކުރަން ބޭއްވި ރަސްމިއްޔާތު -- އެމްޕީއެލް

ކަނޑު މަގުން ރާއްޖެ އަންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ ބޮޑު ވިޔަފާރި އަށް ވަންނަން އެމްޕީއެލް ރޭ ވަނީ ޓާކިޝް އެއާލައިނާއި ގައުމީ ޝިޕިން ކުންފުނި އެމްއެސްއެސް އަދި އެމްއޭސީއެލްއާއެކު މުހިންމު ސޮޔެއް ކޮށްފަ އެވެ. 

މި ރަސްމިއްޔާތުން އެނގިގެން ދިޔަ އެންމެ މުހިންމު އެއް ކަމަކީ މި ވިޔަފާރި އަށް ރާއްޖޭގައި އޮތް ސްކޯމް -- ފުރުސަތެވެ. ކުރިއްސުރެ ވެސް އޮތް މި ހަގީގަތް ހާމަކުރީ ދުނިޔޭގެ އެންމެ ބޮޑު ކާގޯ އެއާލައިންއިންނެވެ.

މި ރަސްމިއްޔާތުގައި ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާއެކު ގުޅިގެން ރާއްޖެއަކީ ސީޓު އެއާ ކާގޯ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުމެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރު ވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓާ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ހިދުމަތަށް ރާއްޖެ ބޭނުންކުރަން،" ބިލާލް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެ މި ހިދުމަތުގެ ހަބަކަށް ހެދުން.

އެމްއޭސީއެލް އާއި ގައުމީ ބޯޓު ކުންފުންޏަކީ ބައިވެރިން

އެމްޕީއެލްއާއެކު މި ވިޔަފާރީގެ ޕާޓްނަރުން ސޮކުރަން ބޭއްވި ރަސްމިއްޔާތު -- އެމްޕީއެލް

މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއަށް ކޮންޓެއިނަރުގައި އަންނަ މުދާ ޓްރާންސިޓް ވިޔަފާރީގެ ގޮތުގައި ވައިގެ މަގުން ބޭރުކުރަން އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ވަހީޖު އިބްރާހިމް އެވެ. މި ވިޔަފާރި އެމްޕީއެލް އިން ފަށަނީ އެއާކާގޯގައި ދުނިޔޭގައި އެންމެ ވަރުގަދަ އެއާލައިން ކަމަށްވާ ޓާކިޝް އެއާލައިންއާއެކުގަ އެވެ. އަދި ޓާކިޝް އެއާލައިންސްގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިން އިން ރާއްޖޭގެ އެޖެންޓް އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރ އަލީ ތޯރިގެވެ. 

އެމްއޭސީއެލްގެ ތާރީހުގައި އަލަށް ފަށާ މި ވިޔަފާރީގެ ކެރިއާ ޕާޓްނަރުގެ ގޮތުގައި ސޮއިކުރީ އެމްއެމްއެސް އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ. މި ތަކެއްޗަކީ ވައިގެ މަގުން ފޮނުވާ އެއްޗަކަށްވުމާއެކު މި ވިޔަފާރި ފަށަން އެމްއޭސީއެލްއާއެކު ވެސް ސޮއިކޮށްފައިވެ އެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު މިހާދެވެ.  

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހް ވިދާޅުވީ މި ހިދުމަތަކީ އެ ކުންފުންޏާއި ރާއްޖޭގެ  އިގްތިސާދަށް ވެސް ފައިދާކުރާނެ ޚިދުމަތަކަށްވާނެ ކަމަށެވެ. 

"އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިޤްތިސާދަށް ވެސް ކުރިއެރުން ލިބޭ ޚިދުމަތެއް،" ވަޖީހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި އިގްތިސާދު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެ ކުންފުންޏަށް  ވަނީ މުހިންމު މަސައްކަތްތަކެއް ހަވާލުކޮށްފައިވާ ކަމަށާ އެ ކުންފުނިން މަސައްކަތް މި މަސައްކަތްކުރަނީ އެކަންތައްތައް ހާސިލްކުރުމަށް ކަމަށެވެ. 

