ހުކުމާއެކު ހަސަންގެ ނަން އުނިކޮށްފި، ހަސަންގެ ތާއީދު އެމްޑީޕީއަށް

ހުކުމާއެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހަސަންގެ ނަން އުނިކޮށް އަލުން އެ ދާއިރާގެ ކެންޑިޑޭޓުން ތަރުތީބުކޮށް ގެޒެޓް ކޮށްފައެވެ.

މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ހަސަން ޝިޔާމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީއާ ބާތިލު ކުރަން މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާގެ ނަން އުނިކޮށް އެ ދާއިރާގެ ކެންޑިޑޭޓުންގެ ނަންތައް އަލުން ތަރުތީބު ކޮށްފި އެވެ.

ވީބީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަސަން، މަޖިލީސް އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރަން ނިންމީ އަމިއްލަ ގޮތުންނެވެ. އޭނާގެ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށް އެދި މައްސަލަ ހުށައަޅާފައި ވަނީ ހެންވޭރު، ކްއީން އިލްޔާސް އަހްމަދެވެ. އޭނާ އަކީ މެދު ހެންވޭރު ދާާއިރާގެ މިހާރުގެ މެންބަރު އަލީ އާޒިމްގެ ކޮއްކޮ އެވެ.

މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަގާމަށް ކުރިމަތިނުލެވޭނެކަން ގާނޫނު އަސާސީން އެނގެން އޮންނަ ކަމަށެވެ.

އަދި އެ ދަރަންޏަކީ އޭނާގެ މައްޗަށް މައާފުކޮށްދީފައިވާ ދަރަންޏެއްކަން ވެސް އެނގެން ނެތް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

ހުކުމާއެކު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހަސަންގެ ނަން އުނިކޮށް އަލުން އެ ދާއިރާގެ ކެންޑިޑޭޓުން ތަރުތީބުކޮށް ގެޒެޓް ކޮށްފައެވެ.

ހަސަންގެ މައްޗަށް އޮތް ދަރަންޏަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ފަރާތުން ކްރިސްޓަލް ލެގޫން ރިޒޯޓްސްއަށް 2006 ވަނަ އަހަރު ދޫކޮށްފައިވާ 10 މިލިއަން ޑޮލަރުގެ ލޯނަކާއި 2008 ވަނަ އަހަރު ދޫކޮށްފައިވާ 64 މިިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލަ އެވެ. އޭނާގެ މައްޗަށް އޮތް ސާބިތު ދަރަންޏަކީ އޭނާ ހިމެނޭހެން 11 މީހަކު ޒިންމާވާ ގޮތަށް އޮތް ދަރަންޏެކެވެ.

ހަސަންގެ ކެނޑިޑެސީ ބާތިލުކޮށްފައިވާއިރު، މެދު ހެންވޭރު ދާއިރާއަށް އެންމެ ވަރުގަދަ ކެމްޕެއިނެއް މިހާރު ވެސް ހިނގަނީ ހަސަންގެ ކެމްޕެއިން ޓީމުންނެވެ. ހަސަން ފުރަތަމަ ނިންމީ ޕީޕީއެމް / ޕީއެންސީގެ ޓިކެޓް ގައި ވާދަ ކުރުމަށެވެ. ނަމަވެސް އެ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ނިންމާ ޕްރައިމަރީން ފުރުސަތު ނުދޭން ކަނޑައަޅާ ސިޓީ ފޮނުވި ބޭފުޅުންގެ ތެރޭގައި ހަސަން ހިމެނުމުން އޭނާ ވަނީ ޕީއެންސީން ވަކިވެ އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާފައެވެ. ޕްރައިމަރީ ފުރުސަތު ދޭން ފަހުން ނިންމުމުން ވެސް އެ ފުރުސަތު އޭނާ ގަބޫލެއް ނުކުރި އެވެ.

ހަސަން މިހާރު ވަނީ އޭނާގެ ތާއީދު އޮތީ އެމްޑީޕީގެ ކެންޑިޑޭޓަށް ކަން ހާމަކޮށްފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.