ރާއްޖެ އަށް ބޭނުންވާ ކާނާގެ ބާވަތް އުފައްދާނެ ވަސީލަތް ގާއިމު ކުރަން ސޮއިކޮށްފި

މި މަޝްރޫއު ފަރުމާކޮށްފައިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ކާނާގެ ބާވަތްތައް އުފެއްދޭނެ ވަސީލަތް ގާއިމް ކުރުމަށެވެ. މި ވަސީލަތް ގާއިމް ކުރަނީ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީންނެވެ.

އެސްޓީއޯއާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާ ދެމެދު އެމްއޯޔޫ ބަދަލު ކުރަނީ -- އެސްޓީއޯ

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީން ކުރުމުގެ ގޮތުން ބޭނުންވާ ކާނާގެ ބާވަތް އުފައްދާނެ ވަސީލަތް ގާއިމް ކުރަން އެގްރިކަލްޗަރު އިކޮނޮމިކް ޒޯނެއް ގާއިމްކުރަން ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރަން އެމްއޯޔޫގައި ސޮއިކުރީ އިގްތިސޯދު އެހެން ހަރުފަތަކަށް ގެންދަން ސަރުކާރުން އުފެއްދި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) އާ ދެމެދު އެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯ އެވެ.

މި އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެން ދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި އިގްތިސާދު ސިންދަފާތުކުރުމާއި އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމް ކުރަން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް ވަސީލަތް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގްރިކަލްޗަރު އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

މި މަޝްރޫއާއެކު ރާއްޖޭގެ ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް ތަރައްގީ ކުރާނެ އެވެ. އަދި އެގްރިކަލްޗަރަލް ޓަލެންޓް ޓްރެއިނިން ބޭސްއެއް ހެދުމުގެ އިތުރުން އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް ލޮޖިސްޓިކްސް ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމްކުރެވިގެންދާނެ އެވެ. މިތަންތަން ހެދުމާއެކު ދަނޑުވެރިކަމުގެ ޕްރޮސެސްކުރާ ފަރާތްތަކާއި ޑިސްޓްރިބިއުޓް ކުރާފަރާތްތަކަށް ޒަމާނީ ވަސީލަތްތަކާއެކު ވާށާޖެހޭ ހައްލެއް އެއްތަނަކުން ލިބިގެންދާ އެވެ.

އެމްއޯޔޫގެ ދަށުން ކުރާނެ ބައެއް މަސައްކަތްތައް

  •  ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުން
  •  ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުން
  •  ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ޤާއިމުކުރުން
  •  އެހެނިހެން ވިޔަފާރިތައް ހިމެނޭ
  •  އެމްއޯޔޫގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުން
  •  ދަނޑުވެރިކަމުގެ ސިނާއީ ހަރަކާތްތަކަށް ހާއްސަ ޖާގައެއް ހޯދައިދީ އިންވެސްޓަރުން ޝައުގުވެރިކުރުން

އިޕޯޓުގެ ބަރޯސާ ކުޑަ ކުރުމުގެ ފެށުން

އެގްރިކަލްޗަރު އިކޮނޮމިކް ޒޯނެއްގެ މައުލޫމާތު ދެނީ


ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓް އިމްޕޯޓުކުރެއެވެ. ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑު މަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެ އަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ. ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާރިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއްނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ޙިއްޞާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ ދެ ޕަސެންޓަށް އަށްވުރެ ވެސް މަދު އަދަދެކެވެ.

ކޮވިޑުން އިބުރަތް ހޯދުން - ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި މާކެޓް ނިޒާމުތައް ބަލިކަށިކަމުންނެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގްތިސޯދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލް އަގްވާމީ ކާރިސާތަކާއި ސަޕްލައިއަށް އަންނަ ހުރަސްތަކާއި ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަ ރޯސާވެފަވާ ރާއްޖެ އަށް ހުރި ނުރައްކާތަށް އިތުރަށް ސާފު ވެގެން ދިޔަ އެވެ.

ސީއެޗްއީސީ - ޗައިނާ ހާބަރު އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީއެޗްއީސީ) އަކީ މަގު، ބްރިޖް، ރޭލްވޭ، އަދި އެއާޕޯޓް، ހެދުމުގެ އިތުރުން މެރިން އިންޖިނިއަރިން، ޑްރެޖިން، އަދި ރިކްލެމޭޝަން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައިވާ ގްލޯބަލް އިންޖިނިއަރިން ކޮންޓްރެކްޓަރެކެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ބިން ހިއްކުމުގެ ކުންފުންޏެއްގެ ގޮތުގައި ބަލައިގަނެ، އޭޝިއާ، އެފްރިކާ، އަދި ޔޫރަޕްގެ އެކި ހިސާބުތަކުގައި މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.