100 ކޮންޓެއިނަރުގެ ޑިމާންޑެއް

ކުންފުނީގެ ސީއީއޯ ވަޖީހު ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ވަގުތު ވެސް 100 ކޮންޓެއިނަރުގެ މުދާ ރާއްޖޭން ވައިގެ މަގުން ޓްރާންޝިޓް ކުރަން އެދިފައި އެބައޮތެވެ. އެކަން އެމްޕީއެލް އަށް ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ބަލަމުންދާ ކަމަށެވެ. އަދި މި ވިޔަފާރީގެ ސަބަބުން އެމްޕީއެލްއަށް ބޭރު ފައިސާ ހޯދަން އިތުރު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.

ހުޅުވޭނެ އާ ވިޔަފާރިއެއް - ރާއްޖެ އަށް ޔޫރަޕުން ގިނަ ކަކެންޓިވިޓީ ތަކެއް އޮތްއިރު ރާއްޖެ އަންނަ ގިނަ އެއާލައިންތަކަކީ ކާގޯގެ ވިޔަފާރީގައި ވެސް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއާލައިން ތަކެވެ. ރާއްޖެ އަންނަ ބައެއް އެއާލައިން ތަކުން ހާއްސަކޮށް ކާގޯގެ ހިދުމަތައް ވަކިން ބޯޓު ބޭނުން ކުރެ އެވެ. މިފަދަ އެއް އެއާލައިންއަކީ ޓާކިޝް ކާގޯ އެވެ.

އެމްއޭސީއެލްއާއެކު ސޮއި ކުރަނީ -- އެމްޕީއެލް

ގެންދާނީ ކޮން މުދަލެއް ؟ މި ވިޔަފާރި ފަށާއިރު ރާއްޖޭގެ އެމްޕީއެލް ޕޯޓަށް އަންނަ ކޮންޓެއިނަރުގައި ހުންނަ މުދަލުން ވައިގެ މަގުން ޓާކިޝް އެއާލައިނުން އުފުލާނީ ޔޫރަޕަށް ގެންދާ މުދަލެވެ. އެކަން ކުރުމަށް ޓާކިޝް ކާގޯ އެއާލައިނެއްވެސް އަންނާނެ އެވެ. މި މުދަލުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަން ފަދަ ބޮޑެތި ފެކްޓްރީތައް ހުންނަ ގައުމުތަކުން އުފައްދާ ގިނަ މުދާ ހިމެނެ އެވެ. 

އެމްޕީއެލް އިން ވަނީ މި ވިޔަފާރި އަށް ނުކުތުމުގެ ގޮތުން ގިނަ މަަސައްކަތްތަކެއް ފުރިހަމަކޮށްފަ އެވެ. އެގޮތުން އެމްޕީއެލް ވަނީ "ސީ ޓު އެއާ އިންޓަނޭޝަނަލް ޗާޖް" ގެ ނަމުގައި ނަގާނެ އަގުތައްވެސް އިއުލާނުކޮށްފަ އެވެ. މި ވިޔަފާރީގެ 20 ފޫޓުގެ ކޮންޓެއިނަރަކަށް އެ ކުންފުނިން ނަގާނީ 654.13 ޑޮލަރެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 812.71 ޑޮލަރުގެ ފީއެކެވެ. އަދި އެ ކުންފުނިން ވަނީ މި އޮޕަރޭޝަން ކުރިއަށް ގެންދަން ކޮންޓެއިނާ ހުޅުލެ އަށް ގެންދާނެ ގޮތުގެ ޓްރައިލްއެއް ވެސް ހަދާފަ އެވެ. 

މި ވިޔަފާރި އަށް އެމްޕީއެލްއިން ނުކުންނަން ތައްޔާރުވާއިރު ކަސްޓަމަސްފަދަ ދައުލަތުގެ ބޮޑީތަކުން އެކަމަށް ހާއްސަ އުސޫލުތަކެއް ވެސް ވަރަށް އަވަހަށް ހާމަކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.